12 Nov 2015, 11:43
ސްރީ ލަންކާގެ އުވާ ޕްރޮވިންސްގައި ސްކޫލް ގަޑިތަކުގައި ޓީޗަރުން ފޯނު ބޭނުންކުރުން މަނާކުރާ ގޮތަށް ހަމަޖައްސާނެކަމަށް އެ ޕްރޮވިންސްގެ ޗީފް މިނިސްޓަރު، ޗަމަރަ ސަމްޕަތު ދަސަނަޔެކަ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، ސްކޫލް ގަޑިތަކުގައި ފޯނު ނިއްވާލުމަށްފަހު، ޕްރިންސިޕަލްގެ އޮފީހުގައި ފޯނު ބޭއްވުމަށް އެ ޕްރޮވިންސްގެ ސްކޫލްތަކުގެ ޓީޗަރުންނަށް އަންގާފައި ވާނެ ކަމަށާއި، އަންނަ އަހަރު ޖަނަވަރީ މަހުން ފެށިގެން އެ ގަވާއިދަށް އަމަލު ކުރަންފަށާނެ ކަމަށެވެ.
މުހިންމު ކަމެއް މެދުވެރިވެގެން ފޯނެއް ކުރަން ޖެހިއްޖެ ނަމަ ސްކޫލްގެ އިދާރީ ފޯނުތައް މެދުވެރިކޮށް ކޯލް ކުރެވޭނެ ގޮތް ޓީޗަރުންނަށް ހަމަޖައްސައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެގޮތަށް އަމަލު ކުރަން ނިންމީ ސްކޫލްގަޑިތަކުގައި ފޯނު ބޭނުން ކުރުމުގެ ސަބަބުން ސުކޫލްގެ އުފެއްދުންތެރިކަން ދަށްވަމުން ދާތީއާއި، ހުއްދަ އަކާއި ނުލައި ފޮޓޯ ނެގުން ފަދަ ކަންތައްތައް އާއްމުވަމުން ދާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ގަވާއިދަށް އަމަލު ނުކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.