12 Nov 2015, 10:42
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 27.457 ބިލިއަން ރުފިޔާގެ ބަޖެޓުގެ 59 ޕަސެންޓްއަކީ ރިކަރަންޓް ހަރަދު ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.
އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހައްޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ބަޖެޓުގެ 16.2 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދު ކަމަށާއި އެއީ ބަޖެޓުގެ 59 ޕަސެންޓް ކަމަށެވެ.
ރިކަރަންޓް ހަރަދުގެ ތަފްސީލް:
* ބަޖެޓުގެ 31 ޕަސެންޓް ހަރަދު ވަނީ މުވައްޒިފުންގެ މުސާރައާއި އިނާއަތަކާއި ޕެންޝަނަށް
* ސަރުކާރުން ދޭ އެހީއާއި ސަބްސިޑީއަށް ބަޖެޓުގެ 9 ޕަސެންޓް ހަރަދުކުރެވޭ
* އޮފީސް ހިންގުމުގެ ހަރަދަށް ބަޖެޓުގެ 10 ޕަސެންޓް ހަރަދުކުރެވޭ
ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ ބަޖެޓުގެ 41 ޕަސެންޓް ކަނޑައަޅާފައި ވަނީ ކެޕިޓަލް ހަރަދަށް ކަމަށްވާ އިރު އޭގެ 80 ޕަސެންޓް ހަރަދުކުރެ ވެނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ) ޕުރޮޖެކްޓްތަކަށް ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުން އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވޭ އިރު އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 16.8 ބިލިއަން ރުފިޔާއި ޓެކްސް ނޫންގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 3.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށައަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކުރެވޭ ހަތަރު ބިލިއަން ރުފިޔާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ޑެފެސީޓަކީ 3.4 ބިލިއަން ރުފިޔާ ކަމަށާއި އެއީ ޖީޑީޕީގެ ހަ ޕަސެންޓް ކަމަށެވެ. ޑެފެސިޓް ފޫބަށްދާނީ ބޭރުގެ އެހީއާއި އެތެރެއިން ހޯދާ އާމްދަނީން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިޑެފެސިޓް ފޫބެއްދުމަށް ރާވާފައި ވަނީ ބޭރުގެ ފަރާތްތަކުން ހޯދާ 2.5 ބިލިއަން ރުފިޔާއާއި އެތެރޭގެ ފަރާތަތަކުން ހޯދާ 870 މިލިއަން ރުފިޔާ އިން." މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ 24.3 ބިލިއަން ރުފިޔާގެ ބަޖެޓުން ހަރަދުވާނެކަމަށް ލަފާކުރެވެނީ 21.3 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ ގޮތުގައި 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް އެންމެ ފަހުގެ އަންދާޒާ ދަށްކާ ގޮތުން މި އަހަރު ނިމޭ އިރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް މިހާރު ލަފާ ކުރެވެނީ 17.7 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގެ ޑެފެސިޓް 1.3 ބިލިއަން ރުފިޔާ ކަމަށް ބެލެވުނު ނަމަވެސް މިހާރު އަންދާޒާ ކުރެވެނީ 3.6 ބިލިއަން ރުފިޔާ އަށް ބަޖެޓް ޑެފެސީތް އަރާނެ ކަމަށެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 6.9 ޕަސެންޓް އެވެ.
މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފައިވާ އިރު 16.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއަހަރު ބަޖެޓް ޑެފެސިޓަކީ 1.4 ބިލިއަން ރުފިޔާ އެވެ.