މިސްރުގެ ސައިނާއީ މަތިން އުދުހެނިކޮށް ރަޝިޔާގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާއާ ގުޅިގެން މިސްރުގެ ޝަރުމުއް ޝައިޚު ރިސޯޓަށް ޓޫރިސްޓުން ޒިޔާރަތް ކުރާ މިންވަރު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.

މިސްރުގެ ޗެމްބަރް އޮފް ޓޫރިޒަމް ފެސިލިޓީސްއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ ޝަރުމުއް ޝައިޚަށް ޒިޔާރަތް ކުރުމަށް ޓޫރިސްޓުން ހަދާފައިވާ ބުކިން ތަކުގެ 80 ޕަސެންޓް، މަތިންދާބޯޓް ވެއްޓުނު ހާދިސާއާ ގުޅިގެން ކެންސަލްކޮށްފައިވާ ކަމަށެވެ. އައި އެ ރިސޯޓްގައި ތިބި ޓޫރިސްޓުންގެ ތެރެއިން 40 ޕަސެންޓް މީހުން މިހާރު އެރަށް ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

"...އެމީހުން ދެން އެނބުރިއެއް ނާންނާނެ. އަހަރެމެންނަށް ދެން ލިބޭނީ މަދު އަދަދެއްގެ ޔުކްރޭން މީހުންނާއި ބެލާރުސް މީހުން،" މިސްރުގެ ޗެމްބަރް އޮފް ޓޫރިޒަމް ފެސިލިޓީސްގެ ވެރިޔާ ޙުސައިން ފައުޒީ ބުނި ކަމަށް އޭޕީގެ ހަބަރުގައި ވެއެވެ.

މިސްރުގެ ޝަރުމުއް ޝައިޚް ރިސޯޓުން ފުރައިގެން ރަޝިޔާއަށް ދަތުރުކުރި ރަޝިޔާގެ މަތިންދާބޯޓް ވައްޓައިލި ހާދިސާއާ ގުޅިގެން ރަޝިޔާއިން ވަނީ އެގައުމުގެ މަތިންދާބޯޓްތައް ޝަރުމުއް ޝައިޚަށް ދަތުރުކުރުން މަނާކޮށްފައެވެ. އެހާދިސާ ހިނގުމުގެ ކުރިން އެރިސޯޓަށް އެއް ގައުމަކުން އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ގައުމަކީ ރަޝިޔާއެވެ.

ރަޝިޔާގެ އެއާލައިނެއް ކަމަށްވާ މެޓްރޯ ޖެޓް ސައިނާއީއަށް ވެއްޓުނު ހާދިސާގައި 224 މީހުން މަރުވިއެވެ. އެބޯޓް ވައްޓައިލި ކަމަށް އިސްލާމިކް ސްޓޭޓް ( އައިއެސް) އިން ވަނީ ބުނެފައެވެ. އެބޯޓް ވެއްޓުނީ ބޯޓްގައި އެއްޗެއް ގޮވުމުގެ ސަބަބުން ކަމަށް ހާދިސާ ތަހުގީގުކުރި ބައެއް ގައުމުތަކުން ވަނީ ބުނެފައެވެ. ނަމަވެސް މިސްރު ސަރުކާރުން ގެންދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.