12 Nov 2015, 09:49
އަންނަ އަހަރަށް ދައުލަތުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ބަޖެޓުގައި ޕަބްލިސް ސެކްޓާ އިންވެސްޓުމަންޓް ޕްރޮގުރާމް (ޕީއެސްއައިޕީ)ގެ މަޝްރޫއުތަކަށް 9.1 ބިލިއަން ރުފިޔާ ހިމަނައިފި އެވެ.
އެއީ މިހާތަނަށް ރާއްޖޭގެ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދެވެ.
ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ، ޕީއެސްއައިޕީގެ މަޝްރޫއުތައް އެކުލަވާލުމުގައި މައިގަނޑު ދެ ކަމަކަށް އިސްކަން ދެއްވާފައިވާނެ ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށާއި އަލަށް ފަށާ މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަކީ ޕީއެސްއައިޕީގެ މަޝްރޫއުތައް އެކުލަވާލުމުގައި އިސްކަން ދެއްވާފައިވާ ކަންތައްތައް ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
ޖިހާދު ވިދާޅުވީ، އެ ޕްރޮގުރާމުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި ރައްޔިތުންނަށް ތަރައްގީ ފޯރުކޮށްދިނުން ކަމަށެވެ.
"އޭގެ ސަބަބުން އިގްތިޞާދަށް ކުރިއެރުން ލިބި ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެހީތެރިވެދޭނެ. ސަރުކާރުގެ ވައުދެއް ފުއްދޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް އެ ވާސިލު ވެވުނީ ތަރައްގީގެ އާ ހަރުފަތަކަށް،" ޖިހާދު ވިދާޅުވި އެވެ.
ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ބަޖެޓުގައި ހިމަނާފައިވާ އަދަދަކީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ މުޅި ބަޖެޓުގެ 33 ޕަސެންޓެވެ.
"މިއީ ދިވެހި ތާރީހުގައި ވެސް ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކަށް އެންމެ ބޮޑު ޖާގައެއް ދެވުނު އަހަރު ކަމުގައި މި ދަންނަވަނީ ދީލަތިވަންތަ ﷲ އަށް ހަމްދު ކުރާ ހާލު އުފަލާއި ހިތްހަމަ ޖެހުމާއި އެކު،" ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހިމަނާފައިވާ 9.1 ބިލިއަން ރުފިޔާގެ ތެރެއިން އާއްމު ބަޖެޓުން ހޭދަ ކުރުމަށް ކަނޑައަޅާފައި ވަނީ 5.2 ބިލިއަން ރުފިޔާ އެވެ. އަދި ބޭރުގެ ލޯނު އެހީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާއާއި ހިލޭ އެހީއާ ޓުރަސްޓު ފަންޑުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ބޮޑެތި މަޝްރޫއުތައް:
- އިބުރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު.
- މާލެ – ހުޅުމާލެ އާ ދެމެދު އަޅަން ހަމަޖެހިފައިވާ "ޗައިނާ މޯލްޑިވްސް ފުރެންޑުޝިޕް ބުރިޖް".
- މިހާރުވެސް ކުރިއަށް ގެންދާ ހައުސިން ޔުނިޓުގެ މަޝްރޫއުތަކާއި އަލަށް ފަށާ ހައުސިން ޔުނިޓުތަކުގެ މަޝްރޫއުތައް.
- ބަލިތައް ދެނެގަތުމުގެ ގޮތުން ޒަމާނީ "ގައުމީ ތަހުލީލީ" މަރުކަޒެއް އައިޖީއެމްޗު ހުސް ބިމުގައި ބިނާކުރުން.
- ށ. ފުނަދޫގެ އެއާޕޯޓު ހެދުމުގެ ގޮތުން ބިން ހިއްކުމުގެ މަޝްރޫއު.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހިމަނާފައި ވަނީ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމާއި ވައިގެ ބަނދަރުތައް ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށެވެ. އެކަމަށްޓަކައި އަންނަ އަހަރު 63 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެއީ 2.6 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެކެވެ. އޭގެތެރެއިން 62 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތްތަކަށް 783 މިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ބިން ހިއްކުމާއި މަގު ހެދުމަށް 1.2 ބިލިއަން ރުފިޔާ ހޭދަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން 9 ރަށެއްގެ ބިން ބޮޑު ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން ބިން ހިއްކުމުގެ 19 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ޕީއެސްއައިޕީގެ މަަސައްކަތްތަކަށް ހިމަނާފައިވާ 9.1 ބިލިއަން ރުފިޔާއިން މާލޭގެ މަގުތައް އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވެސް އަންނަ އަހަރު ފެށިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ. އަދި މާލެ ހުޅަނގު ދެކުނު ފަރާތުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އަންނަ އަހަރުގެ ތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަމަށާއި އެކަންކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ވެގެންދާނެ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
ފެނާ ނަރުދަމާ ގާއިމު ކުރުމުގެ 96 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ. އެ މަޝްރޫއުތަކަށް 960 މިލިއަން ރުފިޔާ ހޭދަކުރެވޭނެ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން އަންނަ އަހަރުގެ ބަޖެޓުގައި 60 މަޝްރޫއުއެއް ވަނީ ހިމަނާފަ އެވެ. އެދާއިރާއަށް 793 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުން ހޭދަކުރާނެ އެވެ. އޭގެތެރޭގައި ރަށްރަށުގެ ގޮނޑުދޮށްތަކަށް ހޭދަ ކުރުމުގެ 34 މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ކަރަންޓަށް ކުރެވޭ ހަރަދު ކުޑަކުރުމާއި އިއާދަކުރަނިވި ހަކަތައަށް ވެސް ވަނީ 340 މިލިއަން ރުފިޔާ ހިމަނާފައެވެ. އެގޮތުން މާލޭގައި އިތުރު 50 މެގަ ވޮޓުގެ ކަރަންޓު އުފެއްދޭނެ ނިޒާމެއް ގާއިމު ކުރުމާއި މާލެއާ ހުޅުމާލެ ކަރަންޓުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ހިމެނޭ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ. އަދި ރާއްޖޭގެ އެކި ރަށްތަކުގައި ތިމާވެއްޓާ ރަށްޓެހި ހަކަތައިގެ ނިޒާމުތައް ވެސް އަންނަ އަހަރު ގާއިމު ކުރާނެ ކަމަށް ޖިހާދު ވިދާޅުވި އެވެ.