ރިލީޒް ކުރުމުގެ 72 ގަޑިއިރުގެ ތެރޭގައި އެކްޓިވިޜަންގެ ވީޑިއޯ ގޭމް ފްރެންޗައިސް ކަމަށްވާ "ކޯލް އޮފް ޑިއުޓީ"ގެ އެންމެ ފަހުގެ އުފެއްދުން "ބްލެކް އޮޕްސް 3" 550 މިލިއަން ޑޮލަރުގެ ކާމިޔާބީއެއް ހޯދައިފި އެވެ.

އެފަދަ ބޮޑު ކާމިޔާބީއާ އެކު އެ ގޭމް ވަނީ މުނިފޫހި ފިލުވުމުގެ ހުރިހާ މީޑިއަމްތަކުގައި މި އަހަރު ނެރުނު އުފެއްދުންތަކުގެ ތެރެއިން އެއްމެ ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. އެހެން ކަމުން މި އަހަރު ނެރުނު އެންމެ ބޮޑު ކާމިޔާބީތަކެއް ހޯދި ތިއޭޓްރިކަލް އޯޕެނިންތައް ކަމަށްވާ "ޖުރެސިކް ވޯލްޑް" އާއި "މިނިއަންސް" އަށް ވުރެ ބޮޑު ކާމިޔާބީއެއް ވަނީ ބްލެކް އޮޕްސް ހޯދާފައެވެ.

އެހެން ނަމަވެސް ބްލެކް އޮޕްސް 3 އަކީ ކޯލް އޮފް ޑިއުޓީގެ ގޭމްތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އުފެއްދުމެއް ނޫނެވެ. އެމަގާމު ހޯދާފައި ވަނީ "ބްލެކް އޮޕްސް 2" އަށެވެ. އެ ގޭމް ވަނީ ރިލީޒުކުރިތާ 24 ގަޑިއިރުގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ މާކަށް ވާސިލް ވެފަ އެވެ.

ވެޑްބުޝް ސެކިއުރިޓީ އެނަސިލްޓުން ބުނާގޮތުގައި ބްލެކް އޮޕްސް 3 މިހާރު މަސައްކަތް ކުރަމުން ދަނީ 20 މިލިއަން ކޮޕީ ވިއްކާލުމުގެ ރެކޯޑަށެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ގޭމް އެއްބިލިއަންގެ މާކަށް ވާސިލްވާނެ އެވެ. އެ އާއެކު ބްލެކް އޮޕްސް ވެގެން ދާނީ އެއް ބިލިއަން މާކަށް ވާސިލްވި ހަވަނަ ކޯލް އޮފް ޑިއުޓީ ގޭމަށެވެ.

މިއަހަރުގެ އެންމެ މަގުބޫލު އެއް ރިލީޒް ކަމަށްވާ ޖުރެސިކް ވޯލްޑް ރިލީޒްކުރި ތިން ދުވަސްތެރޭ ހޯދާފައި ވަނީ 524.4 މިލިއަން ޑޮލަރުގެ އަދަދެކެވެ. އެއީ ބްލެކް އޮޕްސް 3 އަށްވުރެ ދަށް އަދަދެކެވެ. ނަމަވެސް މިހާތަނަށް އެންމެ ކުޑަ ދުވަސްކޮޅެއްގައި އެއް ބިލިއަން ޑޮލަރުގެ ކާމިޔާބީއަކަށް ވާސިލްވި އުފެއްދުމެއްގެ ރިކޯޑު އޮތީ ޖުރެސިކް ވޯލްޑުގެ އަތުގަ އެވެ.

ޖުރެސިކް ވޯލްޑް ނެރުމުގެ 13 ދުވަސްތެރޭގައި ވަނީ އެއް ބިލިއަން ޑޮލަރުގެ ކާމިޔާބީއަށް ވާސިލްވެފަ އެވެ. ބްލެކް އޮޕްސް 3 އަށް އެ މަގާމު ހޯދިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.