12 Nov 2015, 22:16
މުމްބާއީގެ ޓްރެފިކް ބޮޑު މަގުތައް ބޭނުން ކުރާ ފަރާތްތަކަށް ދިމާވެފައިވާ ޓްރެފިކް ބާރު ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެޕްލިކޭޝަންއެއް ތަޢާރަފު ކޮށްފިއެެވެ.
މުމްބާއީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެޕްލިކޭޝަން ތައާރަފު ކޮށްދިނީ ބޮލީވުޑް ގެ މަޝްހޫރު ތަރި ރިތިކް ރޯޝަން އާއި މުމްބާއީ ސިޓީގެ ޕޮލިސް ކޮމިޝަނާ އަހުމަދު ޖާވިދެވެ.
ކޮމިޝަނާ ޖާވިދު ވިދާޅުވީ، މީގެ ކުރިން ޓްރެފިކް މައްސަލަތަކާ ޑީލް ކުރާނެ މިފަދަ ސިސްޓަމެއް ގާއިމު ކުރެވިފައި ނުވުމުން ބޮޑެތި މައްސަލަތަކާ ކުރިމަތިވާ ކަމަށާއި، އެ އެޕްލިކޭޝަންގެ އެހީގައި އެފަދަ މައްސަލަތަކާ ޑީލް ކުރަން މީހުންނަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
"މީގެ ކުރިން ޓްރެފިކް މައްސަލަތަކާ ޑީލް ކުރާނެ އޮފިޝަލް ސިސްޓަމެއް އަހަރުމެން އަތަކު ނެތް. އެއީ އަހަރުމެންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ. ނަމަވެސް މި އިފްތިތާހު ކުރެވުނު ސިސްޓަމްގެ ސަބަބުން ޓްރެފިކް މައްސަލަތަކާއި ޑީލް ކުރަން މީހުންނަށް ފަސޭހަވެގެން ދާނެ،" ޖާވިދު ވިދާޅުވިއެވެ.
އަވަސް މުސްތަޤުބަލެއްގައި ޕްލޭ ސްޓޯރުން ލިބެން ހުންނާނެ މި އެޕްލިކޭޝަން، ބޭނުންކޮށްގެން މަގުމަތީގައި ހިނގާ ހާދިސާތައް ވެސް ފަސޭހަ ކަމާއެކު ރިޕޯޓު ކުރެވޭއިރު، ޓްރެފިކް ފުލުހުންގެ ގޮތުގައި މަގުމަތީގައި މަސައްކަތް ކުރާ ފުލުހުންނަކީ އަސްލު ފުލުހުންތޯ ވެސް މި އެޕްލިކޭޝަންގެ އެހީގައި ޔަގީން ކުރެވޭނެއެވެ.
އަދި ވެހިކަލް ދުއްވާ ފަރާތްތަކުގެ އަތުން އެކި ސަބަބުތަކާއި ހުރެ ނަގާ ފައިސާ ނެގުމުގައި ފުލުހުން އޮޅުވާލައިގެން އިތުރަށް ފައިސާ ނަގާ ނަމަ، އެކަންތައް ވެސް މި އެޕްލިކޭޝަންގެ އެހީގައި އެނގިގެންދާނެ އެވެ.
މި އެޕްލިކޭޝަން އާއެކު ހޮޓްލައިން އެއްވެސް ވަނީ އިފްތިތާހު ކޮށްފައެވެ. އެގޮތުން ޓްރެފިކްގައި ޖެހިއްޖެ ހާލަތެއްގައި މި ހޮޓްލައިން އަށް ގުޅާލުމުން ދާން އުޅޭ މަންޒިލަށް އެންމެ ފަސޭހައިން ދެވޭނެ މަގު ކިޔައިދޭނެއެވެ.