ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ބަޖެޓަކީ އިގްތިސާދީ މަސައްކަތްތަކަށް ޒުވާނުންނަށް ދައުވަތު ދޭނެ ބަޖެޓެއް ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަކީ ރާއްޖޭގެ އާބާދީގެ 35 ޕަސެންޓް ހިއްސާ ކުރާ ޒުވާނުންނަށް ވަރަށް ބޮޑަށް އިސްކަމެއްދޭ ސަރުކާރެއް ކަމަށެވެ. އެގޮތުން ޒުވާނުންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށް ޓަކައި ޒުވާނުންގެ ވުޒާރާއަށް 378 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހުޅޭމާލެ ޔޫތު ސިޓީއަށް އެކަނި ވެސް 521 މިލިއަން ރުފިޔާ ހޭދަކުރުމަށް ނިންމައި އެ އަދަދު ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ޓަކައި ކުޅިވަރުގެ 157 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓަކީ ވިޔަފާރި ކުރަން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ފަހިވާނެ ބަޖެޓެއް ކަމަށާއި އެގޮތުން ގެޓް ސެޓް އަދި ފަސޭހަ މަދަދު ފަދަ ލުއި ލޯނު ޕްރޮގުރާމުތަކަށް އަންނަ އަހަރު ބަޖެޓު ކުރެވިފައިވާނެ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

"އެހެންކަމުން 2016 ވަނަ އަހަރު ވެގެންދާނީ ޒުވާނުންގެ ތަރައްގީ ބޮޑު އަހަރަކަށް. ޒުވާނުންނަށް ފާގަތި އަދި ނިޔާމަ އަހަރަކަށް،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް އެކި ގޮތް ގޮތުން ދެމުން އަންނަ ލުއިތަކާ އެހީތަކަށް އެއްވެސް ބަދަލެއް އައުމެއް ނެތި އެކަންކަން ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ސިއްހީ ދުޅަހެޔޮ ކަމަށްޓަކައި ހުސްނުވާ އާސަންދައާ އެންސްޕާއިން ދޭ އެހީ ރައްޔިތުންނަށް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. ކަރަންޓްގެ ހިދުމަތާއި ކާޑުގެ ބާވަތްތަކުގެ އަގަށް ދީފައިވާ ލުއިކަން ދެމި އޮންނާނެ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

"ދަތުރު ފަތުރުގެ ހެޔޮ އަގާއި މަސްވެރިންނާ ދަނޑުވެރިންނަށްދޭ އެހީ ދެމެހެއްޓޭނެ. އުމުރުން ދުވަސްވީ އިސް ރަށްވެހިންނަށް ދެވޭ ހާއްސަ އިނާޔަތްތަކާއި އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭ އިހުސާންތެރި މަދަދު ރީތިކަމާ އެކު ދެވޭނެ،" ޖިހާދު ވިދާޅުވި އެވެ.

އެފަދަ ހުރިހާ ކަމަކަށް އަންނަ އަހަރުގެ ބަޖެޓުގައި 3.3 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާއަށް ޓަކައި ދެވޭ ހިދުމަތްތަކަށް 3.6 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ. އެ އަދަދަކީ މި އަހަރަށް ކަނޑައެޅި އަދަދަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އުމާރާނީ އަދި އިގްތިސާދީ ތަރައްގީއަށް ވެސް ބޮޑު އަދަދެއް ވަނީ ހިމަނައިފަ އެވެ. އެގޮތުން އެ ދާއިރާތަކަށް 4.5 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނައިފަ އެވެ. އެއީ މި އަހަރަށް ހަރަދުވާނެ ކަމަށް ލަފާ ކުރި އަދަދަށް ވުރެއް 132 ޕަސެންޓް އިތުރު އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މަސްވެރިކަމާ ދަނޑުވެރިކަމަށް 146 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަކީ 27.457 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ޕަބްލިސް ސެކްޓާ އިންވެސްޓުމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.