(ރާމަﷲ،ހުޅަނގު އައްސޭރި.އޭޕީ) ފަލަސްތީނު މީހުންނާ އެއްގޮތަށް ހެދުން އަޅައި، އޮޅުވާލައިގެން އިސްރާއީލް ސިފައިން ހުޅަނގު އައްސޭރީގެ ހޮސްޕިޓަލަކަށް ވަދެ ފަލަސްތީން މީހަކު މަރާލައިފި އެވެ.

ފަލަސްތީނުގެ އޮފިޝަލަކު ވިދާޅުވީ އިސްރާއީލް ސިފައިން ހޮސްޕިޓަލަށް ވަނީ އިސްރާއީލް މީހަކަށް ވަޅިން ހަމަލާދިން ކަމަށް އެމީހުން ތުހުމަތުކުރާ މީހަކު ހޯދުމަށް ކަމަށެވެ. ހުޅަނގު އައްސޭރީގެ ހަބްރޫނުގައިވާ އަލް އަހުލު ހޮސްޕިޓަލްގެ ޑައިރެކްޓަރު ޖިހާދު ޝަވާރު ވިދާޅުވީ ފަލަސްތީނު މީހުންނާ އެއްގޮތަށް ހެދުން އަޅައިގެން ތިބި ، އިސްރާއީލް ސިފައިންގެ 20 މީހުން އެ ހޮސްޕިޓަލަށް ވަދެގަތް ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ހުރީ މާބަނޑު އަންހެނެއްގެ ސިފަ ޖައްސައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... އައްޒާމް ޝަލާދީޙްގެ ގަޔަށް އުންޑަ އެރުމުގެ ސަބަބުން ލިބިފައިވާ ޒަހަމްތަކަކަށް ފަރުވާ ދެމުން ދިޔަ ސާޖިކަލް ޔުނިޓަށް އެމީހުން ވަދެ، ބަޑިތައް ނަގައި، އެތަނުގައިވާ ކޮޓަރިއަކަށް އެމީހުން ހަމަލާދިން. އެމީހުން ޝަލާދީޙް އާއި އޭނާގެ އަޚަކު ކަނުބަން. އަދި އޭނާގެ އެހެން އަޚަކު ފާހާނާއިން ނުކުތް ވަގުތު އޭނާ ގަޔަށް ބަޑި ޖަހައި މަރައިލި،" ހާދިސާ ކިޔައިދެމުން ޝަވާރު ވިދާޅުވި އެވެ.

ފަލަސްތީނު މީހުން އަޅާ ޒާތުގެ ކަފިއްޔާ އަޅައިގެން، ފޮރުޅުލީ ގޮނޑިއަކަށް މީހަކު ލައިގެން އިސްރާއީލު ސިފައިން އަލް އަހުލު ހޮސްޕިޓަލަށް ވަދެގަތް މަންޒަރު ދައްކުވައިދޭ، ހޮސްޕިޓަލްގެ ސެކިއުރިޓީ ކެމެރާއިން ނަގާފައިވާ ވީޑިއޯއެއް އިސްރާއީލްގެ ޓީވީ ޗެނަލްތަކުން ވަނީ ދައްކާފަ އެވެ.