ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދާ ގަހަނާއާއި ޖަވާހިރުގެ ނީލަމެއްގައި ބަހައްޓާފައިވާ "ބްލޫ މޫން"ގެ ނަންދެވިފައިވާ ނޫކުލައިގެ އަލިމަހެއް، 48.5 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ. މިއީ ދުނިޔޭގެ ޖަވާހިރުގެ ބާޒާރުގެ ރެކޯޑު އަގެކެވެ.

މި ނީލަން އިންތިޒާމްކުރި ބައިނަލްއަގްވާމީ ކުންފުންޏެއް ކަމަށްވާ ސޮދެބީސް އިންޓަނޭޝަނަލް އިން ބުނެފައި ވަނީ، އަނގޮޓިއެއްގައި ހަރުކޮށްފައިވާ 12.3 ކެރަޓްގެ މި އަލިމަހަކީ އެ ނީލަމުގައި ބަހައްޓާފައި ހުރި އަލިމަސްތަކުގެ ތެރޭން 'ކުޝަން ކަޓް' ބައްޓަމަށް ހަދާފައިވާ އެންމެ ބޮޑު ޖަވާހިރު ކަމަށެވެ.

ބުދަ ދުވަހު ސޮދެބީސްއިން އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ، މިފަދަ ނީލަމެއްގައި ޖަވާހިރެއްގެ އަގު ފުރަތަމަ ފަހަރަށް ކެރަޓަކަށް 4 މިލިއަން ޑޮލަރު ޖެހިފައިވާ ކަމަށެވެ.

އެ ނޫ އަލިމަސް ގަނެފައި ވަނީ، ހޮންކޮންގެ ޕްރައިވެޓް ކަލެކްޓަރއެކެވެ. ޖަވާހިރު ގަތުމަށް ފަހު އޭގެ ނަންވަނީ "ދަ ބްލޫ މޫން އޮފް ޖޯޒެފީން"އަށް ބަދަލުކޮށްފައެވެ.

މި އަލިމަހަށް ބްލޫ މޫންގެ ނަންދެވިފައި ވަނީ، އެއީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ އަލިމަހަކަށް ވާތީއެވެ.

ސޮދެބީސް އިންޓަނޭޝަނަލް ޖުވެލެރީ ޑިވިޝަންގެ ވެރިޔާ، އެ ބުލޫ މޫން ސިފަ ކޮށްފައި ވަނީ ފުރިހަމަ ކުލައެއް ހުރި ސާފު ޖަވާހިރެއްގެ ގޮތުގައެވެ.

ނޫ އަލިމަސް އުފެދެނީ، އެ ޖަވާހިރު އުފެދުމުގައި 'ބޯރޯން' އާއި 'ކާބަން' އެކުވުމުގެ ސަބަބުންނެވެ.

ފާއިތުވި 20 ވަރަކަށް އަހަރު ތެރޭގައި ކުލަ އަލިމަހުގެ އަގު ވަނީ ދެ ގުނައަށް އިތުރުވެފައެވެ. އެއީ ކުލަ އަލިމަސް ފެނުން މަދުވުމުގެ ސަބަބުން ކަމަށް ޖަވާހިރުގެ ވިޔަފާރިކުރާ ފަރާތެއްކަމަށްވާ ކްރިސްޓީސް ޖުވެލަރީން ބުނެއެވެ. އަދި މިފަހަކަށް އައިސް ހުދު އަލިމަހުގެ އަގު ދަށް ވެފައިވާ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ބުނެފައިވާ ގޮތުން މީގެ ކުރިން އެންމެ ބޮޑު އަގެއްގައި ޖަވާހިރެއް ވިކިފައި ވަނީ، މީގެ ފަސް އަހަރު ކުރީން 46.2 މިލިއަން ޑޮލަރަށެވެ. އެއީ 'ދަ ގްރާފް ޕިންކް' ކިޔާ ފިޔާތޮށި ކުލައިގެ ޔާގޫތެކެވެ.