އިސްލާމިކް މިނިސްޓްރީން 2012 ވަނަ އަހަރު ހިންގި އިމާމުން ތާޒާކުރާ ކޯހަށް ނ. ވެލިދޫ އިން އިމާމަކު ފޮނުވާފައިނުވުމަކީ ވެލިދޫ ކައުންސިލް އިދާރާގެ ކުރީގެ ރައީސާއި ޒިންމާދާރުވެރިޔާ ހިންގާފައިވާ ކޮރަޕްޝަންގެ އަމަލެއް ކަމަށް އެންޓި ކޮރަަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފި އެވެ.

އޭސީސީއަށް ހުށަހެޅިފައިވާ އެ މައްސަލަ ތަހުގީގުކުރުމަށްފަހު ކައުންސިލްގެ ކުރީގެ ރައީސާއި ޒިންމާދާރުވެރިޔާގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ.

ދައުވާކޮށްދިނުމަށް އެދުނު ދެ ބޭފުޅުންގެ ނަން އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެއްމަސް ދުވަހުގެ މުއްދަތަށް ހިންގި އިމާމުން ތާޒާކުރުމުގެ ކޯހުގައި ބައިވެރިކުރާ ގޮތަށް ހަމަޖެހިފައި ވަނީ އިމާމުކަމުގެ ވަޒީފާގައި އޭރު ތިބި މީހުންގެ ތެރެއިން 2010 ވަނަ އަހަރުން ފެށިގެން ހިންގި އިމާމުން ތާޒާކުރާ ކޯސްތަކުގައި ބައިވެރިވެފައިނުވާ އަދި އިމާމުކަމުގެ ކޯސް ފުރިހަމަކުރިތާ ތިން އަހަރުވެފައިވާ އިމާމުންކަން ނ. އަތޮޅު ކައުންސިލް އިދާރާއިން ފޮނުވި ފެކްސް މެސެޖުން އެނގޭ ކަމަށެވެ.

އިމާމުން ތާޒާކުރާ ކޯހަށް މީހަކު ފޮނުވަން ނ. އަތޮޅު ކައުންސިލް އިދާރާ އިން އެދުމުން ވެލިދޫ ކައުންސިލް އިދާރާ އިން އަމަލުކޮށްފައި ވަނީ އަތޮޅު ކައުންސިލް އިދާރާއިން އެދުނު ގޮތަށް ނޫން ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.

ވަޒީފާގައި ތިބޭ އިމާމުންގެ ތެރެއިން އެއްވެސް ފަހަރަކު އިމާމުން ތާޒާކުރާ ކޯސް ނުހަދާ ކޮންމެ މީހަކީ އެކޯހަށް ޝަރުތު ހަމަވާ މީހެއްކަން އިސްލާމިކް މިނިސްޓްރީގެ ސިޓީން އެނގޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އިމާމުން ތާޒާކުރާ ކޯހުގެ ބައިވެރިންގެ ހާޒިރީއަށް ބެލިއިރު ވެލިދޫގެ އެއްވެސް އިމާމަކު ބައިވެރިކުރިކަން އެނގެން ނެތް ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެއެވެ.

އޭސީސީގެ ބަޔާނުގައި ވަނީ ވެލިދޫގައި ތިބެނީ ތިން އިމާމުން ކަމަށާއި އޭގެތެރެއިން އެ ކޯހަށް ޝަރުތުހަމަވަނީ ދެ މީހަކު ކަމުގައިވާއިރު، އޭގެތެރެއިން އެކަކު ޗުއްޓީގައި ހުރުމުން ދެން އެ ކޯހަށް ޝަރުތު ހަމަވީ ދެންހުރި އިމާމު ކަމަށެވެ.

އެ އިމާމަށް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލިފައި ވަނީ ކައުންސިލްގެ ކުރީގެ ރައީސް އާއި ޒިންމާދާރުވެެރިޔާގެ މަގާމުގެ ނުފޫޒުންކަން ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެނގޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

"ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާފަދަ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށެއް ކުރަން އުޅުނުކަން ތަހުގީގަށް ފާހަގަކުރެވިފައިވާތީ، އެ ދެ ފަރާތުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށެއް ކުރަން އުޅުނުކަމުގެ ދައުވާ ކުރުމަށްޓަކައި މި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ،" އޭސީސީގެ ބަޔާނުގައި ވެއެވެ.