04 Apr 2011, 08:42
އިސްލާމް އާބާދު : ޕާކިސްތާނުގެ އިރުމަތީގައިވާ ސޫފީންގެ މަޤްބަރާއަކަށް ދިން ދެހަމަލާއެއްގައި 41 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެއްޖެވެ. މި ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގައި ދީނީގޮތުން ހަރުކަށި ވިސްނުންތަކެއް ގެންގުޅޭ ތާލިބާން ޖަމާޢަތުންނެވެ.
މުރާސިލުން ބުނާގޮތުގައި ދެމީހަކު އަމިއްލައަށް މަރުވެގެން މިދެހަމަލާ ދީފައިވަނީ ޕަންޖާބުގެ ދީރު ޣާޒީޚާން ސަރަޙައްދުގެ ސޫފީންގެ މަޤްބަރާއެއްގައިވާ މަޒާރެއް (ޒިޔާރަތެއް) ގެކައިރިއަށް ގިނައަދަދެއްގެ ސޫފި މަޛްހަބްގެ މީހުން އެއްވެފައިވާ ވަގުތެއްގައެވެ.
މިތަނަށް ތިންވަނަ ހަމަލާއެއް ދިނުމަށް މަސައްކަތްކުރި ތާލިބާން ހަނގުރާމަވެރިއަކުވަނީ އޭނާގެ ހަށިގަނޑު ގޮއްވާލުމުގެ ކުރިން އަތުލައިގަނެ ހައްޔަރުކޮށްފައެވެ. މިމީހާގެ ނަފްސު ގޮއްވާލިނަމަ މަރުވިމީހުގެ ޢަދަދު ވަރަށްބޮޑަށް އިތުރުވީސް ކަމަށް ޚަބަރުތައް ބުނެއެވެ.
މިދެހަމަލާގެ ޒިންމާ އުފުލަމުން ޕާކިސްތާން ތާލިބާނުންގެ ތަރްޖަމާނެއް ކަމަށްވާ އިޙްސާނުﷲ އިޙްސާން ވިދާޅުވީ މިއީ ޕާކިސްތާން ސަރުކާރުން އެޤައުމުގެ ހުޅަނގު އުތުރުގައި ތާލިބާނުންގެ ޢާއިލާތަކާ ދެކޮޅަށް ހިންގަމުންގެންދާ މީހުން މެރުމުގެ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ޙަމަލާތަކެއް ކަމުގައެވެ. މިފަދަ އެތަށް ހަމަލާތަކެއް އަދިވެސް ދޭނެކަމުގެ އިންޒާރު ތާލިބާނުންގެ ތަރްޖަމާން ދެއްވިއެވެ.
ޕާކިސްތާނުގެ ސޫފީ މަޛްހަބަށް ނިސްބަތްވާ މީހުންނަކީ ތާލިބާނުންނާ ދީނީ ގޮތުން ޚިޔާލު ތަފާތުވުމުގެ އިތުރުން ޕާކިސްތާން ސަރުކާރަށްވެސް ތާއީދުކުރާ ބައެކެވެ. ތާލިބާނުން އަމިއްލައަށް މަރުވެގެން މުސްލިމުންނާ އަދި ދުޝްމަނުންގެ ގޮތުގައި ނުބެލެވޭ ބޭރުމީހުންނާ ދެކޮޅަށް ތާލިބާނުން ދޭ ހަމަލާތަކަކީ އިސްލާމްދީން ހުއްދަނުކުރާ ޙަރާމްކަމެއް ކަމަށް ސޫފީ ޢިލްމުވެރިން ފަތްވާދޭތީއާއި ޕާކިސްތާނުގެ ސަރުކާރުގެ ފަހަތުގައި ސޫފީންތިބޭތީ ތާލިބާނުން ބަލަނީ ސޫފީންނަކީ މަރަންޖެހޭ ބައެއް ކަމުގައެވެ.
އަމިއްލައަށް މަރުވެގެންދޭ މިފަދަ ހަމަލާތައް، ތާލިބާނުން ސިފަކުރަނީ ޝަހީދުވުމުގެ ހަމަލާތަކެއްގެ ގޮތުގައެވެ. މިދިޔަ ޖުލައިމަހުވެސް ސޫފީންގެ ޒިޔާރަތެއްގެ ކައިރީގައި ތާލިބާނުން ދިން އަމިއްލައަށް މަރުވުމުގެ ހަމަލާއެއްގައި 42 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވެއެވެ.
-- އަލްޖަޒީރާ، ނޫސްއެޖެންސީތައް