ޗައިނާގެ ސައިންސްވެރިން ކުރި މަސައްކަތަކުން މިނި ކިރާ ހަމަ މުޅިން އެއްގޮތް ކިރު ލިބޭ ގޮތަށް ގެރިތަކަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެސައިންސްވެރިން ބުނެފި އެވެ.

ޗައިނާގެ ސައިންސްވެރިންނާ ހަވާލާދީ ދަ ސަންޑޭ ޓެލެގްރާފުން ބުނި ގޮތުގައި ޗައިނާގެ ސައިންސްވެރިން ވަނީ 300 ގެރިއަށް އިންސާނުންގެ ޖީން ތައާރަފްކޮށްގެން އިންސާނުންގެ ކިރުގައިވާ ހުރިހާ ބައިތަކެއް ފުރިހަމައަށް ލިބިދޭ ފަދަ ކިރެއް އެގެރިތަކުން އުފެއްދޭނެގޮތް ހަދައިފަ އެވެ.

ޗައިނާގެ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެކަމުގެ ސަބަބުން މައިމީހާގެ ކިރު އެކަށީގެންވާ ވަރަށް ނުލިބޭ ހާލަތްތަކުގައި އޭގެ ބަދަލުގައި ބޭނުންކުރާނެ ރަނގަޅު އުފެއްދުމެއް ލިބިގެންދާނެ އެވެ.

ޗައިނާގެ ސައިންސްވެރިންގެ އެމަސައްކަތަކީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށް އިނގިރޭސި ސައިންސްވެރިން ގަބޫލުކުރެ އެވެ. ނަމަވެސް ޖެނެޓިކް ބަދަލު ގެނެސްފައިވާ ކާބޯތަކެތީގެ ބާވަތްތަކާ ދެކޮޅުހަދާ މީހުންގެ ނުރުހުން އެކަމަށް އަމާޒުވެގެންދާނެ ކަމަށް އެމީހުން ގަބޫލުކުރެ އެވެ.

މިނި ކިރާ އެއްގޮތް ކިރު ލިބޭ ފަދަ ގޮތަކަށް ގެރިތަކަށް ބަދަލުގެނައުމުގައި އިސްކޮށް އުޅުއްވި ޕްރޮފެސަރު ނިން ލީ ވިދާޅުވެފައިވާ ގޮތުގައި ޖެނެޓިކް ބަދަލު ގެނެސްފައިވާ ގެރީގެ ކިރަކީ ހަމަ އާދައިގެ ގެރީގެ ކިރެކޭ އެއްފަދައިން ރައްކާތެރި ކިރަކަށް ވެގެންދާނެ އެވެ.

ޕްރޮފެސަރު ނިން ލީ އަކީ ޗައިނާ އެގްރިކަލް ޔުނިވަސިޓީގެ ސްޓޭޓް ކީލެބޯޓްރީސް ފޯ އެގްރޯ ބަޔޯ ޓެކްނޮލޮޖީގެ ޑައިރެކްޓަރެވެ.

ޗައިނާގެ ސައިންސްވެރިން މިހޯދި ހޯދުމާ ގުޅިގެން އިންސާނުންގެ ކިރާ އެއްގޮތް ކިރު ކުރިއަށް އޮތް ދިހަވަރަކަށް އަހަރުގެ ތެރޭގައި ސްޕަމާކެޓްތަކުން ލިބެން ހުންނާނެ ކަމަށް ނިން ލީ ވިދާޅުވެފައިވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ގެރިއަށް ޖެނެޓިކް ބަދަލު ގެނައުމަށް ޗައިނާގެ ސައިންސްވެރިން ބޭނުންކޮށްފައި ވަނީ ކްލޯން ކުރުމުގެ ޓެކްނޮލޮޖީ އެވެ.