ނޭޝަނަލް ޑައިގުނޯސްޓިކް ސެންޓަރެއް ހެދުމުގެ ބޮޑު މަޝްރޫއުއެއް އަންނަ އަހަރު ފަށާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި މިހާރު ހިމަނާފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ސިއްހީ ދާއިރާއަކީ އިޖުތިމާއީ ތަރައްގީގެ ދާއިރާގެ ތެރެއިން ދައުލަތުން އެންމެ ބޮޑު ހަރަދެއް ކުރަމުން އަންނަ ދާއިރާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ހަލުވި ދުވެއްޔެއްގައި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކޮށްފައިވާ 27.457 ބިލިއަން ރުފިޔާގެ ބަޖެޓުގެ ނުވަ ޕަސެންޓު ހޭދަ ކުރުމަށް ނިންމާފައި ވަނީ ސިއްހީ ދާއިރާއަށެވެ. އެއީ 2.5 ބިލިއަން ރުފިޔާ އެވެ. އަދި އެ އަދަދަކީ މިއަހަރަށް ކަނޑައެޅި ބަޖެޓުގައި ސިއްހީ ދާއިރާއިން ކަނޑައަޅާފައިވާ އަދަދަށް ވުރެއް 15 ޕަސެންޓު އިތުރު އަދަދެކެވެ.

ދައުލަތުގެ ބަޖެޓު މައިގަނޑު ގޮތެއްގައި ބަހާލެވިފައިވާ ބައިތައް:

އަންނަ އަހަރުގެ ބަޖެޓުން ސިއްހީ ދާއިރާއަށް ކުރާ ބޮޑެތި ހޭދަތައް:

  • ނޭޝަނަލް ޑައިގުނޯސްޓިކް ސެންޓަރެއް އިމާރާތް ކުރުމުގެ ބޮޑު މަޝްރޫއު

  • އިންސާނީ ވަސީލަތްތައް ހަރުދަނާކޮށް ފަންނީ ގާބިލުކަން އިތުރު ކުރުން
  • ހިތުގެ ބަލިތަކަށް ހާއްސަ ސެންޓަރެއް އައިޖީއެމްޗުގައި ގާއިމު ކުރުން
  • "ގައުމީ ތަހުލީލީ" މަރުކަޒެއް އައިޖީއެމްޗު ހުސް ބިމުގައި ބިނާކުރުން

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ދައުލަތުން ހުށަހެޅި 27.457 ބިލިއަން ރުފިޔާގެ ބަޖެޓު މައިގަނޑު ގޮތެއްގައި ބަހާލެވިފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ އިޖުތިމާއީ ތަރައްގީއާ އިގްތިސާދީ ތަރައްގީއާ ރައްޔިތުންނަށް ދެވޭ އާއްމު ތަރައްގީގެ އިތުރުން ދަރަނީގެ ހިދުމަތްތަކާ ދަރަނި އަދާ ކުރުމެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިސް ސެކްޓާ އިންވެސްޓުމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އަދި ޕީއެސްއައިޕީގެ ދަށުން ވެސް ސިއްހީ އަދި އިޖުތިމާއީ ދާއިރާއަށް 7.3 ޕަސެންޓް ހިމަނާފައިވެ އެވެ.