12 Nov 2015, 20:07
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅުވައިގެން ފަސް ކުރި އެމްޑީޕީގެ މުޒާހަރާ މި މަހުގެ 27 ވަނަ ދުވަހު ބާއްވާނެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތީ ދިވެހި ރައްޔިތުން ގޭގައި މަޑުން ތިބެންޖެހޭނެ ހާލަތެއްގައި ނޫން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ހާލަތްތަކެއް މެދުވެރިކުރައްވައިގެން، ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފައްދާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ޝިފާޒު ވިދާޅުވީ ސިފައިންގެ ބަޑި ގުދަނުގެ ހަތިޔާރަށް ވީ ގޮތެއް ސަރުކާރުން އޮޅުން ފިލުވައިދީފައި ނުވުމުން ސިޔާސީ ސުލްހަވެރި ހަރަކާތް ނުހިންގާ މަޑަކުން ނުތިބޭނެ ކަމަށެވެ.
މިދިޔަ ހުކުރު ބޭއްވުމަށް ނިންމި މުޒާހަރާ އަލުން ބާއްވަނީ ކުރިން ވެސް އެ މުޒާހަރާއަށް ދީފައިވާ ނަމާއެކުގަ އެވެ. އެ މުޒާހަރާއަށް އެމްޑީޕީން ދީފައިވާ ނަމަކީ "މިންޖުވާން" އެވެ.
މި މަހުގެ 27 ވާ ހުކުރު ދުވަހު ބާއްވާ މިންޖުވާން މުޒާހަރާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިނިވަން ކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާ އެކެވެ. އެމްޑީޕީން ބުނެފައި ވަނީ ނަޝީދު ޖަލުގައި ބަންދުކޮށްފައި ވަނީ ބޭއިންސާފުން ހިފާ ހައްޔަރުކޮށް، ނުހައްގު ދައުވާއެއް އުފުލައިގެން ކަމަށެވެ. އަދި އެމަނިކުފާނު 13 އަހަރަށް ޖަލަށް ލާފައި ވަނީ ނުހައްގު ޝަރީއަތެއްކޮށް ނުހައްގު ހުކުމެއްކޮށްގެން ކަމަށް އެމްޑީޕީން ބުންޏެވެ.
ނަޝީދު ޖަލުން މިނިވަން ކުރުމަށް ބޭރުގެ ފަރާތްތަކުން ގޮވަމުންދާއިރު ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ ދުނިޔެ އާއި ޗެލަންޖް ކުރަމުން ކަމަށާއި އެ ޗެލަންޖް ތަކަށް ޖާގަ ދޭން ބޭނުން ނުވާ ކަމަށް ޝިފާޒު ވިދާޅުވި އެވެ.