12 Nov 2015, 19:25
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިނގިރޭސި ވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 10 ބިލިއަން ޕައުންޑްގެ ވިޔަފާރި އެއްބަސްވުމުގައި ސޮއި ކުރައްވާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެފި އެވެ.
އިނގިރޭސި ބޮޑުވަޒީރު ޑެވިޑް ކެމެރޫންގެ ދައުވަތަކަށް މޯދީ އިނގިރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމަށް މިއަދު ގޮސްފައިވާއިރު، އެ ގައުމުގައި ތިން ދުވަސް ހޭދަ ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މޯދީގެ ދަތުރުފުޅުގައި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ އިތުރުން އިނގިރޭސި ރާނީއާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އިނގިރޭސި ވިލާތުގައި ހުންނަ މަހާތުމާ ގާންދީގެ ހަނދާނީ ބިނާއަށް ޒިޔާރަތް ކުރައްވައި އެތާ ތަގުރީރު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މޯދީގެ ދަތުރުފުޅާ ބެހޭ ގޮތުން މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ކެމެރަން ވިދާޅުވީ އެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ބޮޑެތި ކަންކަމާއި އެކޮށްް ކުރިމަތިލާ ކާމިޔާބު ކުރުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.
މޯދީ ވިދާޅުވީ އެ ދަތުރުފުޅަކީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ލިބިގެންދާނެ އިތުރުހިތްވަރެއް ކަމަށެވެ.
Thank you@Number10gov. We are very proud of the Indian diaspora in UK. Their role in strengthening India-UK ties is immense.
— Narendra Modi (@narendramodi)November 12, 2015
އިނގިރޭސި މީޑިއާތަކުގައި ބުނެފައި ވަނީ އިންޑިއާގެ ކުރިއަރަމުންދާ އިގްތިސާދަކީ އިނގިރޭސި ވިލާތުގެ ވިޔާފާރިއާ އިގްތިސާދަށްވެސް ލިބޭ ކުރިއެރުމަކަށް ހެދުމަށް ގައުމުން ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި ދެގައުމުގެ ދެމެދުގައި 10 ބިލިއަން ޕައުންޑްގެ ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމަށް ބީބީސީގައި ވަނީ ބުނެފަ އެވެ.
އިންޑިއާ އަދި އިނގިރޭސި ވިލާތަކީ ވިޔަފާރީގެ ގޮތުން ބަދަހި ގުޅުމެއް އަބަދުވެސް އޮއްނަ ދެގައުމެވެ. އިނގިރޭސި ވިލާތުގައި ހިންގާ ވިޔަފާރިތަކުގައި އިންޑިއާގެ 110،000 މީހުން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.