ދުނިޔެ ހޫނުވުމުގެ ސަބަބުން ދުނިޔޭގެ ކަނޑުތައް ހޫނު ވުމުންނާއި ކަނޑުގައި ހުންނަ ލޮނުގެ މާއްދާ މާ ބޮޑަށް ގަދަ ވުމުގެ ސަބަބުން ގެއްލުން ނުވާނެ 'ސުޕަ ކޮރަލް' އެއް އިންދުމުގެ މަސައްކަތް ހަވާއީގެ ކޮކޮނަޓް އައިލެންޑުގެ ދިރާސާ ކުރާ ޓީމަކުން ފަށައިފި އެވެ.

ދާދިފަހުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ކަނޑުތައް ހޫނުވުމާއި، މާ ބޮޑަށް ލޮނު ގަދަ ވުމުގެ ސަބަބުން ފަރުތައް ދަނީ މަރުވަމުންނެވެ. ފަރުތަކަކީ ކަނޑުގެ ދިރުންތަކަށް ރައްކާތެރިކަން ފޯރުކޮށްދީ، ރަށް ގިރުމުން ސަލާމަތް ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.

ޔުނިވާސިޓީ އޮފް ހަވާއީގެ އިންސްޓިޓިއުޓް އޮފް މެރިން ބައޮލޮޖީގެ ޑައިރެކްޓަރު ރޫތް ގޭޓުސް ބުނި ގޮތުގައި ކަނޑުގެ ދިރުމަށް ބަދަލު އައުމުން މުރަކަތަށް އޭގައި ހުންނަ ހާއްސަ މާއްދާ އެއް ބޭރުކޮށްލަ އެވެ. އެ މާއްދާ އަކީ މުރަަކައަށް އޭގެ ކުލަ ފޯރުކޮށްދޭ މާއްދާ ކަމުން، އޭގެ ފަހުން މުރަކަ ހުދުވެ އެވެ. އެ އަށް ކިޔަނީ ގާ ބުލީޗް ވުން ނުވަތަ ހުދުވުމެވެ.

އަދި މުރަކަތައް ގިނަގިނައިން ހުދުވެ އޭގެ ކުރީގެ ހާލަތަށް އިޔާދަ ނުވެއްޖެ ނަމަ އެ މުރަކަތައް މަރުވާނެ އެވެ. ގޭޓުސް ލަފާ ކުރާ ގޮތުގައި ހަވާއީގެ ކަނޯހޭ ބޭ ގެ 60 އިންސައްތަ އާއި 80 އިންސައްތަ އާއި ދެމެދު ގެ މުރަކަތަށް ކޮންމެ އަހަރަކު ހުދުވެ އެވެ.

މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ހުދުވެފައިވާ މުރަކަ -- ފޮޓޯ: އޭޕީ

ގޭޓުސް އާއި އެނާގެ ޓީމުން ހަދާ ތަހުލީލު ތަކުގައި، މޮޅު ޖީން ހުރި މުރަކަތަށް އެންމެ ފުރަތަމަ ހޫނު ކަމާއި ލޮނުކަން އާދައިގެ ވަރަށް ވުރެ ގަދަ ފެނަށް ލަނީ އެވެ.

"އެގޮތަށް ކަންތައް ކުރުމުން މުރަކައަށް ދިރިއުޅެން އުނދަގޫ ހާލަތް ތަކުގައި ދިރިއުޅުމަށް ހޭނޭނެ،" ގޭޓުސް ބުންޏެވެ. ގޭޓުސް އާއި އޭނާގެ ޓީމުން އުއްމީދު ކުރަނީ މިހާރު ހަވާއީގެ ބޭގައި އިންދަމުންދާ އެ މުރަކަތައް މިއަންނަ އަހަރުގެ ބަހާރު މޫސުން އަންނަން ވާ އިރަށް އޭގައި ހުންނަންވާ ކުލަތަކާއި އެކު ބޮޑު ވާނެ ކަމަށެވެ.

އޮކްޓޯބަރު މަހު ނޭޝަނަލް އޯޝެނިކް އެންޑް އެޓްމޯސްފެރިކް އެޑްމިނިސްޓުރޭޝަން (އެންއޯއޭއޭ) އިން ބުނި ގޮތުގައި ދުނިޔޭގެ ގިނަ ފަރުތަކުގައި ވާ މުރަކަތަކަށް ދަނީ ހުދު ވަމުންނެވެ.

"ލަފާ ކުރެވޭ ގޮތުގައި މި އަހަރުގެ ތެރޭގައި 10 ނުވަތަ 20 އިންސައްތަ ފަރުތައް މަރުވާނެ،" އެންއޯއޭއޭގެ ކޮރަލް ވޮޗް ކޯޑިނޭޓަރު މާކު އީކިން ބުންޏެވެ.

ސައިންޓިސްޓުން ބުނާ ގޮތުގައި ދުނިޔެ ހޫނުވުމާއި، ކަނޑުގެ އެސިޑިޓީ އިތުރުވުމެގެ ސަބަބުން މިހާރު ވެސް 30 އިންސައްތަ ފަރުތަށް ވަނީ ހުދުވެފައި އެވެ.

ގޭޓުސް އާއި އޭނާގެ ޓީމުން ހަދާ އެ ދިރާސާ އިން ހަވާއީގައި ރަނގަޅު ނަތީޖާތައް ލިބުނު ކަމުގައި ވިޔަސް، ދުނިޔޭގެ ބޮޑެތި ފަރުތަށް ދިރުވާ އާލާ ކުރުމަށް ޓަކައި މި މަސައްކަތް ކުރިއަށް ގެންދިޔުމަކީ އުނދަގޫ ވާނެ ކަމެއް ކަމަށް އެ ޓީމުން ގަބޫލު ކުރެ އެވެ.

އެންއޯއޭއޭގެ ކޮރަލް ރީފް އެކޯސިސްޓަމް ޑިވިޝަންގެ ޓީމް ލީޑަރު ޓޮމް އޮލިވާ ބުނި ގޮތުގައި މިހާރު ކުރެވޭ ސުވާލަކީ މުރަކަ މަރުވަމުންދާ ވަރަށް ވުރެ އަވަހަށް އެ ޓީމަށް ސުޕަ ކޮރަލް އިންދޭނެތޯ އެވެ.

ގޭޓުސް ބުނި ގޮތުގައި އެ ދިރާސާގެ ނަތީޖާ ރަނގަޅު ވިޔަސް ދުނިޔެއިން ފޮސިލް ފިއުލްސް ބޭނުން ކުރާ ގޮތް މަދުކުރަން ޖެހިފައިވާ އެވެ.

"ދުނިޔެ ހޫނު ވުމަށް މަގުފަހި ކުރާ ހުރިހާ ގޭސްތައް ޖައްވައް ބޭރު ކުރުން މިއަދު ހުއްޓާލިއަސް، މިހާރު ޖައްވުގައި ހަރުލާފައި ހުރި ގޭސްތަކުގެ ސަބަބުން އެތައް ސަތޭކަ އަހަރު ވަންދެން ދުނިޔޭގެ މޫސުމަށް ނޭދެވޭ ބަދަލު އަންނާނެ،" ދިރާސާގެ ބައިވެރިއެއް ކަމަށްވާ ޑރ. މެޑެލިން ވަން އޯޕެން ބުންޏެވެ.

މައުލޫމާތު: އޭޕީ