ސާޅީސް މީހުންނާ އެކު މާލެއިން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރި ލޯންޗެއްގެ އިންޖީނުގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައި ނުވާ ކަމަށެވެ.

އެ ލޯންޗް ހުއްޓި، ހާލުގައި ޖެހުމުގެ ސަބަބުން ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު 11:30 ހާއިރު ކަމަށާއި އެ ހާދިސާ ހިނގި އިރު ލޯންޗުގައި އަންހެނުންނާއި ކުޑަކުދިން ވެސް ދަތުރުކުރަމުން ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

އެ ލޯންޗު ހުއްޓިފައި ވަނީ ބ. ދަރަވަންދޫގެ 13 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށެވެ.

ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އެ ލޯންޗުގައި ތިބި އަންހެނުންނާއި ކުޑަކުދިން ގޮވައިގެން އޭދަފުށްޓަށް ދަތުރުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.