އޮހައޯ(ނޮވެމްބަރ 12) : ނުވަ މީހުންނާ އެކު ދަތުރު ކުރި އެމެރިކާގެ ކުޑަ ޖެޓެއް އަންގާރަ ދުވަހު އޮހައޯ ސްޓޭޓުގެ ގެޔެއްގެ މައްޗަށް ވެއްޓި ނުވަ މީހަކު މަރުވެއްޖެ އެވެ.

ވެއްޓުނު މަތިންދާ ބޯޓަކީ އެމެރިކާގެ ރިއަލް އެސްޓޭޓް ފާމްއެއް ކަމަށްވާ ޕެބް އެންޓަޕުރައިޒަސް އަށް ނިސްބަތްވާ ބޯޓެކެވެ. އަދި މަރުވު މީހުންނަކީ އެ ފާމްގެ ހަތް މުއައްޒަފުން ކަމަށް ޕެބް އެންޓަޕުރައިޒަސް އިން ބުންޏެވެ.

"އެ ހިތާމަވެރި ހާދިސާގައި ޕެބް އެންޓަޕުރައިޒަސްގެ ދެ ޕުރިންސިޕަލުންނާއި ފަސް މުއައްޒަފުން މަރުވުމުން އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތާމަ ފާޅުކުރަން،" ޕެބް އެންޓަޕުރައިޒަސް އިން އިއްޔެ ނެރުނު ބަޔާނެއްގައިވެ އެވެ.

ޕެބް އެންޓަޕުރައިޒަސް އިން ވަނީ މަރުވި މީހުންގެ މައުލޫމާތު އާއްމު ކުރުމަށް ދެކޮޅު ހަދާފައި އެވެ.

އެ ފާމްގެ ހަތް މީހުންގެ އިތުރުން ބޯޓު ދުއްވަން ތިބި ދެ ޕައިލަޓް ވެސް ވަނީ މަރުވެފަ އެވެ.

އެކްރަން ސިޓީގެ ފަޔާ ޑިޕާޓުމެންޓްގެ ތަރުޖަމާނު ލިއުޓަނަންޓު ސާޖީ ލޭޝް ވިދާޅުވި ގޮތުގައި ހާދިސާ ހިނގި ވަގުތު އެ އިމާރާތުގައި އެއްވެސް މީހަކު ނޫޅެ އެވެ.

ދިހަ ފަސެންޖަރުންގެ ގޮނޑި ހުންނަ ހައުކާ ބިޒްނަސް ޖެޓު ވެއްޓުނީ އެކްރަން ފުލްޓަން އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ މަގުމަތީގައި މެންދުރު ގަނޑީގައި އެވެ.

އޮހައޯ ސްޓޭޓު ފުލުހަކު ބުނި ގޮތުގައި ޖެޓު ވެއްޓިފައި ވަނީ ޔުޓިލިޓީ ވަޔަރެއްގެ މައްޗަށެވެ. ވެއްޓުނު ފަހުން އަލިފާން ރޯވެ އިމާރާތާ އެއްކޮށް އެނދީ އެވެ. ނަމަވެސް ބޯޓުގައި ތިބި މީހުންގެ އިތުރުން އެހެން މީހަކަށް އަނިޔާވި ކަމަށް ނުބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި އެ ވަގުތަކީ ދުންފިނި ބޯކޮށް ހުރުމުގެ ސަބަބުން މަތިންދާބޯޓު ދުއްވަން އުނދަގޫ ވާނެ ގަނޑި އެއް ކަމަށެވެ.

ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑާއި ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓުރޭޝަންގެ އިން މިހާރު ދަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު:އޭޕީ