12 Nov 2015, 10:56
ލ. ކުނަހަންދުއަށް ރެއިން ފެށިގެން ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށް ފެންވަދެ، ބައެއް ތަކެއްޗަށް ގެއްލުން ވެއްޖެ އެވެ.
ކުނަހަންދޫ ކައުންސިލްގެ ރައީސް ލިރްޣާމް ސަޢީދު މިއަދު ސަންއަށް ވިދާޅުވީ ރޭ އިރާކޮޅު، 7.45 އެހާކަށް އިރުން ފެށިގެން ކުނަހަންދުއަށް ބޯކޮށް ވާރޭ ވެހެމުން އަންނަ ކަމަށާއި މުޅި ރަށުގައި ފެންބޮޑުވެފައިވާ ކަމަށެވެ.
"... މުޅި ރަށުގައި ފެންބޮޑުވެ، ހިނގައި ބިނގައިވެ އުޅުމަށް ވަނީ ދަތިވެފައި. ހައެއްކަ ގެއަށް ވެސް ވަނީ ފެންވަދެފައި. އެގެތަކުގައިވާ ތަކެއްޗަށް ގެއްލުންވި،" ލިރްޣާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުނަހަންދުއަކީ ވަރަށް ބިން ތިރި ރަށަކަށް ވާތީ ފެންބޮޑުވުމުގެ މައްސަލަ އާއްމުކޮށް ދިމާވާ ކަމަށެވެ. އެ ރަށުގައި ބަނދަރު ނުހަދާ އިރު، ފެން ހިންދުމުން އައީ މިހާރު ބަނދަރު ހަދާފައި އޮތް ސަރަހައްދުން މޫދަށް ކޯރު ކަނޑައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"... ބަނދަރު ހެދި އިރު ވެސް އަޅުގަނޑުމެން ދެންނެވިން ސަރުކާރުގައި، ދެ ކާނު ހަދައިދޭށޭ. އެހެން ނޫނީ ވިއްސާރަ މޫސުމުގައި މިރަށުން ފެން ހިންދަން ވަރަށް އުނދަގޫ ވާނޭ،" ލިރްޣާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކާނުތައް ހެދުމުގެ މަސައްކަތް ކުރުމަށް ހައުސިން މިނިސްޓްރީ އާއި ރަށު ކައުންސިލާ ދެމެދު އެއްބަސްވުމެއް ގާއިމްކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެމަސައްކަތް އަދި ކުރެވޭ ގޮތެއް ނުވާ ކަމަށެވެ.