ޔަމަނުގެ މައްޗަށް ގަދަވެގަނެގެން އުޅޭ ހޫޘީންނާއި އެގައުމުގައި ކުރިން އޮތް ސަރުކާރަށް ތާއީދުކުރާ މީހުން އަދި އަލްގައިދާއާއި ސަޢުދީ ޢަރަބިއްޔާ ބައިވެރިވާ ހަނގުރާމައިގެ ސަބަބުން އެގައުމުގެ 120000 މީހުން ރެފިއުޖީންނަށް ވެއްޖެއެވެ.

ޔޫއެން ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރް) އިން އިއްޔެ ބުނީ ހަނގުރާމައާ ހެދި ޔަމަނު ދޫކޮށް ދިޔަ މީހުންގެ ތެރެއިން 15000 މީހުން ގޮސްފައި ވަނީ އަވަށްޓެރި ކުޑަކުޑަ ގައުމެއް ކަމަށްވާ ޖިބޫތީއަށް ކަމަށެވެ. އަދި އޭގެ ތެރެއިން 2800 މީހުން ތިބީ ޔޫއެންއެޗްސީއާރުން ގާއިމްކޮށްފައިވާ ރެފިއުޖީ ކޭމްޕެއް ކަމަށްވާ ' މަރުކަޒީ ކޭމްޕްގައި ކަމަށް ވެސް ބުންޏެވެ.

ޔަމަނުގައި ކުރިން އޮތް ސަރުކާރާ ދެކޮޅަށް ނުކުތް ހޫޘީން ޔަމަނުގެ މައްޗަށް ގަދަވެ ގަނެ، ވެރިރަށް ސަންޢާއާއި އަދަން ފަދަ ރަށްތައް ހިފުމުން އެސަރުކާރު އަލުން އިއާދަ ކުރުމަށް ސަޢުދީ ޢަރަބިއްޔާއިން ވަނީ ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. އެގޮތުން ސަޢުދީ ޢަރަބިއްޔާގެ ވައިގެ ސިފައިން މެދު ނުކެނޑި ދެމުން ގެންދިޔަ ވައިގެ ހަމަލާތަކުގެ ސަބަބުން ޔަމަނު އިންފްރާސްޓްރަކްޗާ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި 2000 އަށް ވުރެ ގިނަ އާއްމުން ވަނީ މަރުވެފައެވެ.