12 Nov 2015, 12:17
ސްރީ ލަންކާގެ ރައީސް މާތިރިޕާލާ ސިރިސޭނާގެ އެންގެވުމުގެ ދަށުން އެ ގަމުގެ ސަރުކާރުން އަވަންޓް ގާޑާ އެކު ހަދާފައިވާ، ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމުގެ އެއްބަސްވުންތައް ބާތިލު ކޮށްފި އެވެ.
ރައީސް ސިރިސޭނާ އެ ގޮތަށް ނިންމަވައި އެކަން ތަންފީޒު ކުރައްވާފައި ވަނީ އަވަންޓް ގާޑާ ބެހޭ ތަހުގީގުތަކާ ގުޅިގެން އިއްޔެ ކަމާ ބެހޭ ފާރާތްތަކާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު އެވެ.
ލަންކާ ސަރުކާރުން ހިފެހެއްޓުމުގެ ކުރިން އަވަންޓް ގާޑު މެރިޓައިމް ސާވިސްއަކީ ލަންކާގެ އިރުމަތީ-ހުޅަނގު ކަނޑުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން އައި ކުންފުންޏެވެ.
މިހާރު އެ ޒިންމާ ރައީސް ސިރިސޭނާ ވަނީ ލަންކާގެ ކަނޑުމަތީ ސިފައިންނަށް ދިނުމަށް އަންގަވައިފަ އެވެ. އެހެންކަމުން ލަންކާ ސަރުކާރުން ވަނީ އަވަންޓް ގާޑާ އެކު ހަދާފައިވާ ހުރިހާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތައްވަގުތުން އުވާލައިފަ އެވެ.
އަވަންޓް ގާޑް ފުލޯޓިން އާމަރީ ސްރީ ލަންކާގެ ކަނޑުގެ ސިފައިން ހިފަހައްޓާފައި ވަނީ މި އަހަރުގެ އޮކްޓޯބަރު މަހު ހުއްދަ ދީފައިވާ ވަރަށް ވުރެ ގިނަ ހަތިޔާރާ އެކު ދަތުރުކުރަމުން ދަނިކޮށެވެ.
މި ބޯޓު ރާއްޖެ އާއި ކައިރިން ދަތުރުކުރިކަމުގެ ހެކި ލިބިފައިވާ ކަމަށް ލަންކާގެ ޑިފެންސް މިނިސްޓުރީ އިން ވަނީ ބުނެފަ އެވެ.
މައުލޫމާތު: ލެޖާ ގެޒެޓް