12 Nov 2015, 14:06
ރާއްޖެ ޓީވީގެ ޖާނަލިސްޓް މުހައްމަދު ވިސާމާ މެދު ފުލުހުން މާރާމާރީ ހިންގައި އަނިޔާކުރި ކަމަށް ބުނާ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް މިއަދު ހުށަހަޅައިފި އެވެ.
ވިސާމް މިއަދު ބުނީ އެ މައްސަލަ އޭނާ ހުށަހެޅީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.
"ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް އަޅުގަނޑު މިއަދު ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރައްވަނީ. އެހެންވީމާ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ އެކަމުގެ ތަފްސީލު ހިއްސާ ކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަށް ނުދެކެން،" ވިސާމް ބުންޏެވެ.
ވިސާމް ބުނި ގޮތުގައި ފުލުހުން އޭނާ އަށް އަނިޔާކޮށްފައި ވަނީ މިމަހުގެ ދެވަނަ ދުވަހުގެ ރޭ 9:41 އެހާކަންހާއިރު އަމީނީމަގުން އޭނާ ހައްޔަރުކޮށް އިސްކަންދަރުކޮށްޓަށް ވެއްދުމަށް ފަހު އެވެ.
ފުލުހުން ވިސާމް ހައްޔަރުކުރީ މުލީއާގެ ކައިރިން ފެނުނު އައިއީޑީ ނައްތާލުމަށް ސްޓޭޑިއަމް ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުން ދަނިކޮށް، އެވަގުތު އަމީނީމަގުގައި އޭނާ ހުއްޓަ އެވެ.
އޭނާގެ އިތުރުން ރާއްޖެ ޓީވީގެ އިތުރު ދެ ނޫސްވެރިއަކު ވެސް އެރޭ ހައްޔަރުކުރި އެވެ. އެ އެންމެން ދޫކޮށްލާފައި ވަނީ ކްރިމިނަލް ކޯޓުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވިސާމް އެރޭ ހައްޔަރުކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައި ވާތީ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް މީހަކަށް ފުލުހުންގެ ފަރާތުން އަނިޔާއެއް ލިބިފައިވާ ކަމަށް އެ ފަރާތަކަށް ގަބޫލުކުރެވޭ ނަމަ އެ މައްސަލައެއް އެންއައިސީ އަށް ހުށަހަޅުއްވައިގެން ބެއްލެވުމަކީ ފުލުހުންގެ އެދުމެއް ކަމަށެވެ.
އެންއައިސީގެ މީޑިއާ އޮފިޝަލް އަބްދުލް އަޒީޒު ސަން އަށް ވިދާޅުވީ ވިސާމަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ މިއަދު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ކޮމިޝަނުން ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމަކުން ކަމަށް ވެސް އަޒީޒު ވިދާޅުވި އެވެ.