04 Apr 2011, 08:47
އަންނާރަކީ 11 ވައްތަރެއްގެ ބަލީގެ ފަރުވާ ހިމެނޭ މޭވާއެއް ކަމަށް ކަމާބެހޭ ޢިލްމީ ދިރާސާއަކުން ހާމަވެއްޖެއެވެ.
ކާބޯތަކެއްޗާބެހޭ ޢިލްމީ ދިރާސާތައްކުރާ އީރާނުގެ މަރުކަޒަކުން އަންނާރާބެހޭގޮތުން ކުރި ދިރާސާއެއް ބުނާގޮތުން އަންނާރު އޮށަކީ ބޭރަށް ހިންގުމުގެ ބަލިޖައްސާ ބެކްޓީރިޔާ މަރާއެއްޗެކެވެ. އަދި އަންނާރުގެ ތޮށި ފެނުކައްކައިގެން އެފެންބުއިމަކީ ފަނިވުމަށް ދެވޭ ރަނގަޅު ފަރުވާއެކެވެ. ސަބަބަކީ އަންނާރުގެ ތޮށީގައި ފްލޮރައިޑާއި އޮގަނިކް އެސިޑާއި އެނޫންވެސް މިކަމާގުޅޭ ބައެއް މާއްދާތައް ހިމެނޭތީއެވެ.
ހަމައެފަދައިން އަންނާރަކީ ހަށިގަނޑުގެ ހޫނުފިނިމިން އެއްވަރެއްގައި ހިފަހައްޓައި ދިނުމުގެ އިތުރުން މަޢިދާއަށް ކުރިމަތިވާ އިންފްލެމޭޝަންފަދަ މައްސަލަތައް ހައްލުކޮށް ހިތަށް ތާޒާކަން ގެނަސްދީ ހިތުގެ ހިނގުން ރަނގަޅުކޮށްދޭ އެއްޗެކެވެ. އަދި އަންނާރަކީ ކިޑްނީއާއި ކުޑަކަމުދާ ހޮޅި ސާފުކޮށްދީ ކިޑްނީގައި އުފެދޭ ކުދިކުދި ހިލަތައް އޭގެ ކުރީކޮޅު ގިރުވައިދިނުމަށް އެހީތެރިވެދޭ މޭވާއެއް ކަންވެސް، އެތަށް އަހަރަކަށް ދިގުދެމިގެން ގޮސްފައިވާ މިދިރާސާއިން ހާމަވެފައިވެއެވެ.
މީގެއިތުރުން އަންނާރަކީ މާމުޔާ އެއްކޮށްގެން ކައިފިނަމަ ހަށިގަނޑުގެ ނާވްސް ސިސްޓަމް ނުވަތަ ނާރުތަކާބެހޭ ނިޒާމް ވަރުގަދަކޮށް އެނިޒާމަށް ޖެހޭ ބައެއް ބަލިތަކަށް ވަރަށް އަވަހަށް ފަރުވާލިބޭ މޭވާއެއްކަންވެސް މި ދިރާސާގެ ނަތީޖާއިން ހާމަވެފައިވެއެވެ.
އަންނާރުގެ ދިޔަ ބުއިމަކީ ހުންއައުން ރަނގަޅުކޮށްދީ ހަށިގަނޑުގައި ބައެއްފަހަރު އުފެދޭ ކަންނެތްކަމާއި ނަފްސާނީ މައްސަލަތަކުގެ އަސަރު ފިލުވާލުމަށްވެސް ބޭނުންކުރަން ރަނގަޅު އެއްޗެއް ކަމަށް އެހެން ބައެއް ދިރާސާތަކުން ހާމަވެފައިވެއެވެ. -- އަލްޢާލަމް