ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް 1995 ވަނަ އަހަރު ސާބުން ބޮޑު ގަތުލު އާއްމެއް ހިންގި ރަށެއް ކަމަށްވާ ސްރެބްރެނިކާގެ ތަރައްގީ އަށް 5.4 މިލިޔަން ޑޮލަރު ދޭނެ ކަމަށް ސާބިޔާ އިން ބުނެފި އެވެ.

މުސްލިމުންނާ ދެކޮޅަށް ސާބުން ކުރި ހަނގުރާމައިގައި 1995 ވަނަ އަހަރު ހިންގި ގަތުލުއާއްމުގައި ފިރިހެނުންނާއި ފިރިހެން ކުދިން ހިމެނޭ ގޮތުން ސްރެބްރެނިކާގެ 8000 މުސްލިމުން އެއް ދުވަހާ މަރާލި އެވެ. އެހެންވެ ސާބިޔާއިން ދޭ އެހީ އަކީ ސާބުންނާ މުސްލިމުންނާ ދެމެދު ސުލްހަވުމަށް ކުރައްވާ މަސައްކަތެއް ކަމަށް ސާބިޔާގެ ބޮޑުވަޒީރު އަލެކްސަންޑަރު ވޫސިޗް ސިފަކުރައްވައިފަ އެވެ.

"... ސާބިޔާއިން ބަލަނީ މުސްތަގުބަލަށް. އަދި ބޮސްނިއާ މީހުންނާ އެކު އެންމެ ރަނގަޅު ގުޅުމެއް ބޭއްވުމަށް. މުސްތަގުބަލު ބިނާކުރުމަށް. ކުރިއަށް އޮތް 100 އަހަރު ސުލްހަވެރިކަމުގައި ދިރިއުޅުމަށް،" ވޫސިޗް ވިދާޅުވިކަމަށް ނިއުޔޯކްޓައިމްސް ބުންޏެވެ.

ސާބިޔާ ސަރުކާރުގެ އެ ފިޔަވަޅަކީ ހިތްހެޔޮކަމުގެ އަމަލެއް ކަމަށް ސާބިޔާ މީހުން ދުށްކަމުގައި ވިޔަސް ބޮސްނިއާ މީހުން އެކަން ބަލައި ގަންނާނީ ޝައްކުތަކަކާއި އެކުގައި ކަމަށް މުރާސިލުން ދެކެ އެވެ.

ގަތުލު އާއްމު ހިނގި ތާރީހު ކަމަށްވާ ޖުލައިމަހުގެ 20 ވަނަ ދުވަހާ ދިމާކޮށް ވޫސިޗް ވަނީ މިއަހަރު ސްރެބްރެނިކާއަށް ވަޑައިގެންފަ އެވެ. އަދި އެގަތުލުއާމުއްގައި މަރުވި މީހުންގެ ގަބުރުސްތާނެއްގައި އޭނާ މާބޮނޑިއެއް ބޭއްވެވި އެވެ. އޭނާ އެފަހަރު އެރަށަށް ވަޑައިގެންނެވުމުން، މަރުވި މީހުންގެ އާއިލާތަކުން ވަނީ އޭނާއާ ދިމާލަށް ގާއުކާފަ އެވެ. ނަމަވެސް އޭނާ އިއްޔެ ވަނީ އަލުން އެ ރަށަށް ޒިޔާރަތް ކުރައްވައި، ގަބުރުސްތާނުގައި މާބޮނޑި ބަހައްޓައިފަ އެވެ.

ސްރެބްރެނިކާގައި ހިންގި ގަތުލުއާއްމަކީ 'ޖެނޮސައިޑެއް' ކަމަށް ކަނޑައެޅުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ދެލިކޮޕީއެއް ރަޝިޔާ އިން ވަނީ ވީޓޯކޮށްފަ އެވެ.