ގިނަ 'ޓެކް' މާހިރުން ދެކޭގޮތުގައި މިއަހަރު ނެރުނު އެންމެ ވަރުގަދަ އެއް އުފެއްދުން ކަަމަށްވާ މައިކްރޯސޮފްޓްގެ "ސާފޭސް ބުކް" އަކީ "ފީކަޅާ" އަދި "ބަލިކަށި" އުފެއްދުމެއް ކަމަށް އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވެއްޖެ އެވެ.

އެޕަލް ކުންފުނީގެ އާ އުފެއްދުން "އައިޕެޑް ޕްރޯ" ޕްރޮމޯޓު ކުރުމަށް އިއްޔެ "އަޔަލެންޑް އިންޑިޕެންޑެންޓް" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ކުކް ވިދާޅުވީ، ސާފޭސް ބުކް އަކީ ޓެބްލެޓަކާއި ނޯޓްބުކް އަކަށް ވާން ބޭނުންވާ ޑިވައިސް އެއް ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ޑިޕާޓްމެންޓަކުން ސާފެސް ބުކް ކާމިޔާބު ނުވާ ކަމަށް ކުކް ވިދާޅުވި އެވެ.

"އެ ޕްރޮޑަކްޓް [ސާފޭސް ބުކް] އިން މާބޮޑަށް މަސަައްކަތް ކުރަނީ ގިނަ މަސައްކަތް ކުރެވޭ ކަން ދައްކަން ވެގެން،" ކުކް ވިދާޅުވިއެވެ.

ކުކް ވިދާޅުވީ، އެޕަލް ކުންފުނިން އަލަށް ބާޒާރަށް ނެރުނު އައިޕެޑް ޕްރޯ އަކީ ނޯޓްބުކް އާއި ޑެސްކްޓޮޕްގެ "ރިޕްލޭސްމެންޓް"އެއް ކަމަށެވެ. ނަމަވެސް އައިޕެޑް ޕްރޯއަކުން އެއިން އެއްވެސް ޑިވައިސް އެއް އަދި ރިޕްލޭސް ކުރެވޭހާ ބާރެއް ނެތެވެ.

އައިޕެޑް މަސައްކަތް ކުރަނީ އެޕަލް ކުންފުނީގެ ސްމާޓްފޯންގެ އޮޕަރޭޓިން ސިސްޓަމް އައިއޯއެސް ބޭނުންކޮށްގެނެވެ. އެހެން ނަމަވެސް މައިކްރޯސޮފްޓްގެ ސާފޭސް ލައިންގެ ޕްރޮޑަކްޓްތައް މަސައްކަތް ކުރާނީ އެކުންފުނީގެ އޮޕަރޭޓިން ސިސްޓަމް ބޭނުން ކޮށްގެނެވެ. އެހެން ކަމުން އެ ޑިވައިސްތަކުގައި ބޮޑެތި ޕްރޮގްރާމްތައް ކަމަށްވާ ފޮޓޯޝޮޕް ކަހަލަ ޕްރޮގްރާމްތައް ސަޕޯޓު ކުރާނެއެވެ.

އައިޕެޑް ޕްރޯއަށްވެސް ފޮޓޯޝޮޕް ފަދަ ބޮޑެތި ޕްރޮގްރާމްތައް އެޕްލިކޭޝަންގެ ގޮތުގައި ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ގިނަ މާހިރުން ބުނާގޮތަށް އައިޕެޑް އަކީ އައިފޯނެކެވެ. ނަމަވެސް ބޮޑު ސްކްރީނެކެވެ. ދެ ޑިވައިސް އިން ވެސް ކުރެވެނީ މައިގަނޑު އެއް މަސައްކަތެކެވެ.