12 Nov 2015, 09:44
ދިމިޝްގު(ނޮވެމްބަރު 12): ސޫރިޔާގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށްޓަކައި ރަޝިޔާއިން އެކުލަވައިލި ސުލްހައިގެ ޕްލޭނަށް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން ދެކޮޅު ހަދައިފި އެވެ.
ސޫރިޔާގެ ހަނގުރާމަވެރި މިޖަމާއަތްތައް ވަކިވަކިން ނެރުނު ބަޔާންތަކުގައި ރަޝިޔާގެ ޕްލޭނަށް ވަރަށް ބޮޑަށް ފާޑުކިޔައި އެ ޕްލޭނަށް ދެކޮޅު ހަދާފައިވެއެވެ. މީގެއިތުރުން ސޫރިޔާގެ އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސްވަނީ ރަޝިޔާގެ ޕްލޭނަށް ދެކޮޅު ހަދާފައެވެ.
ސޫރިޔާގެ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ރަޝިޔާއިން އެކުލަވާލި ޕްލޭން ބިނާވެފައިވަނީ ސޫރިޔާ ސަރުކާރާއި އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން އެގައުމުގެ ގާނޫނު އަސާސީއަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްފަހު އެގައުމުގައި ރިޔާސީ އިންތިޚާބެއް ބޭއްވުމުގެ މައްޗަށެވެ.
ޖުމްލަ އަށް ނުކުތާގެ މައްޗަށް އެކުލެވޭ މި ޕްލޭންގައި ރައީސް ބައްޝާރުލްއަސަދަށް އެގައުމުގެ ރިޔާސީ އިންތިޚާބުގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެފައިނުވި ނަމަވެސް ސޫރިޔާގެ ގާނޫނު އަސާސީއަށް އިސްލާހީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިޔަށްދާނީ ރައީސް ބައްޝާރުލްއަސަދުގެ ބެއްލެވުމުގެ ދަށުން ނޫންކަމަށް ބުނެފައިވެ އެވެ.
ވިއެނާގައި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްހައިގެ ވާހަކަތަކުގެ ދެވަނަބުރުގައި އެ ޕްލޭން ރަސްމީކޮށް ހުށަހަޅައި އެއާބެހޭގޮތުން މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ.
ރައީސް ބައްޝާރުލްއަސަދުގެ މުސްތަގްބަލަކީ ސޫރިޔާގެ މައްސަލައާ ގުޅުންހުރި ގައުމުތަކުގެ މެދުގައި އެންމެ ބޮޑު ޚިޔާލުތަފާތުވުންތައް އުފެދިފައިވާ މައްސަލައެވެ. ސޫރިޔާގެ މައްސަލައާ ގުޅުންހުރި ގައުމުތަކުގެ ތެރޭން އެމެރިކާއާއި ސައޫދީ އަރަބިޔާއާ ގަތަރު ބޭނުންވަނީ ރައީސް ބައްޝާރުލްއަސަދު މަގާމުން ދުރުކޮށް ސޫރިޔާގެ މުސްތަގްބަލްގައި އޭނާގެ އެއްވެސް ދައުރެއް ނެތުމަށެވެ. ނަމަވެސް އީރާނާއި ރަޝިޔާއިން ބުނަނީ ބައްޝާރުގެ ސިޔާސީ މުސްތަގްބަލް ކަނޑައަޅާނީ ބޭރުގެ ފަރާތްތަކުން ނޫންކަމަށާއި ސޫރިޔާގެ ރައްޔިތުންކަމުގައެވެ. އެހެންކަމުން ބައްޝާރު ވެރިކަމުގައި ބެހެއްޓުމާއި އަދި ވެރިކަމުން ދުރުކުރުމާމެދު ގޮތެއް ނިންމާނީ ސޫރިޔާގައި ރިޔާސީ އިންތިޚާބެއް ބާއްވައިގެން އެއިން ނުކުންނަ ނަތީޖާއަކުންކަމަށް މިދެގައުމުން ބުނެ އެވެ.
ރަޝިޔާގެ ޕްލޭންގައި ވާގޮތުން ސޫރިޔާ ގާނޫނޫއަސާސީއަށް ބަދަލުތައް ގެނައުމަށްޓަކައި އެގައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ދެކެވޭ ސުލްހައިގެ ވާހަކަތަކުގައި ބައިވެރި ކުރެވޭނީ އިދިކޮޅު ސިޔާސީ ފަރާތްތައް ހިމެނޭ އެއް ވަފްދެވެ. ސޫރިޔާ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރި އެއްވެސް ޖަމާއަތަކަށް ނިސްބަތްވާ ބަޔަކު މިވަފްދުގައި ބައިވެރި ނުކުރެވޭނެ ކަމަށާއި އެފަދަ ޖަމާއަތްތަކަކީ ޓެރަރިސްޓް ޖަމާއަތްތައް ކަމަށް މި ޕްލޭން ބުނެ އެވެ.
މި ޕްލޭންގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސިފަކޮށްފައިވަނީ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ފަދަ ހަރުކަށި ޖަމާއަތްތައް އެކަންޏެއްނޫނެވެ. ސޫރިޔާ ސަރުކާރު ގަދަބާރުން ވައްޓާލުމަށްޓަކައި ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމަ ކުރަމުން ގެންދާ ކޮންމެ ޖަމާއަތަކީވެސް ޓެރަރިސްޓް ޖަމާއަތެއްކަމަށް މި ޕްލޭންގައި ސިފަކޮށްފައިވެއެވެ.
މި ޕްލޭންގެ ދެލިކޮޕީ އަކީ މިހަފްތާގައި ބާއްވާ ސޫރިޔާގެ ސުލްހައިގެ ބައްދަލުވުމަށް ހުށަހަޅައި މަޝްވަރާކޮށްގެން ބަދަލުތައް ގެނެވިދާނެ އެއްޗެއް ކަމަށް ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ބުނެ އެވެ. (ނޫސްއެޖެންސީތައް)