ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގެ ބުދަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ ގާނޫނުގައިވާގޮތުން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަންޖެހޭނެއެވެ.

އެ މަގާމަށް ކުރިމަތިލާ މީހަކީ އުމުރުން 25 އަހަރުވެފައިވާ ދިވެއްސަކަށްވާންޖެހެއެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއިން ޑިގްރީއެއް އޮތުމާ އެކު ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

އެ މަގާމަށް ކުރިމަތިލާ މީހަކީ އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވާންޖެހޭނެ ކަމަށް ވެސް ގާނޫނުގައި ވެއެވެ.

އިންތިޚާބުކޮށްފައިވާ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުމަކީ ވެސް އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިންގެ އިތުބާރުނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

މިހާރު އިއުލާންކޮށްފައި އެވަނީ ރާއްޖޭގެ ތިން ވަނަ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ބޭފުޅަކު ހޮވުމަށެވެ.

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލީހަށް ހުށަހެޅުއްވުމުން މުއިއްޒު ވަނީ އިސްތިއުފާދެއްވައިފައެވެ.