12 Nov 2015, 17:17
ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި 10.6 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މަހަކު 300،000 ރުފިޔާ ދިނުމަށް ބަޖެޓްކޮށްފައިވެ އެވެ. އެގޮތުން މާލީ އިނާޔަތެއްގައި މަހެއްގެ މައްޗަށް 75،000 ރުފިޔާ ދިނުމަށާއި ދިރިއުޅުއްވާ ތަނުގެ ހަރަދަށް މަހަކު 50،000 ރުފިޔާ ދިނުމަށާއި މައުމޫންގެ އޮފީސް ހިންގެވުމަށް މަހަކު 175،000 ދިނުމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މާލީ އިނާޔަތެއްގެ ގޮތުގައި މަހެއްގެ މައްޗަށް 50،000 ރުފިޔާ ދިނުމަށް ހިމަނާފައިވާއިރު ދިރިއުޅުއްވާ ތަނުގެ ހަރަދަށް 50،000 ރުފިޔާ ދިނުމަ ވެސް ވަނީ ބަޖެޓުގައި ހިމަނާފަ އެވެ. އަދި އޮފީސް ހިންގެވުމަށް ރައީސް ނަޝީދަށް ވެސް 175،000 ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފަވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދަށް މާލީ އިނާޔާތް ލިބޭ ގޮތަށް ބަޖެޓުގައި ކަނޑައަޅާފައެއްނުވެ އެވެ. ނަމަވެސް އެމަނިކުފާނު ދިރިއުޅުއްވާ ތަނަށް މަހަކު 50،000 ރުފިޔާ ދޭން ވަނީ ހިމަނާފަ އެވެ. އަދި އޮފީސް ހިންގެވުމަށް މަހަކު 175،000 ރައީސް ވަހީދަށް ވެސް ލިބެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މަޖިލީހަށް މިއަދު ހުށަހެޅީ 27.457 ބިލިއަން ރުފިޔާ ބަޖެޓެކެވެ. އަދި މިއަދު ވަނީ ބަޖެޓު ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ބާއްވަފަ އެވެ. އެ ބައްދަލުވުމުގައި ހަފްތާއެއްގެ ތެރޭގައި ބަޖެޓުގެ މަސައްކަތް ނިންމާ ގޮތަށް މިއަދު ވަނީ ނިންމާފަ އެވެ.