ވޯލްޑްކަޕް ކޮލިފައިންގައި މިއަދު ހަވީރު ރާއްޖެއާ ދެކޮޅަށް ނިކުންނަ ހޮންގްކޮންގެ ގައުމީ ޓީމަކީ ރާއްޖެއަށް ބަލި ނުކުރެވޭނެ ވަރުގެ ވަރުގަދަ ޓީމެއް ނޫންކަމަށް އެޓީމުގެ ކޯޗު އެއްބަސް ވެއެވެ. ފީފާ ރޭންކިންގައި އޭޝިއާ ސަރަހައްދުން ރާއްޖެއަށް ވުރެ އަށް ދަރަޖަ ކުރީގައި އޮތް ހޮންގްކޮންގެ ގައުމީ ޓީމްގެ ކޯޗް ކިމް ޕަން-ގޮން ބުނީ އަމިއްލަ ދަނޑުގައި ރާއްޖެ އަކީ އަބަދުވެސް ވަރުގަދަ ޓީމެއް ކަމަށެވެ.

މިފަހަރުގެ ކޮލިފައިންގައި މި ދެޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު ހޮންކޮންގެ މޮންކޮކް ސްޓޭޑިއަމްގައި މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހު ކުޅެފައިވާ އިރު، އެ މެޗުން ހޮންކޮންގ މޮޅުވީ 2-0 ލަނޑުންނެވެ. އެހެން ނަމަވެސް ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖޭގެ ގައުމީ ޓީމު ބަލިކުރުމަކީ ފަސޭހަކަމެއް ނޫންކަން އަބަދުވެސް އިދިކޮޅު ޓީމުތަކުން ގަބޫލުކުރެއެވެ.

އިއްޔެ ރަސްމީ ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކިމް ބުނީ، ގްރޫޕްގެ ދެވަނައިގައި އޮތުމުން އަބަދުވެސް ޕްރެޝަރުތަކެއް ކުރިމަތިވާނެ ކަމަށާއި ހާއްސަކޮށް ކޯޗުގެ މަގާމުގައި ހުންނަ މީހަކަށް އެ ޕްރެޝަރު އިތުރު ވެގެންދާނެ ކަމަށެވެ. އެކަމަކު އެ ޕްރެޝަރު އޮތުމަކީ، ހިތްހަމަޖެހުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަބަދުވެސް އަހަރެމެންނަށް ޕްރެޝަރު އޮންނާނެ. އަހަރެމެން ރާއްޖޭގެ ސެކިއުރިޓީ ހާލަތާ މެދު މާބޮޑަށް ކަންބޮޑެއް ނުވޭ. ނަމަވެސް ކުޅުންތެރިންގެ ސަލާމަތާ ރައްކާތެރިކަމަކީ އިސްކަމެއް ދޭނެ ކަމެއް. އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އަސަރުކޮށްފާނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަން،" ކިމް ބުންޏެވެ.

ރާއްޖޭގައި ކުއްލި ހާލަތު އިއުލާންކޮށްފައި އޮތުމުން ހޮންކޮން ޓީމުން އެންމެ ފުރަތަމަ ބޭނުންވީ މެޗު އެހެން ގައުމަކަށް ބަދަލުކުރާށެވެ. އެކަމަކު ފަހުން ފީފާގެ އެންގުމާ އެކު ހޮންކޮން ޓީމު ރާއްޖެ އަންނަން އެއްބަސްވީ އެވެ. އަދި މިހާރު ރާއްޖޭގައި ވަނީ ކުއްލި ހާލަތު ވެސް އުވާލައިފަ އެވެ.

އިއްޔެ ރަސްމީ ދަނޑުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހޮންކޮންގް ގައުމީ ޓީމްގެ ކޯޗް ކިމް ޕަން-ގޮން ވާހަކަ ދައްކަނީ --- ސަން ފޮޓޯ:ފަޔާޒް މޫސާ

ކިމް ބުނީ ރާއްޖޭން ލިބޭ ސެކިއުރިޓީއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

ވޯލްޑްކަޕް ކޮލިފައިންގައި މިއަދު ހަވީރު ދިވެހި ގައުމީޓީމު ހޮންކޮންގެ ޓީމާ ދެކޮޅަށް ނިކުންނައިރު އެޓީމުގައި ސަމާލުވާންޖެހޭ ފަދަ މޮޅެތި ކުޅުންތެރިން މަދުން ނަމަވެސް ތިބިކަން ފާހަގަ ކޮށްލަންޖެހެއެވެ.

އޭގެ ތެރެއިން ނަގާކިޔާ އެއްކުޅުންތެރިޔަކީ އުމުރުން 30 އަހަރުގެ ފޯވާޑް ޗެން ސިއޫ ކީ އެވެ.

މިވަގުތު ހޮންކޮންގ ޓީމުގައި ހުރި އެންމެ ހުނަރު ވެރި ނުރައްކާތެރި ކުޅުންތެރިޔަކީ ޗެން ސިއޫ ކީ އެވެ.

ހޮންކޮންގް ލީގުގެ އެންމެ ވަރުގަދަ ކުލަބު ސައުތު ޗައިނާއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ޗެން ސިއޫ ކީ އަކީ ފޯވާޑެއްގެ އިތުރުން ވިންގެއްގެ ދައުރުވެސް އަދާކުރަމުން އަންނަ ކުޅުންތެރިޔެކެވެ.

މިވަގުތު ހޮންކޮންގ ޓީމުގައި ހުރި އެންމެ ހުނަރު ވެރި އަދި ނުރައްކާތެރި ކުޅުންތެރިޔާ ޗެން ސިއޫ ކީ ހަތް ނަންބަރު ޖާޒީގައި --- ފޮޓޯ:އާރުޓީއެޗްކޭ

ހޮންކޮންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ޖެހިޖެހިގެން 3 ފަހަރު ހޯދައި 2011 ވަނަ އަހަރު ހޮންކޮން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާ ޗެން ސިއޫ ކީ ވަނީ މިހާތަނަށް ގައުމީޓީމަށް ކުޅެދިން 60 މެޗުގައި 36 ގޯލް ޖަހައިދީގެން ގައުމީ ޓީމަށް އެންމެ ގިނަ ގޯލްޖަހާފައިވާ ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ޗެން ސިއޫ ކީ މިހާރުވެސް ސައުތު ޗައިނާ އެފްސީއަށް މޮޅުކުޅުމެއްދަކަމުން އަންނަ އެޓީމްގެ ވެސް އޯލްޓައިމް ޓޮޕްސްކޯރާއެވެ.

މިފަހަރުގެ ވާލްޑް ކަޕް ކޮލިފައިންއަށް ބަލާއިރު ހޮންކޮންގެ ނަތީޖާއާމެދު އަދި މާކަންބޮޑުވުމެއްނެތެވެ. އެއީ އެޓީމު އޮތީ އޭސިއަން ވޯލްޑްކަޕް ކޮލިފައިންގައި ކުޅުނު 5 މެޗުން 10 ޕޮއިންޓް ލިބިގެން ގްރޫޕް ސީގެ 2 ވަނައިގައެވެ.

އޭޝިއަން ވޯލްޑްކަޕް ކޮލިފައިންގައި ގްރޫޕް ސީގައި ހޮންކޮން މިއަދު ހަވީރު ރާއްޖެއާ ދެކޮޅަށް ނިކުންނައިރު ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއިން ފަސް މެޗު މިހާތަނަށް ކުޅެފައިވާ އިރު، ރާއްޖެ މޮޅުވެފައި ވަނީ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އަދި ހޮންކޮން މިހާތަނަށް 5 މެޗު ކުޅުނު އިރު އެޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. ކުޅުނު 3 މެޗުން މޮޅުވިއިރު އެއްމެޗުން ވަނީ އެއްވަރުވެފައެވެ.

ގްރޫޕް ސީގެ ހަތަރު ވަނައިގައި ތިން ޕޮއިންޓާ އެކު ރާއްޖެ އޮތްއިރު، މި ގްރޫޕްގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ގަތަރެވެ. ދެ ވަނައިގައި 10 ޕޮއިންޓާއެކު ހޮންކޮންގް އޮތް އިރު، ތިން ވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ޗައިނާއެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބޫޓާން އެވެ.