ސްރީލަންކާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ މިހިން ލަންކާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

މިހިން ލަންކާއާ ހަވާލާދީ ލަންކާ ބިސްނަސް އޮންލައިންގައި ބުނެފައި ވަނީ މިއަދުން ފެށިގެން ހަފްތާއަކު ތިން ދުވަހު މާލެއިން ލަންކާގެ ބަންޑާރަނައިކް އިންޓަރނޭޝަނަލް އެއާޕޯޓަށް ފްލައިޓް ދަތުރުތައް ކުރާނެ ކަމަށެވެ. އެއީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ބުރާސްފަތި އަދި ހޮނިހިރު ކަމަށް އެ ނޫހުގައި ވަނީ ބުނެފަ އެވެ.

މާލޭން ލަންކާ އަށް ފުރުން އޮންނާނީ އިރުއޮއްސި 6:55 ގައެވެ. އަދި ލަންކާއިން މާލެ އަށް ފުރުން އޮންނާނީ ހަވީރު 4:30 ގައެވެ.

މިހިން ލަންކާގެ ހެޑް އޮފް ކޮމާޝިއަލް ރޯހަނާ ޕެރޭރާ ވިދާޅުވީ ރާއްޖެއަށް އެ އެއާލައިނުން ދަތުރުތައް ފެށީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށާއި ރާއްޖޭގައި ދިރިއުޅޭ ގައުމުން ބޭރު ބިދޭސީންނަށް ފަސޭހަކަމާއެކު ދަތުރުކުރުމަށް މަގު ފަހިކޮށްދިނުމަށް ކަމަށެވެ.

"ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން. އިންޑިއާ. ބަންގްލަދޭޝް މީހުންނަށް ބޭނުންވޭ ރާއްޖެ އައިސް ގޮސް އުޅުމަށް ހެޔޮ އަގުގައި ފްލައިޓް،" ޕެރޭރާ ވިދާޅުވި އެވެ.

މިހިން އެއާލައިނުން ބުނީ އެއާލައިނުން ދަތުރުތައް ފަށުމާއެކު ރާއްޖެއިން ބޭސްފަރުވާއަށް ލަންކާއަށްދާ މީހުންނަށް އިތުރު ފަސޭހަތަކެއް ކުރިމަތިވެގެން ދާނެ ކަަމަށެވެ.

މިހިން އެއާލައިނުން އެއްކޮޅު ޓިކެޓް ވިއްކަނީ 85 ޑޮލަރު (1310 ރުފިޔާ) އަށް ކަމަށާއި ދެ ކޮޅު ޓިކެޓް ވިއްކަނީ 143 ޑޮލަރު (2205 ރުފިޔާ) އަށް ކަމަށް ވެސް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.