ކުޑަކުދިން ނުވަތަ ބަލި މީހުން ބަލަހައްޓައި ދިނުމަށް ހުންނަ ޑޭކެއާ ސެންޓަރުތަކުން ފޯރުކޮށްދޭ ޚިދުމަތައް ޓެކްސް ދައްކަން ނުޖެހޭ ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލް މިއަދު ތަސްދީގު ކުރެއްވުމާ އެކު އެ ބިލު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކުސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލްގާދިރު މަޖިލީހަށް ހުށަހެޅި ބިލު ފާސްކޮށްފައި ވަނީ މިދިޔަ ހަފްތާ ބުދައިގަ އެވެ. އެ ބިލު ފާސްކޮށްފައި ވަނީ އެވަގުތު މަޖިލީހަށް ހާޒިރުވެތިބި މެމްބަރުންތަކުގެ ތެރެއިން 64 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެ ބިލު ފުރަތަމަ މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފައި ވަނީ މިދިޔަ މަހުގެ 12 ގަ އެވެ.

އެ ބިލު ހުށަހަޅާފައި ވަނީ ކުޑަކުދިން ނުވަތަ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން ނުވަތަ ބަލި މީހުން، ދުވާލުގެ ގަޑިތަކުގައި ބަލަހައްޓައި އެފަރާތްތަކަށް އަޅާލުމުގެ ގޮތުން އަމިއްލަ ފަރުދަކު ނުވަތަ ގާނޫނީ ޝަހުސިއްޔަތެއް އަގު ނަގައިގެން ހިދުމަތް ދޭ ފަރާތްތަކުންގެ އަތުން ޓެކުހެއް ނުނެގުމަށެވެ.