Last Updated:
1 decade 2 week ago

ހޮންކޮން އަތުން އަނެއްކާ ވެސް ރާއްޖެ ބަލިވެއްޖެ

    ބުލޮގު ޚުލާސާ

    ވޯލްޑް ކަޕް ކޮލިފައިން އޭޝިއާ ޒޯން ގްރޫޕް ސީ ގައި ދިވެހިރާއްޖެ އާއި ހޮންކޮން ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.


    17:59

    ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ހޮންކޮންގާ ދެކޮޅަށް ރާއްޖެ ކުޅުނު ދެވަނަ ލެގުގެ މެޗުން 1-0 އިން ރާއްޖެ ބަލިވެއްޖެ އެވެ. ކޮލިފައިންގައި ހޮންކޮންގާ ދެކޮޅަށް އެ ގައުމުގައި ރާއްޖެ ކުޅުނު ފުރަތަމަ ލެގުގެ މެޗުން ރާއްޖެ ބަލިވީ 2-0 ލަނޑުން ނެވެ.

    ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ވޯލްޑް ކަޕް އޭޝިއާ ޒޯން ގްރޫޕް ސީގެ މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ހޮންކޮން ޓީމުން ކާމިޔާބުކުރީ މެޗުގެ 13 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ފޯވާޑް، ޕައުލޯ ރޮބްސްޕިއެރީ ކަރެއިރޯ އެވެ.

    ހޮންކޮން ޓީމަށް ޕެނަލްޓީއެއް ލިބުނީ ރާއްޖޭ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރޭން ޕައުލޯ ކަރެއިރޯ ބޯޅަ ހިފައިގެން ދާންއުޅުމުން ރާއްޖޭ ކީޕަރު އިމްރާން މުހައްމަދު ބޯޅަ ހޯދަން ޑައިވްކުރި ވަގުތު އިމްރާންގެ އަތުން ޕައުލޯގެ ފައިގައި ޖެހި އޭނާ ވެއްޓުމުންނެވެ.

    މެޗުގެ ފުރަތަމަ ހާފްގައި ހޮންކޮން ޓީމުން ލަނޑު ޖެހި ނަމަވެސް އެޓީމަށް ރާއްޖޭ ގޯލަށް އިތުރަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. ނަމަވެސް، ހޮންކޮން ޓީމުން ލަނޑު ޖެހުމުގެ ކުރިން ރާއްޖޭ ޓީމަށް ވަނީ ލަނޑު ޖަހާނޭ ހަތަރުވަރަކަށް ފުރުސަތު ލިބި ބޭކާރު ވެފައެވެ. އަދި ފުރަތަމަ ހާފްގައި އެނޫނަސް ލަނޑު ޖަހާނޭ އިތުރު ފުރުސަތުތައް ވެސް ރާއްޖޭ ޓީމަށް ލިބުނެވެ.

    މިއަދުގެ މެޗުގެ މެޗަކީ ރާއްޖޭ ޓީމުގެ ކޯޗު ރިކީ ހާބަޓް ޓީމާ ހަވާލުވި ފަހުން ރާއްޖޭގައި ކުޅުނު ފުރަތަމަ މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން ރާއްޖޭ ޓީމު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ވަނީ 4-3 ލަނޑުން މޮޅުވެފައެވެ. އަދި އޭގެ ފަހުން މިދިޔަ މަހު ގަތަރާ ދެކޮޅަށް އެގައުމުގައި ކުޅުނު މެޗުން ރާއްޖެ ވަނީ 4-0 ލަނޑުން ބަލިވެފައެވެ.

    މިއަދުގެ މެޗަށް ނުކުތް އިރު ކޯޗު ރިކީ ހާބަޓް ބުނެފައި ވަނީ، އޭނާ ބޮޑަށް އިސްކަންދޭނީ އެޓޭކިން ގޭމެއް ކުޅުމަށް ކަމަށާއި ހޮންކޮންއާ ދެކޮޅަށް ޒުވާން ކުޅުންތެރީން ބޭނުންކުރާނޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ މެޗުގެ 80 ވަނަ މިނިޓްގައި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ ބަދަލުގައި ޒުވާން ފޯވާޑް ހަސަން ނާއިޒް އަދި ވައިސް ކެޕްޓަން މުޙައްމަދު އާރިފް (ބަކާ)ގެ ބަދަލުގައި އަލީ ފާސިރު ސެންޓޭއަށް ފުރުސަތު ދީފައެވެ. މީގެ އިތުރުން 87 ވަނަ މިނިޓްގައި ކޯޗު ވަނީ ހަމްޒާ މުޙައްމަދުގެ ބަދަލުގައި އަންސާރު އިބްރާހީމް އަށް ފުރުސަތު ދީފައެވެ.

    ފަހު ހާފުގައި ވެސް ރާއްޖޭ ޓީމަށް ނަތީޖާ ހަމަހަމަކުރާނޭ ދެތިން ފުރުސަތެއް ލިބި ވަނީ ބޭކާރު ވެފައެވެ.

    މި ނަތީޖާއާއެކު ގްރޫޕް ސީގެ ދެވަނައިގައި އޮތް ހޮންކޮންގަށް ވަނީ 13 ޕޮއިންޓު ލިބިފައެވެ. ގްރޫޕްގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓާއެކު ގަތަރެވެ. ގްރޫޕްގެ ތިން ވަނައިގައި އޮތް ޗައިނާއަށް 10 ޕޮއިންޓް ލިބިފައި ވާއިރު މިއަދު އެޓީމު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 12-0 ލަނޑުންނެވެ. ގްރޫޕުގެ ހަތަރު ވަނައިގައި ރާއްޖެ އޮތީ 3 ޕޮއިންޓާއެކު އެވެ. ބޫޓާން އޮތީ ގްރޫޕުގެ ފުލުގައި ޕޮއިންޓެއް ނުލިބި އެވެ.

    މި މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި ވާދަކުރާން ޖެހޭނީ، ޗައިނާއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ 2016 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު ޗައިނާގައެވެ. އެއަށް ފަހު މި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މާޗް މަހުގެ 29 ވަނަ ދުވަހު ކުޅޭނީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ރާއްޖޭގައެވެ.

    17:49

    މި މެޗުގެ ނަތީޖާއާއެކު ގްރޫޕް ސީގެ ދެވަނައިގައި އޮތް ހޮންކޮންގަށް މިވަނީ 13 ޕޮއިންޓު ލިބިފައި. ގްރޫޕްގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓާއެކު ގަތަރު. ތިން ވަނައިގައި އޮތް ޗައިނާއަށް ލިބިފައި ވަނީ، 7 ޕޮއިންޓް އެހެން ނަމަވެސް އެޓީމު މިއަދު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ 10 ޕޮއިންޓް ލިބޭނެ. ގްރޫޕުގެ ހަތަރު ވަނައިގައި ރާއްޖެ އޮތީ 3 ޕޮއިންޓާއެކު. ބޫޓާނަށް ޕޮއިންޓެއް ނުލިބޭ.

    17:46

    ފުރަތަމަ ހާފްގެ 11 ވަނަ މިނިޓްގައި ހޮންކޮންގަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ލަނޑު ކާމިޔާބުކުރީ، ޕައުލޯ ރޮބްސްޕިއެރީ.

    17:45

    ހޮންކޮން 1، ރާއްޖެއަށް ލަނޑެއް ނުޖެހޭ.

    17:44

    މެޗު ނިމިއްޖެ.

    17:43

    ހޮންކޮން ޕެނަލްޓީ އޭރިޔާގެ ބޭރުން އެޓީމުގެ ގޯލަށް ހޮކޭ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.

    17:42

    މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެގޮތުގައި 3 މިނިޓް ދައްކައިފި.

    17:41

    ހޮންކޮން ގޯލް ކުރިމަތިން ހަސަން ނާއިޒު ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.

    17:38

    ރާއްޖޭ ޓީމުން އަނެއްކާ ވެސް ބަދަލެއް. ޒުވާން ފޯވާޑް ހަމްޒާގެ ބަދަލުގައި ކުޅެން އެރީ ޒުވާން މިޑްފީލްޑަރު އަންޞާރު އިބްރާހީމް.

    17:36

    ހޮންކޮން ޓީމަށް ނަތީޖާ ފުޅާކޮށްލަން ރަނުގެ ފުރުސަތެއް ގެއްލުނީ. ރާއްޖޭ ގޯލް ކުރިމަށްޗަށް ހުރަސްކޮށްލި ބޯޅައަށް އަރައި ހުރި ހޮންކޮން ޓީމުގެ އަލެސެންޑްރޯ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ބޭރަށް.

    17:35

    މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިއޮތީ ހަތްވަރަކަށް މިނިޓް. ރާއްޖެއަށް އަދިވެސް ލަނޑެއް ނުޖެހޭ. ހޮންކޮން 1.

    17:34

    ހޮންކޮން އޭރިޔާތެރޭން އަސަދުﷲ އަށް ލިބުނު ބޯޅަ އެހާ ބާރަށް ގޯލަށް ފޮނުވައެއްނުލެވުނު. ހޮންކޮން ކީޕަރު ޔަޕް ހުން ފައިގެ އަތަށް.

    17:31

    ރާއްޖޭ ޓީމުން ދެ ބަދަލު އެއްފަހަރާ. ކެޕްޓަން އަލީ އަޝްފާގު(ދަގަނޑޭ)ގެ ބަދަލުގައި ހަސަން ނާއިޒް. ވައިސްކެޕްޓަން އާރިފް (ބަކާ)ގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ).

    17:29

    ނާއްޓޭ ވަރަށް ރީތިކޮށް ރާއްޖޭ ހާފްތެރޭން ބޯޅަ ހޯދައިގެން ގޮސް ހޮންކޮން ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭއަށް ބޯޅަ ދެވޭތޯ މަސައްކަތްކުރި. އެހެން ނަމަވެސް ނާއްޓެއަށް ރަނގަޅަށް ބޯޅަ ފޮނުވާލެވޭގޮތެއް ނުވި. ހޮންކޮން ކުޅުންތެރީން ބޯޅަ ދިފާއުކޮށް ފޮނުވާލީ.

    17:25ޗައިނާ - ބޫޓާން

    ޗައިނާ އާއި ބޫޓާން ވާދަކުރާ މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ޗައިނާއިން މިވަނީ 7 ލަނޑު ޖަހާފައި. ބޫޓާނަށް ލަނޑެއް ނުޖެހޭ.

    17:23

    ރާއްޖޭގެ ގޯލަށް ހޮންކޮންގެ ހަމަލާއެއް. ޕެނަލްޓީ އޭރިޔާ ބޭރުން ހޮންކޮން ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ދިފާއުކުރީ.

    17:21

    ހޮންކޮން އޭރިޔާ ތެރޭން ރާއްޖޭ ކުޅުންތެރިން ގޯލްކުރިމައްޗަށް ބޯޅަ ހުރަސްކޮށްލެވޭތޯ މަސައްކަތް ކުރި. އެހެން ނަމަވެސް ހޮންކޮން ކުޅުންތެރީން ބޯޅަ ދިފާއުކޮށް ބޭރުކޮށްލީ.

    17:20ޗައިނާ - ބޫޓާން

    ޗައިނާއިން އަނެއްކާ ވެސް ލަނޑެއް ޖަހައިފި. މިހާރު ޗައިނާ 6، ބޫޓާނަށް ލަނޑެއް ނުޖެހޭ.

    17:19

    ހޮންކޮން ޓީމުން ނުރައްކާތެރި ހަމަލާއެއް. ރާއްޖޭ ގޯލް ކުރިމައްޗަށް އެޓީމު ކުޅުންތެރިއަކު ހުރަސްކޮށްލި ބޯޅަ، ފޯވާޑް ޕައުލޯގެ ފައިގައި ބޯޅަ ލައްވައެއް ނުލި.

    17:18

    ހޮންކޮން ޕެނަލްޓީ އޭރިޔާގެ އަރިމަތިން ގޯލަށް އަމާޒުކޮށް ނާއްޓޭ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށް.

    17:16

    ހޮންކޮން ޓީމުން އަނެއްކާވެސް ބަދަލެއް. ފޯވާޑް ޗެން ސުއި ކީގެ ބަދަލުގައި ކުޅެން އެރީ ޖައިމޭސް މެކީ.

    17:16

    ރާއްޖެއަށް ކޯނަރެއް.

    17:15

    ރާއްޖޭ ޓީމުން ހަމަލާއެއް އުފެއްދޭތޯ މަަސަކްތަކުރަނީ.

    17:13ޗައިނާ - ބޫޓާން

    ގްރޫޕް ސީގައި މިއަދު ކުޅޭ އަނެއް މެޗުގައި ވާދަކުރަނީ، ޗައިނާއާއި ބޫޓާން. އެމެޗުގެ ފުރަތަމަ ހާފް ނިމެން ކައިރި ވެފައި ވާއިރު، ޗައިނާއިން މިހާރު ވަނީ 5 ލަނޑު ޖަހާފައި. ބޫޓާނަށް ލަނޑެއް ނުޖެހޭ.

    17:09

    ހޮންކޮން ޓީމުން ބަދަލެއް. ކުރިއަށް ކުޅޭ އެލެކްސެންޑާގެ ބަދަލުގައި ކުޅެން އެރުވީ، މެދުތެރެއަށް ކުޅޭ ލިއުން ޗުން ޕޮން.

    17:03

    ރާއްޖޭ ޓީމުގެ ކޯޗް ރިކީ ހާބަޓް މި މެޗުގެ ކުރިން ބުނެފައި ވަނީ މިއަދުގެ މެޗުގައި އޭނާގެ ކުޅުންތެރީން ލައްވައި ކުޅުވާނީ އެޓޭކިން ގޭމެއް ކަމަށް. އެގޮތުން މި މެޗުގައި ރާއްޖޭ ޓީމުން ފެނިގެން މިދަނީ ކޯޗު ބުނިފަދަ އެޓޭކިން ގޭމެއް. އަދި ރާއްޖޭ ޓީމަށް ވަނީ ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ވެސް ތަނަވަސްވެ ބޭނުން ނުހިފިފައި.

    17:01

    ހޮންކޮން ޓީމުން ރާއްޖޭގެ ޕެނަލްޓީ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ އެޓީމުގެ ކުޅުންތެރިއަކަށް ލިބޭގޮތެއް ނުވި. ބޯޅަ ދިޔައީ ބޭރަށް.

    17:00

    ދަގަނޑޭއަށް ފައުލުކުރުމުން ހޮންކޮންގެ ޑިފެންޑަރު ބައިސޭ ފެސްޓަސް އަށް ރީނދޫ ކާޑެއް. ރާއްޖެއަށް ހޮންކޮން ހާފްތެރޭން ހިލޭ ޖެހުމެއް.

    16:59

    ހޮންކޮން ޓީމަށް ރާއްޖޭ ޕެނަލްޓީ އޭރިޔާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ރާއްޖޭ ކުޅުންތެރިން ދިފާއުކޮށްފި.

    16:58

    ހޮންކޮން ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭއަށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ސީދާ ކީޕަރުގެ އަތަށް.

    16:58

    ރާއްޖޭ ޓީމަށް ކޯނަރެއް.

    16:56

    ދެވަނަ ހާފްގެ ކުޅުން ފަށައިފި.

    16:56

    ދެވަނަ ހާފް ކިކް އޯފް ކުރަނީ ހޮންކޮން.

    16:55

    ދެވަނަ ހާފް ފެށުމަށް ދެޓީމުގެ ކުޅުންތެރީން ދަނޑަށް ނުކުމެއްޖެ.

    16:39

    ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. ހޮންކޮން 1، ރާއްޖެއަށް ލަނޑެއް ނުޖެހޭ.

    16:39

    ދަނގަޑޭ ފޮނުވާލި ހިލޭޖެހުން، ހޮންކޮން ގޯލްގެ އަރިމަތިން ބޭރަށް.

    16:38

    ހޮންކޮން އޭރިޔާ ބޭރުން ރާއްޖެއަށް ހިލޭ ޖެހުމެއް.

    16:38

    ފުރަތަމަ ހާފްގެ 45 މިނިޓްގެ ކުޅުން ނިމި އިތުރު ވަގުތުގެ ގޮތުގައި 2 މިނިޓް ކުޅުން ދައްކައިފި.

    16:31

    ރާއްޖޭ ޓީމް ވަރަށް ބޮޑަށް ކުރިއަށްޖެހިގެން ހޮންކޮން ހާފުތެރޭގައި ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކުރަނީ.

    16:29

    މެޗުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން ސަޕޯޓަރުން ވަކިވަކިން ޗެކްކުރާން ހަމަޖެހިފައި ވާތީ، މި މެޗަށް ތައްޔާރުވަމުން އައިއިރުވެސް ސަލާމަތީ ބާރުތަކުންނާއި އަދި އެފްއޭއެމުން ވެސް ވަނީ، ސަޕޯޓަރުން އަވަހަށް ދަނޑަށް ވަނުމަށް އިލްތިމާސްކޮށްފައި.

    16:26

    ފުރަތަމަ ހާފްގެ ކުޅުން ނިމެން 10 ވަރަކަށް މިނިޓަށް ވެފައި މިވަނީ. އަދިވެސް ދަނޑަށް ވަންނަން ގިނަ ބަޔަކު ދަނޑުން ބޭރުގައި ކިއުޖެހިފައި.

    16:26

    ދަގަނޑޭ ބޯޅަ ހިފައިގެން ދާން އުޅެނިކޮށް ހޮންކޮން ކުޅުންތެރިއަކު މިވަނީ ދަގަނޑޭއަށް ފައުލްކޮށްފައި. ރާއްޖެއަށް ޖެހުމެއް.

    16:24

    ރާއްޖޭ ޓީމުން އަނެއްކާވެސް ހަމަލާއެއް. ހޮންކޮން އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ނާއްޓެއަށް މިފަހަރުވެސް ފޮނުވާލެވޭ ގޮތެއް ނުވި.

    16:22

    ނާއްޓޭއަށް އަނިޔާވެގެން ކުޑައިރުކޮޅަކަށް ކުޅުން މެދުކަނޑާލުމަށް ފަހު އަނެއްކާވެސް ކުޅުން ފަށައިފި.

    16:21

    ރާއްޖޭގެ ޓީމުން އަނެއްކާވެސް ހަމަލާއެއް. ނާއްޓެ ފޮނުވާލި ހަމަލާ ވަނީ ހޮންކޮން ޓީމު ކުޅުންތެރީން ދިފާއުކޮށްފައި.

    16:20

    ހޮންކޮން ޓީމުން ނުރައްކާތެރި ހަމަލާއެއް ރާޖޭގެ ގޯލަށް އަމާޒުކުރި ނަމަވެސް ރާއްޖޭގެ ޓީމުގެ ހޮކޭ ބޮލުން ޖަހައި ބޯޅަ ދިފާއުކޮށްފި.

    16:19

    ސްޓޭޑިއަމުން މިވަގުތު ވަނީ ކަރަންޓް ކެނޑިފައި. އެހެންވެ ޓީވީއެމްގެ ލައިވް ކަވަރޭޖް ވަނީ ކެނޑިފައި.

    16:18

    ދަނޑަށް ވަންނަން އައި ގިނަ ބަޔަކު ސެކިއުރިޓީ ޗެކް ނުކުރެވިގެން ކިއުގައި.

    16:12

    އާންމުކޮށް ގައުމީ ޓީމު ކުޅޭ މެޗުތަކަށް ދަނޑަށް ވަރަށް ގިނަ އަދަދަކަށް މީހުން ވަން ނަމަވެސް މިއަދު އަދި ދަނޑު ފެންނަނީ ވަރަށް ފަޅުކޮށް.

    16:11

    ދަނޑުގެ އަރިމަތިން ބޯޅަ ހޯދައިގެން ނާއްޓޭ އެކަނި ވަރަށް ރީތިކޮށް ބޯޅަ ހިފައިގެން ގޮސް ހޮންކޮން ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ހަމަލާ ގޯލްގެ އަރިމަތިން ބޭރަށް.

    16:08

    ރާއްޖޭ ޓީމުން މިވަނީ ފުރަތަމަ ހާފުގެ ފުރަތަމަ 15 މިނިޓް ތެރޭގައި ނަތީޖާ ބަދަލުކޮށްލާނޭ ވަރަށް ރަނގަޅު ހަތަރު ވަރަކަށް ފުރުސަތު ހޯދާފައި. އެހެން ނަމަވެސް ގޯލް ތެރެއަށް ބޯޅަ ފޮނުވާލެވޭ ގޮތެއް ނުވޭ. ހޮންކޮން މިވަނީ އެއް ލަނޑު ޖަހާފައި.

    16:04

    ހޮންކޮން ޓީމުގެ ޕައުލޯ ފޮނުވާލި ޕެނަލްޓީ ގޯލްގެ މެދުން މަތީ ދާގަނޑަށް. ވަރަށް ރީތި ލަނޑެއް.

    16:03

    ހޮންކޮން ޓީމުގެ 17 ނަމްބަރު ކުޅުންތެރިޔާ ބޯޅަ ހިފައިގެން ރާއްޖޭ އޭރިޔާ ތެރެއަށް ވަންނަނިކޮށް ކީޕަރު އިމްރާން ބޯޅަ ހޯދަން ޑައިވްކުރި ވަގުތު އިދިކޮޅު ކުޅުންތެރިޔާގެ ފައިގައި ޖެހި އޭނާ ވެއްޓުނީ. ރެފްރީ މިވަނީ އިމްރާނަށް ރީނދޫ ކާޑެއް ދައްކާފައި.

    16:03

    ހޮންކޮން ޓީމަށް ޕެނަލްޓީއެއް.

    16:02

    އަނެއްކާވެސް ރާއްޖޭ ޓީމުން ހަމަލާއެއް. ދަގަނޑޭ ހޮންކޮން ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅަ މަތަކުރަން އެޓީމުގެ ކީޕަރު ނުކުމެ ބޯޅައިގައި އަތްލީ އޭރިޔާ ބޭރުން. އެހެން ނަމަވެސް ރެފްރީ ދެއްކީ ކުޅުން ކުރިއަށް ގެންދަން. ދެވަނަ ފަހަރަށް ދަގަނޑޭ ފޮނުވާލި ބޯޅަ ދިފާއުކުރީ އެޓީމުގެ ޑިފެންޑަރެއް.

    16:00

    ރާއްޖޭ ކުޅުންތެރީން އަނެެއްކާވެސް ހަމަލާއެއް އުފައްދައިފި. ހޮންކޮން އޭރިޔާ ތެރޭން އަސަދުﷲ، އީސައަށް ޖައްސާލި ބޯޅަ އީސައަށް ގޯލަށް އަމާޒެއް ނުކުރެވުނު.

    15:58

    ހޮންކޮން ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅަ ހޯދުމަށްފަހު ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއް ނުވި.

    15:55

    ދަގަނޑޭ ވަރަށް ރީތިކޮށް ހޮންކޮން ޕެނަލްޓީ އޭރިޔާގެ އަރިމައްޗަށް ފޮނުވާލި ބޯޅަ ނާޓޭއަށް ކޮންޓްރޯލް ކުރެވުނީ ތަންކޮޅެއް ދުރުން. ނާއްޓެ ބޯޅަ ހޯދުމަށްފަހު ނަގައިދިން ހުރަސް މާބޮޑަަށް މަތިން ގޮސް ދަނޑުގެ އަނެއް ފަރާތުން ބޭރަށް.

    15:54

    ރާއްޖޭގެ ފުރަތަމަ އެގާރަ:

    • މުހައްމަދު އިމްރާން (ގޯލްކީޕަރު)،

    • އަމްދާން އަލީ (އެންޑީ)،
    • ޝާފިއު އަހުމަދު،
    • އަހުމަދު އަބްދުﷲ (ލިލީ)،
    • މުހައްމަދު ރަޝީދު (ހޮކޭ)،
    • މުހައްމަދު އާރިފް (ބަކާ)،
    • އިސްމާއިލް އީސާ (މެސީ)،
    • އަހުމަދު ނާޝިދު (ނާއްޓޭ)،
    • ހަމްޒާ މުހައްމަދު (ހަމްޕު)،
    • އަލީ އަޝްފާގް (ދަގަނޑޭ)،
    • އަސަދުﷲ އަބްދުﷲ.
    15:53

    ހޮންކޮން އޭރިޔާ ތެރޭން ދަގަނޑޭ ފޮނުވާލި ބޯޅަ އެޓީމުގެ ކީޕަރުގެ އަތަށް.

    15:52

    މެޗު ފަށައިފި.