12 Nov 2015, 16:34
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.457 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ މަޝްވަރާތައް ހަފްތާއެއްގެ ތެރޭގައި ނިންމުމަށް ބަޖެޓު ކޮމެޓީން މިއަދު ނިންމައިފި އެވެ.
މިއަދު މެންދުރު އޮތް ބަޖެޓު ކޮމެޓީގެ ބައްދަލުވުމުގައި އެގޮތަށް ފާސްވީ ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ. މިއަދުގެ ބަޖެޓު ކޮމެޓީގައި އޮތީ ކޮމެޓީގެ މުގައްރިރާއި ނައިބު މުގައްރިރު ހޮވުމާއި ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު ކަނޑައެޅުމެވެ.
މިއަދުގެ ބައްދަލުވުމުގައި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވީ ކޮމެޓީގެ މުގައްރިރަކަށް މިދިޔަ އަހަރުގައި ވެސް ބަޖެޓު ކޮމެޓީގެ މުގައްރިރުކަން ކުރެއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ ނަންފުޅެވެ. އަދި ނައިބު މުގައްރިރަކަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފުގެ ނަންފުޅު ހުށަހެޅުއްވި އެވެ. ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ރިޔާޒު ހުށަހެޅުއްވުމަށް ތާއީދު ކުރެއްވުމުން އެ ދެ ހުށަހެޅުއްވުން ކޮމެޓީގެ ބޮޑު އަގުލަބިއްޔަތުން ފާސްވެގެން ދިޔަ އެވެ.
މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި ދެން ކުރިއަށް ގެންދިޔައީ ސުން ގަޑިތަކެއް ކަނޑައެޅުއްވުމެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލްގެ "އޮޕީނިއަން" ހޯއްދެއްވުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ އަންނަ ހަފްތާގެ ހޯމަ ދުވަހެވެ. ބަޖެޓުގައި ހިމެނިފައިވާ ޕަބްލިކް ސެކްޓާ އިންވެސްޓުމަންޓު ޕްރޮގުރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އަންނަ ހަފްތާގެ 15 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާއި ހަމައަށް ސުންގަޑި ވަނީ ކަނޑައަޅާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ކަންބޮޑުވުންތަކެއް ހުށަހަޅާފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ބަޖެޓު މުއައްސަސާތަކުން ހޭދަ ކުރި ގޮތް ބަލަންޖެހޭނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ. އަދި މިދިޔަ އަހަރު މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުން އެ މުއައްސަސާތަކަށް ހާސިލު ކުރެވިގެން ދިޔައީ ކިހާ މިންވަރެއްތޯ ބަލަން ވެސް ޖެހޭނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. ބައެއް މެމްބަރުން ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި ބަޖެޓް ކޮމެޓީގެ މަސައްކަތްތައް ނިންމުމުގެ ބަދަލުގައި ޒިންމާދާރު ކަމާއި އެކީ މަސައްކަތް ކުރުމަށް ކޮންމެވެސް ވަރެއްގެ ވަގުތެއް އިތުރު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
"އަންނަ ހަފްތާގެ 19 ވަނަ ދުވަހަށް މަސައްކަތް ނިންމުމުގެ ބަދަލުގައި ދުވަސްކޮޅެއް އަދި އިތުރުކޮށްލަދޭން އަޅުގަނޑަށް ފެނޭ. ބަޖެޓަކީ ރައްޔިތުންގެ ޓެކުހުން ދައުލަތަށް ލިބޭނެ އާމްދަނީ ރައްޔިތުންގެ ފައިސާ. މިކަން މިހެން އޮށްވާ އަޅުގަނޑުމެން އެބަޖެހޭ މިދިޔަ އަހަރު މުއައްސަސާތަކަށް ދޫކޮށްފައިވާ ބަޖެޓުގައި ހާސިލުކޮށްފައި ވަނީ ކިހާ މިންވަރެއްތޯ ބަލާލަން އެބަޖެހޭ. އަޅުގަނޑު ނުދަންނަވަން އެބޭފުޅުން މިތަނަން ހާޒިރު ކުރުމަކުންނެއް އެބޭފުޅުންނަށް އިތުރު އެއްޗެއް ދޭނެ ވާހަކައެއް. އަޅުގަނޑުމެންނަށް އެނގެން އެބަޖެހޭ ދީފައިވާ ބަޖެޓުން ކުރެވުނީ ކޮން ކަމެއްތޯ ކޮން ކަމެއްތޯ އެބޭފުޅުން ކުރަން ބޭނުން ވަނީ. އެބޭފުޅުން ވެސް އެބަޖެހޭ ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން،" ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު ނިހާނު ވިދާޅުވީ މެމްބަރުންގެ ހުރި ކަންބޮޑުވުންތައް މަޖިލީހުގެ ރައީސާ ހިއްސާ ކުރައްވާނެ ކަމަށެވެ. އަދި ކޮމެޓީގެ ތާވަލަށް ބަދަލު ގެނައުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ 27.457 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ބަހެއް ހޯދަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް ދީފައިވާ ބަޖެޓަކީ ވެސް އެ ފަރާތްތަކުން ހިތްހަމަޖެހޭ ވަރުގެ ބަޖެޓެއްތޯ ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ފަހަރުގައި ވެސް އަޅުގަނޑުމެންގެ ތަޖުރިބާ އަކީ ފިނޭންސް މިނިސްޓުރީގެ ބޭފުޅުންނާއި އެކީގައި ބަޖެޓު ކޮމެޓީއާ މިނިވަން މުއައްސަސާތަކާ އެކީ އެއް މޭޒެއް ދޮށުގައި އިށީނދެގެން މި ބަޖެޓާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔަ. އަދި މިނިވަން މުއައްސަސާތަކުން ހުށަހެޅިގެން ދިޔަ އެއްޗެއް ނޫން ލިބިގެން ދިޔައީ. އެހެންވީމަ އެއްގޮތަކަށް ވެސް އަވަސް އަރުވާލައިގެން މިކަން ކުރުމުގެ ބޭނުމެއް ނެތް،" ރިޔާޒު ވިދާޅުވި އެވެ.
ބަޖެޓާ ގުޅޭ ބަހުސް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގައި ކަމަށް މަޖިލީހުގެ ރައީސް މިއަދު ވިދާޅުވި އެވެ.