12 Nov 2015, 11:31
ރާއްޖެ އިން މިހާތަނަށް ފޭސްބުކް ބޭނުން ކުރާ މީހުންގެ ތެރެއިން ބައެއް ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ފޭސްބުކްގައި ތިން ފަހަރަކަށް އެދިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފޭސްބުކް ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުގައި ބުނެފައިވާ ގޮތުގައި ތިން އެކައުންޓަކާ ގުޅޭ މައުލޫމާތު ހޯދުމަށް އެ ކުންފުނީގައި މި އަހަރުގެ ފުރަތަމަ ހަ މަހުގައި އެދިފައިވެ އެވެ.
ކުންފުނީގެ ޓްރާންސްޕޭރެންސީ ރިޕޯޓުތައް ދައްކާ ގޮތުގައި ތިން އެކައުންޓުގެ ހަތަރު މައުލޫމާތެއް ހޯދުމަށް އެދިފައިވާ އިރު އެއިން އެއްވެސް މައުލޫމާތެއް ފޯރުކޮށްދީފައެއް ނުވެ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީން ޖޫން މަހުގެ ނިޔަލަށް އެއްވެސް މައުލޫމާތަކަށް ރާއްޖެ އިން އެދިފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައިން ޑިސެމްބަރު މަހުގެ ނިޔަލަށް ތިން މީހެއްގެ މައުލޫމާތާއި އެހެން ތިން މައުލޫމާތެއް ހޯދަން ރާއްޖޭން ފޭސްބުކްގައި އެދިފައިވެ އެވެ. އެއާ ގުޅިގެން 66.67 ޕަސެންޓް މައުލޫމާތު ރާއްޖެއާ ވަނީ ހިއްސާކޮށްފަ އެވެ.
އެކި ގައުމުތަކުގެ ގާނޫނާއި ގަވާއިދަށް ހިލާފުވެގެން ފޭސްބުކް މެދުވެރިކޮށް މައުލޫމާތު ހޯދަން ޖެހޭ އަދަދު ކޮންމެ އަހަރަކު އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން ގާނޫނާ ހިލާފަށް މައްސަލަތައް ފޭސްބުކް ޒަރިއްޔާ އިން އުފައްދަމުން އަންނަ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާ ބަލާއިރު 112 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އެގޮތުން މި އަހަރު 20،568 މައްސަލައިގެ ކޮންޓެންޓް ރެކޯޑު ކުރެވިފައިވާ ކަމަށް ފޭސްބުކް އިން ވަނީ ބުނެފަ އެވެ. ވޭތުވެ ދިޔަ އަހަރުގެ ފުރަތަމަ ހަމަހުގައި އެފަދަ ބްލޮކް ކުރެވިފައިވާ ގާނޫނާ ހިލާފު ކޮންޓެންޓުގެ އަދަދަކީ 9،707 އެވެ.
ރާއްޖެ ހިމެނޭ ސަރަހައްދުން މައުލޫމާތު ހޯދަން ފޭސްބުކަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ އިންޑިއާއިންނެވެ. އެގޮތުން 6268 މައުލޫމާތެއް ހޯދަން ފުރަތަމަ ހަ މަސް ދުވަހު އިންޑިއާ އިން ވަނީ އެދިފަ އެވެ.