އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓުމަންޓް ބޭންކް (އޭއައިއައިބީ)ގެ މެމްބަރަކަށް ދިވެހިރާއްޖެ ވުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާ އިން ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުން ނެވެ.

ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު ހުށަހަޅުއްވާފައިވާ އެ ބިލުގެ މަގްސަދެއް ކަމަށް ބުނެފައި ވަނީ، އެކަމާ ގުޅޭ ގޮތުން ތަފާތު މުއާހަދާތަކުގައި ރާއްޖެ ސޮއިކޮށްފައިވާ ހިނދު ރާއްޖޭގެ ގާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން އޭއައިއައިބީގެ ފުރިހަމަ މެމްބަރަކަށް ރާއްޖެވުމަށް ޓަކައި ފުރިހަމަ ގާނޫނެއް އެކުލަވާލުން ކަމަށެވެ. އަދި އެ ބޭންކުގެ މެމްބަރެއްގެ ހައިސިއްޔަތުން އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަކީ ވެސް ބިލު ހުށަހެޅުއްމުގެ މަގުސަދެއް ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ބިލުގައި ބުނެފައި ވަނީ ބޭންކާ ގުޅޭ ލިޔެކިއުންތަކުގައި ސޮއިކުރާނީ ރައީސުލްޖުމްހޫރިއްޔާ އިޚުތިޔާރުކުރާ ބޭފުޅެއް ކަމަށެވެ. އަދި އެގްރީމެންޓުގެ ދަށުން ރާއްޖޭގައި ފައިސާ ޖަމާކޮށް ރައްކާ ކޮށްފައި ބަހައްޓާނީ ރާއްޖޭގެ ކަމާބެހޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ކަމަށް ވެސް އެ ބިލްގައިވެ އެވެ.

އެ ބޭންކުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ ގަވަރުނަރުންނާއި އޯލްޓަނޭޓު ގަވަރުނަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ފަރާތުން އެ ބޭންކަށް ކަނޑައަޅާ ގަވަރުނަރާއި އޯލްޓަނޭޓު ގަވަރުނަރަށް އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން މަލްޓިލެޓަރަލް ޑިވެލޮޕްމަންޓު ބޭންކުތަކުގެ އިންޓަނޭޝަނަލް ބެސްޓު ޕްރެކްޓިސްއާ އެއްގޮތަށް އަމަލު ކުރުމުގެ ބާރު ލިބިގެންވާ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓުމަންޓް ބޭންކް ހިންގުމަށް ޓަކައި ހަދައި ފާސްކޮށްފައިވާ އާޓިކަލްސް އޮފް އެގްރީމެންޓުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން ކުރެވޭ އެންމެހާ މުއާމަލާތްތައް ދިވެހިރާއްޖޭގައި ނެގޭ އެންމެހާ ޓެކްސްތައް އިސްތިސްނާވާނެ ކަމަށްވެސް ބިލްގައި ބުނެފައިވެ އެވެ.

ޗައިނާ އިން އިސްނަގައިގެން އުފައްދާ، އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އުފެއްދުމާ ގުޅޭ އެއްބަސްވުމުގައި ރާއްޖެ އިން ސޮއިކޮށްފައި ވަނީ މީގެ ހަތަރު މަސް ކުރިން ނެވެ. އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކޮށްފައި ވަނީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ.