ދިހަ މިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓުމަންޓުތައް ކުރާ ފަރާތްތަކަށް 35 އަހަރު ދުވަހުގެ މުއްދަތަށް ފަޅުރަށްތައް ކުށްޔަށް ދެވޭ ގޮތަށް ހެދުމަށް ޓަކައި ފަޅުރަށްތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލް ފާސްކުރަން ނުފެންނަ ކަމަށް ނިންމާ އެ ބިލު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

އެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ނިންމީ 57 މެމްބަރުންގެ ވޯޓުން ނެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ސަރުކާރުން ފަޅެއް އެހެން ކަމެއް ކުރުމަށް ކަނޑަނާޅާހާ ހިނދަކު އެ ގާނޫނުގެ ދަށުން ކުށްޔައް ދޫކުރެވޭ ފަޅުތަކުގެ ކުލީގެ މުއްދަތު އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކަމާ ބެހޭ މިނިސްޓްރީން 21 އަހަރަށް ވުރެ ދިގުނޫން މުއްދަތަކަށް އިތުރު ކުރެވިދާނެ ކަމަށެވެ.

އެ އިސްލާހުގައި ވަނީ ފަޅުތައް ކުށްޔައް ދެވޭނީ ކަމާބެހޭ މިނިސްޓްރީއާ ފަޅު ކުށްޔަށް ހިފާ ފަރާތާ ދެމެދުގައި ކުރެވޭ އެގްރީމެންޓެއްގެ ދަށުން ކަމަށެވެ. އެ އެގުރިމެންޓްގައި ކުށްޔަށް ދެވޭ މުއްދަތާއި ކުލީގެ އަދަދަކާއި ކުލި ދައްކާނެ ގޮތް ހިމަނަން ޖެހެ އެވެ. ހަމައެއާ އެކު ފަޅުގައި ހިންގާނެ މަސައްކަތާއި އެ މަސައްކަތް ހިންގާނެ ގޮތުގެ އިތުރުން ކުއްޔަށް ހިފާ ފަރާތުން އެގްރީމެންޓާއި ޚިލާފު ވެއްޖެ ނަމަ އަމަލުކުރާނެ ގޮތް ވެސް ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ.

ކުށްޔަށް ދީފައިވާ ފަޅެއް ކުއްޔަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ރާއްޖޭގެ ދިފާއުއަށް ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ މަދުވެގެން ދެ އަހަރު ދުވަހުގެ ނޯޓިސް ނުދީ އެ ފަޅެއް ކުއްޔައް ދީފައިވާ ފަރާތުން ވަކިކޮށްގެން ނުވާނެ ކަމަށެވެ.

ފަޅެއް ކުއްޔަށް ދީފައިވާ ފަރާތުން އެތަން އެހެން ފަރާތަކަށް ވިއްކާލެވޭނީ އެތަނުގައި ކުރުމަށް ނިންމި މަސައްކަތެއް މިނިސްޓްރީން ގަބޫލުކުރާ ފެންވަރެއްގައި ކުރުމަށް ފަހު މިނިސްޓްރީގެ ވަކި ޚާއްސަ ހުއްދައެއްގެ މަތީން ކަމަށް ވެސް އިސްލާހުގައިވެ އެވެ.