ޓެލްއަވީވް (ނޮވެމްބަރު 12) : ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ވަޒަންވެރި ކުރުވާފައިވާ ޔަހޫދީ އާބާދީތަކުގައި އުފައްދާ ތަކެތީގެ ތެރެއިން ޔޫރަޕްގެ އިއްތިޙާދަށް އެކްސްޕޯޓްކުރާ ތަކެތީގައި ލޭބަލެއް ޖަހާ ގޮތަށް ޔޫރަޕިޔަން ކޮމިޝަނުން ނިންމުމުން ރުޅިވެރިކަމާ އެކު އެކަމަށް އިސްރާއީލުން ރައްދު ދީފި އެވެ.
ޔޫރަޕިޔަން ކޮމިޝަންގެ މިނިންމުމަށް އިޙްތިޖާޖް ކުރުމުގެ ގޮތުން އިސްރާއީލުގެ ޚާރިޖިއްޔާ އިން ވަނީ އެގައުމުގައި ހުންނަވާ ޔޫރަޕްގެ އިއްތިޙާދުގެ ސަފީރު ޙާޒިރުކޮށް އިހްތިޖާޖްގެ ލިޔުމެއް އޭނާއާ ހަވާލުކޮށްފަ އެވެ. އިހްތިޖާޖްގެ ލިޔުން އިސްރާއީލުގެ ސަފީރާ ހަވާލުކުރުމަށް ފަހު އެވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ޔޫރަޕްގެ އިއްތިޙާދުން އިސްރާއީލުގެ އުފެއްދުންތައް ބޮއިކަޓް ކުރުމުގެ މަގްސަދުގައި ހިންގި ތަފާތު ކުރުމުގެ އަމަލެއްކަމަށާ މިކަން ގަބޫލުނުކުރެވޭނެ ކަމުގަ އެވެ. އަދި ޔޫރަޕިޔަން ކޮމިޝަންގެ މިނިންމުމަކީ ސިޔާސީ ނިންމުމެއްކަމަށް ވެސް އިސްރާއީލުގެ ޚާރިޖިއްޔާ އިން ބުނެފައިވެ އެވެ.

ޔޫރަޕިޔަން ކޮމިޝަނުން ބުނެފައި ވަނީ ފަލަސްތީނުގެ ހުޅަނގު އައްސޭރިއަކީ 1967ގެ ހަނގުރާމައިގާ އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިމެއްކަމަށާ އެބިމުން ފޭބުމަށް އިސްރާއީލަށް ގޮވަލާ އދ.ގެ ގަރާރުތަކަށް އިސްރާއީލުން ބޯލަބަންޖެހޭނެ ކަމުގަ އެވެ. އެހެންކަމުން އދ.ގެ ގަރާރުތަކަށް އިސްރާއީލުން ބޯނުލަނބައި ހުޅަނގު އައްސޭރީގައި ގަދަބާރުން ފައިހަރުކޮށް އެބިންތަކުގައި ގާވައިދާ ޚިލާފަށް ޔަހޫދީން ވަޒަންވެރިކުރުވައިގެން ޔަހޫދީ އަވަށްތައް ހެދުމަށް ފަހު އެއަވަށްތަކުގައި ޔަހޫދީ ވަޒަންވެރިން ލައްވައި އިސްރާއީލު އުފައްދާ ތަކެތި، ޔޫރަޕްގެ އިއްތިޙާދަށް އެތެރެކުރާ އެހެން ތަކެއްޗާ ވަކިކޮށް އެތަކެތި ފާހަގަވާގޮތަށް ހަދަން ޖެހޭ ކަމުގަ އެވެ.
އަދި ލޭބަލެއް ޖަހައިގެން މިތަކެތި ވަކިކުރުމުގެ ބޭނުމަކީ އިސްރާއީލުން ގަވައިދާ ޚިލާފަށް ފަލަސްތީނުގެ ބިންތަކުގައި އުފައްދާ ތަކެތި ބޮއިކަޓް ކުރަންބޭނުންވާ ފަރާތްތަކަށް އެތަކެތި ވަކިކުރަން އެނގޭނެ ގޮތެއް ހެދުންކަމަށް ވެސް ޔޫރަޕިޔަން ކޮމިޝަނުން މިކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައިވެ އެވެ. ޔޫރަޕިޔަން ކޮމިޝަނުން މިނިންމުން ނިންމާފައި މިވަނީ އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އުފައްދާ ތަކެތި ބޮއިކަޓް ކުރުމަށް ޔޫރަޕްގެ ގައުމުތަކުގެ އާންމު ރައްޔިތުން ސޯޝަލް މީޑިޔާގައާއި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރާ މުޒާހަރާތަކާއި ބާއްވާ ފޯރަމްތަކުގައި ގޮވާލަމުންދާ ދުވަސްވަރެއްގަ އެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ގަވައިދާ ޚިލާފަށް އުފައްދާ ތަކެތީގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 154 މިލިޔަން ޔޫރޯގެ ތަކެތި ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަށް އެކްސްޕޯޓް ކުރެއެވެ. މިއީ އިސްރާއީލާއި ޔޫރަޕްގެ އިއްތިޙާދާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ ގާތްގަނޑަކަށް އެކެއް އިންސައްތަ އެވެ.

ޔޫރަޕްގެ މިފިޔަވަޅުގެ ސަބަބުން އިސްރާއީލު ޔޫރަޕްގައިވެސް އިތުރަށް އެކަހެރިވެގެންދާނެ ކަމަށް މުރާސިލުން ބުނެ އެވެ. އަދި މިފިޔަވަޅުގެ ސަބަބުން އިސްރާއީލަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ނުލިބުނު ނަމަވެސް މިކަމުގެ ސަބަބުން އިސްރާއީލަކީ ބައެއްގެ ބިންތައް ގަދަބާރުން ހިފައި އެބިންތަކަށް ވެރިވެ ގަނެގެންއުޅޭ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގައި މިހާރަށްވުރެ ބޮޑަށް އިސްރާއީލު ލޭބަލް ކުރެވިގެންދާނެ އެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ގަވައިދާ ޚިލާފަށް އުފައްދާ ތަކެތި ވިލާތުގެ އިއްތިޙާދުގެ އިތުރުން އިސްރާއީލުން އެމެރިކާއަށްވެސް އެކްސްޕޯޓް ކުރަމުން ގެންދެއެވެ. އެމެރިކާއަކީ އިސްރާއީލުގެ ހަރުކަށި އަމަލުތަކަށާއި އިސްތިއްމާރީ ހަކަރާތްތަކަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ. (ނޫސްއެޖެންސީތައް)