ށ. މިލަންދޫ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި ހދ. ހިރިމަރަދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން މިއަދު ދެބަޔަކާ ހަވާލުކޮށްފި އެވެ.

މިލަންދޫ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރީ ޔުމާން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުޏަކާއެވެ. އަދި ހިރިމަރަދޫ ސިއްހީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކުރީ އެރަށު ޖަންބުމާގޭ ޢަބުދުﷲ އުސްމާނާއެވެ.

އެ ދެމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ ހެލްތު މިނިސްޓްރީގައި މިއަދު އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސަރުކާރުގެ ފަރާތުން އެ ދެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވީ، އެ ދެމަޝްރޫއަށް ދައުލަތުގެ ބަޖެޓުން 1.6 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ހަވާލު ކުރި ދެމަޝްރޫއާ އެކު ސިއްހީ މަރުކަޒުތައް މަރާމާތުކުރުމާއި ބައެއް މަރުކަޒުތަކަށް ޖާގަ އިތުރުކުރުމުގެ ޖުމްލަ 48 މަޝްރޫއެއްގެ މަސައްކަތް މިހާރު ކުރިއަށް ދާނެ ކަމަށެވެ.

" މި 48 ޕްރޮޖެކްޓާއި އެކު ޖުމްލަ ގޮތެއްގައި 160 ޕްރޮޖެކްޓަކަށް ދައުލަތުން 317 މިލިޔަން ރުފިޔާ މިވަނީ ހަރަދުވެފައި،" އިރުތިޝާމް އާދަމް ވިދާޅުވި އެވެ.