12 Nov 2015, 14:18
ބ. ތުޅާދޫ ކައުންސިލްގެ ހުރިހާ މެމްބަރުން އެއްމަސް ދުވަހަހަށް ސަސްޕެންޑުކޮށްފި އެވެ.
ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ތުޅާދޫގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑު ކުރީ އެ އޮތޯރިޓީގެ އެންގުމަށް ތަބާނުވުމުގެ ސަބަބުން ކަމަށެވެ.
ހުރިހާ ކައުންސިލަރުން ސަސްޕެންޑުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތުގެ ތެރޭގައި އެ ކައުންސިލަރުންނަށް މުސާރަޔާ އިނާޔަތެއް ނުލިބޭނެ ކަމަށް ވެސް އެލްޖީއޭގެ ބަޔާނުގައިވެ އެވެ.
އާދީއްތަ ދުވަހުން ފެށިގެން އެއް މަސް ދުވަސް ވަންދެން ތުޅާދޫ ކައުންސިލްގެ އެންމެހައި ކަންކަން ކުރިއަށްގެންދާނީ ބ. އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން ތުޅާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
އެލްޖީއޭ އިން ބުނީ އެ އޮތޯރިޓީގެ ބޯޑުން އެ ނިންމުން ނިންމީ ދެ ސަބަބަކާ ހުރެ ކަމަށެވެ.
ފުރަތަމަ ސަބަބަކީ ތުޅާދޫ ކައުންސިލް މެމްބަރު ޒިޔާއު އިބްރާހީމް ރަޝީދަށް މުސާރަ ނުލިބޭ ގޮތަށް ދެ މަސް ދުވަހަށް ސަސްޕެންޑުކޮށް އެއަށް އަމުލުކުރަން އެންގުމުން އެއީ ޣައިރު ގާނޫނީ އެންގުމެއް ކަމަށް ބުނެ އެ ނިންމުމަށް އަމަލުނުކުރުމަށް ކައުންސިލްގެ ބައްދަލުވުމަކުން ފާސްކޮށްފައި ވާތީ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
ދެވަނަ ސަބަބަކީ މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހު ބޭއްވި އެ އޮތޯރިޓީގެ ބޯޑު ބައްދަލުވުމުން ތުޅާދޫ ކައުންސިލް މެމްބަރު އަހްމަދު އަބްދުއްރަހީމަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަސް ދުވަހަށް ސަސްޕެންޑުކުރުމުން އެ ނިންމުމަށް ވެސް އަމަލުނުކުރަން ތުޅާދޫ ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވާތީ ކަމަށް އެލްޖީއޭ އިން ބުންޏެވެ.
މިކަމާ ބެހޭގޮތުން ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު އަބްދުއްރަހީމް ސަން އަށް ވިދާޅުވީ އެލްޖީއޭގެ ނިންމުމާ މެދު އަމަލުކުރާނެ ވަކިގޮތެއް ކައުންސިލުން އަދި ނުނިންމާ ކަމަށެވެ.
އޭނާ ވިދާޅުވީ ދެ ކައުންސިލަރުން ފިޔަވައި އެހެން ބޭފުޅުން ތިއްބެވީ ޗުއްޓީގައި ކަމަށާއި ފޯނުން ގުޅައިގެން ކޯރަމް ހަމަކޮށްގެން އެކަމާ މެދު ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.