04 Apr 2011, 09:00
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ބަނުލް މުޞްޠަލިޤު ވަންހައިގެ ހަނގުރާމައިން އެނބުރި މަދީނާއަށް ވަޑައިގެންނެވި އިރުގެ ޙާދިޘާއެކެވެ. އިތުރު ސާހިބާ އިސްލާމީ ލަޝްކަރާއިގެން މަންޒިލަކަށް މަޑުކުރެއްވިއެވެ. އެ މަންޒިލުގައި ފެންވަޅެއް ހުއްޓެވެ. އެ ވަޅުގެ ނަމަކީ މުރައިސީ އެވެ. އެ ވަޅުން ފެން ބަލައި ދިޔަ ދެ މުސްލިމެއްގެ ދެމެދުގައި ޒުވާބެއް ހިނގިއެވެ. އެ ދެ މުސްލިމުން ކުރެ އެކަކީ މުހާޖިރިއްޔަ ބޭކަލުންނާ ގުޅުން ހުރި މީހެކެވެ. އަނެކަކީ އަންޞާރިއްޔަ ބޭކަލުންގެ ފަރާތުގެ މީހެކެވެ. އެ ދެ މީހުންގެ ޒުވާބު ގަދަވެ އެކަކު އަންޞާރިއްޔަ ބޭކަލުންނަށް ގޮވާން ފެށިއެވެ. އަނެކަކު މުހާޖިރުންނަށް ގޮވާން ފެށިއެވެ. އެހައިތަނުން މުހާޖިރިއްޔަ ބޭކަލުންނާއި އަންޞާރިއްޔަ ބޭކަލުންގެ ތެރެއިން ދެ ޖަމާޢަތް ދެ ފަރާތަށް ޖަމާވެއްޖެއެވެ. ދެ ޖަމާޢަތުގެ ބޭކަލުންނަށް ވެސް ތިއްބެވޭ ގޮތް ވީ ދެ ފަރާތަށް ބެހިވަޑައިގެންފައެވެ. އެ ޖަމާޢަތެއްގެ ބައިވެރިޔާއަށް ތާއީދުކުރެއްވޭ ގޮތަށެވެ. އަންޞާރުންނާއި މުހާޖިރުންގެ މެދުގައި ވެސް ބައްސެރިވެވަޑައިގެންނެވި އެއަށްވުރެ މާ މައްޗަށް ކަންތައް ދިއުމާ ގާތަށް ހިނގައްޖެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަ ސައްލަމައަށް އެހައިތަނުން އެ ޚަބަރު ލިބިވަޑައިގެންފިއެވެ. އިތުރު ސާހިބާ އެ ތަނަށް ފައިންޕުޅު ބީއްސަވައި ސުވާލުކުރެއްވިއެވެ. މި ގޮވެނީ ޖާހިލިއްޔަތުގެ ކޮން ގޮވެއްޔެއް ހެއްޔެވެ؟ އެތާނގައި ތިއްބެވި ބޭކަލުން ކަން ވެގެން އުޅޭ ގޮތުގެ ވާހަކަ ދެންނެވިއެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ ޙަދީޘުކުރެއްވިއެވެ. "ތިޔަ ކަންތައް ހުއްޓައިލާށެވެ. ތިޔަހަރީ ހައްތާވެސް ވިޔާނުދާ ވާހަކަތަކެވެ." (ޙަޔާތުއްޞަޙާބާ: 1/73-472)
ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަ ސައްލަމަ އެ ދެ ޖަމާޢަތުގެ ބޭކަލުންގެ ގޮވައިލެއްވުމަށް ޖާހިލިއްޔަތުގެ ގޮވައިލުމުގެ ނަން ދެއްވީ ކީއްވެގެންތޯއެވެ؟ އާދެ، އެއީ ދެ މީހެއްގެ ދެމެދުގައި އޮތް އިންފިރާދީ މަސްއަލައެއް ޤައުމުގެ ޣީރަތާއި ފަޚުރުވެރިކަމާ ގުޅޭ މައްސަލައަކަށް ހަދައިލެވުމުންނެވެ. ހުރިހާ މުޖުތަމަޢުތަކެއްގައި ވެސް ދިމާވާ މަސްއަލައެކެވެ. އެކި ޖަމާޢަތް ޖަމާޢަތަށް ނުވަތަ އެކި އަވަށް އަވަށަށް ނިސްބަތް ވާ ދޭދޭ މީހުންގެ މެދުގައި މަސްއަލަތައް އުފެދެއެވެ. ދެބަސްވުމާއި ޚިޔާލުތަފާތުވުންތައް އުފެދެއެވެ. ނަމަވެސް އެފަދަ ދެބަސްވުންތައް ދެ ޖަމާޢަތަށް ނުވަތަ ދެ އަވަށަށް ނިސްބަތްކޮށް މަސްއަލަ ފުޅާކޮށްލުމަކީ ބޭނުމެއް ނެތް ގޮތުގައި ބޮޑު ފިތުނައަކަށް ދަޢުވަތު ދިނުމެވެ. އާދެ، އެއްވެސް ބާވަތެއްގެ ޒާތީ މަސްއަލައެއް ނުވަތަ ހަނި ދާއިރާއެއްގެ މަދު ބަޔެއްގެ މަސްއަލައެއް ފުޅާކޮށް ޖަޒުބާތީ ގޮވެލިތަކާއި ނަޣުރާތަކުގެ ޒަރީއާއިން ރަށު މަސްއަލައަކަށް ނުވަތަ ޤައުމީ މަސްއަލައަކަށް ހެދުމަކީ ޖާހިލިއްޔަތުގެ ޢަމަލެކެވެ. އެފަދަ ކަމަކަށް ގޮވާލުމަކީ ޖާހިލިއްޔަތުގެ ގޮވެލިފައްޗެއް ގޮވުމެވެ.
ފަރުދީ މަސްއަލަތަކާއި ވިލިވިލީގެ މަސްއަލަތައް ޙައްލުކުރާން ޖެހޭނީ އޭގެ ދާއިރާގައި ބާއްވައިގެންނެވެ. އެފަދަ މަސްއަލައެއް ޖަޒުބާތީ ގޮތުން ބޮޑު ސިންގާ ކަމަކަށް ހަދައިލައިފި ނަމަ އެއީ ކިތަންމެހައި ވެސް ނުރައްކާތެރި ކަމެކެވެ. ޤައުމީ އެއްބައިވަންތަކަމަށް، ރަށުގެ ސަލާމަތަށް ޖަހައިލެވޭ ގޮންޖެހުމެކެވެ. އެއީ ޖާހިލިއްޔަތުގެ ގޮވެއްޔެކެވެ. ޖާހިލިއްޔަތުގެ ގޮވެލިތަކަކީ ހަލާކާއި ގެއްލުން ފިޔަވައި އެހެން އެއްވެސް ނަތީޖާއެއް ފެންނާނޭ ކަމެއް ނޫނެވެ. ކުޑަކުޑަ މަސްއަލައެއް ބޮޑު ނުކޮށް އެ މަސްއަލަ އޮތް ވަރަށް ބާއްވައިފި ނަމަ އެ މަސްއަލައެއް ޙައްލުކުރުމަކީ ދާދި ފަސޭހަ ކަމެކެވެ. ނަމަވެސް މަސްއަލައެއް ބޮޑުކޮށް ފުޅާކޮށްފި ނަމަ އެކަމެއް ހަމަޔަކަށް އެޅުވޭނީ މަސްއަލަ ބޮޑުކުރި މީހުންނަށް ވެސް ޚިޔާލަށް ވެސް ނުގެނެވޭ ފަދަ ބޮޑު އަގެއް ދައްކައިގެންނެވެ.