12 Nov 2015, 14:27
ވޮޝިންޓަން، އޭޕީ) ސޯމާލިއާގެ އައް ޝަބާބް ޖަމާއަތުގެ ވެރިޔާ ތިބި ތަނަކާ ބެހޭ މައުލޫމާތު އެމެރިކާ ސަރުކާރަށް ދޭ މީހަކަށް ނުވަތަ ބަޔަކަށް ހަ މިލިޔަން ޑޮލަރު ދޭނެކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން އިއްޔެ އިއުލާންކޮށްފައި ވަނީ އައް ޝަބާބްގެ ލީޑަރު އަބޫ އުބައިދާ ހުރި ތަނަކާ ބެހޭ މައުލޫމާތު ދޭ ބަޔަކަށް ހަ މިލިޔަން ޑޮލަރު، އަދި އޭނާގެ ތިން ނައިބުންނާ ބެހޭ މައުލޫމާތު ދޭ ބަޔަކަށް ފަސް މިލިޔަން ޑޮލަރު އަދި އައްޝަބާބްގެ ބައެއް އެހެން އިސް މީހުންނާ ބެހޭ މައުލޫމާތު ދޭ ބަޔަކަށް ތިން މިލިޔަން ޑޮލަރު ދޭނެ ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ހުށަހަޅާފައި މިވާ އިނާމު ތަކަކީ 'ރިވާޑް ފޯ ޖަސްޓިސް'ގެ ނަމުގައި އެޑިޕާޓްމަންޓުން ހިންގަމުން އަންނަ ޕްރޮގްރާމްގެ ދަށުން ހުށަހެޅި އިނާމުތަކެކެވެ. އެމެރިކާ އިން ޓެރަރިސްޓުން ކަމަށް ދެކޭ މީހުން ހައްޔަރު ކުރުމަށާއި މެރުމަށް، 1984 ވަނަ އަހަރުން ފެށިގެން މިހާތަނަށް 125 މިލިޔަން ޑޮލަރު އެ ޕްރޮގްރާމްގެ ދަށުން ވަނީ ހަރަދުކޮށްފަ އެވެ.
ސޯމާލިއާ ސަރުކާރާއި އެފްރިކަން ޔޫނިއަންގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރާ އައް ޝަބާބް ޖަމާއަތުގެ ކުރީގެ ވެރިޔާ އަހުމަދު އަބްދީ ގުދާނީ ވަނީ މި އަހަރުގެ މާޗް މަހުގެ އެމެރިކާ އިން ދިން ޑްރޯން ހަމަލާއެއްގައި މަރާލައިފަ އެވެ.