11 Nov 2015, 22:50
ލިޔުނީ: މުހައްމަދު ސަލީމް (ހޯރަފުށި)
ދިވެހިރާއްޖެއަށް ޖުމްހޫރީ ނިޒާމު ތަޢާރަފްކުރެއްވި ދެ ބޭފުޅުންނަކީވެސް ޒަމާންވީ ރަސްކަމުގެ ވަރުގަދަ ދެ ވަންހައިން ވަޑައިގެންނެވި ދެބޭފުޅުންނެވެ. މި ދެބޭފުޅުންނަކީ ހުރާ ރަސްވަންހައަށް ނިސްބަތްވި މުޙަންމަދު އަމީން އާއި ދިޔަމިގިލި ރަސްވަންހައަށް ނިސްބަތްވާ އިބްރާހިމް ނާސިރެވެ. މީގެ ތެރެއިން ފުރަތަމަ ޖުމްހޫރީ ނިޒާމް ތަޢާރަފްކުރެއްވީ މުޙަންމަދު އަމީން އެވެ. އެއީ 1 ޖެނުއަރީ 1953 ގައެވެ.
އެންމެ ހަތްމަހަށްފަހު، އަނެއްކާވެސް އެނިޒާމު ރަސްކަމަކަށް އިންޤިލާބަކުން ބަދަލުކޮށްފައި ވަނިކޮށް 11 ނޮވެމްބަރ 1968 ގައި ޖުމްހޫރީ ރައީސަކަށް އިބްރާހިމް ނާސިރު ވެވަޑައިގަތެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލު ކުރެއްވުމަށްފަހުގައެވެ.
ދެވަނަ ފަހަރަށް ޖުމްހޫރީ ނިޒާމް ގެންނެވި ރައީސް އިބްރާހިމްނާސިރުގެ މަންމަ ޢައިޝަތު ދީދީ އަކީ، ދަނޑިމަގު ގަނޑުވަރު މަރިޔަމްދީދީގެ ދަރިކަލުން މޫސާދީގެ ބޭފުޅެކެވެ. ދަނޑިމަގު ގަނޑުވަރު މަރިޔަމްދީދީ އަކީ، އައްނަބީލް ކަރައްޔާ ޙަސަންދީދީގެ ޙުސެންދީދީގެ ބޭފުޅެކެވެ.
އަންނަބީލް ކަރައްޔާ ޙަސަންދީދީ އަކީ، ޕްރިންސް ފާމުލަދޭރި ކިލެގެފާނުގެ ބޭފުޅެކެވެ. ޕްރިންސް ފާމުލަދޭރި ކިލެގެފާނަކީ، އައްސުލްތާން ޣިޔާސުއްދީންގެ ދަރިކަލުންނެވެ. މި ވަންހަ ފެށެނީ ދިޔަމިގިލީ ޑައިނާސްޓީގެ އައްސުލްތާން މުޙަންމަދު ޢިމާދުއްދީން 2 އާއި ހަމައިންނެވެ. އައްސުލްތާން އިބްރާހިމް އިސްކަންދަރު2 އަކީ، އައްސުލްތާން މުޙަންމަދު ޢިމާދުއްދީނުގެ ދަރިކަލުންނެވެ.
މިދެންނެވި ހެކިތަކުން ސާބިތުވާ ޙަގީގަތަކީ ރާއްޖޭގެ ރަސްކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ފުރޮޅާލަދެއްވި ދެ ރައީސުންނަކީވެސް އެބޭފުޅުން ބޭނުންފުޅުވިނަމަ، ރަސްކަން ދެމެހެއްޓުމުގެ ބާރާއި ފުރުސަތު ލިބިވަޑައިގެން ތިއްބެވި އަދި ރަސްމަތިފުށަށް ނިސްބަތްވި ދެބޭފުޅުންކަމެވެ. ސުވާލަކީ، މި ދެބޭފުޅުންވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވީ އިއްތިފާޤަކުން ތޯއެވެ.؟ ނޫންނަމަ އޭގެ ފަހަތުގައި އޮތް މަޤްސަދަކީ ކޮބައި ހެއްޔެވެ.؟
ޖުމްހޫރީ ނިޒާމެއް ގެނުވި މައިގަނޑު މަޤްސަދަކީ، ޒަމާންވީ ރަސްކަމުގެ ނިޒާމުދޫކޮށް ރައްޔިތުންގެ ވެރިކަމެއް ޤާއިމްކޮށް، "ތަރައްޤީގެ އަވަސް" ފިޔަވަޅުތަކެއް އެޅުމާއި ރައްޔިތުން ބާރުވެރި ކުރުވުމެވެ. ޖުމްހޫރީ ނިޒާމުގެ ފަލްސަފާއަކީވެސް މިއެވެ. އެ ނިޒާމުން ކަށަވަރުވެގެން އަންނަނީ ތިރީގައި ބަޔާންކުރެވިފައި އެވާ މައިގަނޑު މަފްޙޫމް ތަކެވެ.
ޖުމްހޫރީ ނިޒާމުގަވެރިކަމުގެ ބާރާއި އިޚްތިޔާރު މި ދެނީ ސީދާ ރައްޔިތުން. އެހެން ސުޕްރީމް ބާރަކުންނެއްނޫންކަން.
- ރައްޔިތުންގެ ސަރުކާރު ދެމިއޮންނަނީ ރައްޔިތުންގެ މަންދޫބުން ލިޔެފައިވާ ޤާނޫނޫއަސާސީގައި ބުނެފައިވާ މުއްދަތަކަށް ކަމެވެ.
- ތަފާތު ޒިންމާތައް މަތިކުރެވިފައި އޮންނަ މުސްތަޤިއްލު ބާރުތަކެއް މި ނިޒާމުގައި އޮންނަނީ ރައްޔިތުންގެ ޙައްޤުތަކާއި މަސްލަޙަތުގެ ބޭނުމުގައި ކަމެވެ.
- ރައްޔިތުންގެ މަންދޫބުން ލިޔެފައިވާ ޤާނޫނު އަސާސީއަކުން، ރައްޔިތުންގެ ޙައްގުތައް މިނިޒާމުގައި ޙިމާޔަތްކުރެވިފައި އޮންނަ އޮތުމެވެ.
- ރައްޔިތުން އިންތިޚާބުކުރި ބަޔަކަށް ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމުގެ ބާރު ލިބިދޭކަމެވެ.
- ރައްޔިތުންގެ މަންދޫބުން މުޅިރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރަން މި ނިޒާމުގައި ޒިންމާކުރެވިފައި އޮންނަކަމެވެ.
ދިވެހިރާއްޖެ ޖުމްހޫރީ ވެރިކަމުގެ ނިޒާމަށް ވެރިކަން ހިނގުމުގެ ވައްޓަފާޅި އާއި އުސޫލްތައް ބަދަލުވެގެން އައީ ދެވަނަ ބޮޑު ހަނގުރާމަ ނިމި، ޖަރުމަނާއި ފްރާންސާއި އިނގިރޭސިވިލާތްފަދަ އިސްތިޢުމާރީ ބާރުތަކުން އަޅުވެތި ކޮށްފައި އޮތް ޤައުމުތައް މިނިވަންވެ، އެ ގައުމުތަކުގައި ޖުމްހޫރީ ނިޒާމުގެ ވެރިކަން ޤާއިމްކުރަމުން އައި ދުވަސްވަރެވެ. ފަރަންސޭސިންގެ އަތުން މިނިވަންކަން ލިބުނު ޤައުމުތަކަށް ފްރާންސުން ބާރުއެޅީ ޖުމްހޫރީ ނިޒާމަށް ދިއުމަށެވެ.
އިނގިރޭސިންގެ އަތުން މިނިވަންކަން ލިބުނު ގައުމުތަކުގެ ތެރޭން " އޭޝިއާ" އާއި "އެފްރިކާ" ގެ ޤައުމުތަކުންވެސް ޖުމްހޫރީ ނިޒާމަށް ވެރިކަން ހިނގުން ބަދަލުކުރިއެވެ. ނަމަވެސް "ކެރީބިއަން" އަދި "މިޑުލްއީސްޓު" ގެ ގިނަ ޤައުމުތައް ރަސްކަމުގެ ނިޒާމުގަ ދެމި ތިބީއެވެ.
ދަރުމަވަންތަ ރަސްގެފާނު ނުވަތަ ތީމުގޭ މަހާ ކަލަމިންޖާގެ ރަސްކަމުން ފެށިގެން ދިވެހިރާއްޖޭގައި ހިނގަމުންއައި، ގަދީމީ ޝާހީ ރަސްކަމުގެ 812 އަހަރު މާޒީއަށް ދޫކޮށް ރާއްޖޭގައި 1 ޖެނުއަރީ 1953ގައި، މުޙަންމަދު އަމީން އިސްވެ ހުންނަވައިގެން ޖުމްހޫރީ ވެރިކަމުގެ ނިޒާމް ތަޢާރަފް ކުރެއްވިއެވެ. ނަމަވެސް އެންމެ 7 މަހާ 17 ދުވަހަށްފަހު، އަނެއްކާވެސް ރަސްކަމަކަށް ރާއްޖެ ފުރޮޅުނެވެ. އެ ފުރޮޅުމުގައި 7 މާރޗް1954 ގައި، އަންނަބީލް މުޙަންމަދު ފަރީދު، ރަސްކަލަކަށް އިންތިޚާބުކުރެވި އެ ރަސްކަން 14 އަހަރާއި 8 މަހާއި 4 ދުވަސް ވަންދެއް ދެމިއޮތެވެ.
މިދެންނެވި ރަސްކަން ޖުމްހޫރީ ނިޒާމަކަށް އަނެއްކާވެސް ފުރޮޅިގެން ދިޔައީ ދެވަނަ ޖުމްހޫރިއްޔާގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައި އެ މައްސަލަ 5 އޮކްޓޫބަރ 1967ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި އެމަޖިލީހުން ރަސްކަން އުވާލައި ޖުމްހޫރީ ނިޒާމެއް ތަޢާރަފްކުރަން ފާސްކުރި ހިސާބުންނެވެ.
އެކަމާމެދު ބަހުސް ކުރުމަށް 15 ނޮވެމްބަރ 1967ގައި ބޭއްވުނު ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއިން ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް އޮންނަން ފެންނަ ކަމަށް 44 މެންބަރުންގެ ތެރެއިން 40 މެންބަރުންގެ ވޯޓުން ފާސްކުރެއްވިއެވެ. އެއަށްފަހު، މި މައްސަލަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އިބްރާހިމް ނާސިރު ފޮނުއްވިއެވެ. ރައްޔިތުންގެ ތާއީދު ޖުމްހޫރިއްޔަކަށް ލިބުމުން ދެވަނަ ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީ ހުވާ އިންތިޚާބުވެ ވަޑައިގަތް އިބްރާހިމް ނާސިރު ކުރެއްވީ 11 ނޮވެމްބަރު 1968 ގައެވެ. އެދުވަހުން ފެށިގެން ރާއްޖޭގައި ހިނގަމުން މިއަންނީ ޖުމްހޫރީ ނިޒާމުގެ ވެރިކަމެވެ.
ރާއްޖޭގެ ޖުމްހޫރީ ނިޒާމުގެ " ޕްރެޒިޑެންޝަލް ސިސްޓަމް"ގެ ވެރިކަން، ދައުލަތުގެ ތިންބާރުވަކިވެފައިވާ ޒަމާނީ ޑިމޮކްރެޓިކް ނިޒާމަކަށް މުޅިން ބަދަލުވެގެން ދިޔައީ 2008 ވަނަ އަހަރު ، މިއަދު މި ޢަމަލުކުރާ އައު ޤާނޫނުއަސާސީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ތަސްދީޤު ކުރެއްވި ހިސާބުންނެވެ. އެހެންކަމުން ރާއްޖޭގައި މިއަދު މި އޮތީ އެންމެ ފުރިހަމަ ގޮތުގައި ޒަމާނީ ޑިމޮކްރެޓިކް ހަމަޔާއި އުސޫލާއެއްގޮތަށް ފަރުމާކުރެވިފައިވާ ރިޔާސީ ޖުމްހޫރީ ނިޒާމެކެވެ. ދައުލަތުގެ ބާރުތައް ވަކިވުމުގެ އިތުރުން މުސްތަޤިއްލު މުއައްސަސާތަކާއި ޤާނޫނީ ޝަޚްސުތައް ޑިމޮކްރެޓިކް އުސޫލުން އުފައްދާފައިވާ ޒަމާނީ ޑިމޮކްރަސީއެކެވެ.
މިއަދުގެ ދުނިޔޭގައި 43 ޤައުމެއް ޕްރެޒިޑެންޝަލް ރިޕަބްލިކުގެ ގޮތުގައި އޮތް އިރު، 22 ޤައުމެއް ޕްރެޒިޑެންޝަލް ސިސްޓަމް ވިތް ޕްރައި މިނިސްޓަރ އެއް ހުންނަވާ ނިޒާމުގައި ހިނގަމުން ދާއިރު، 26 ޤައުމެއް ސެމީ ޕްރެޒިޑެންޝަލް ސިސްޓަމްގައި ހިނގަމުން އެބަދެއެވެ. އަދި 47 ޤައުމެއް ޕާލަމެންޓަރީ ރިޕަބްލިކްސްގެ ގޮތުގައި ފެންނަމުންދާއިރު، 7 ޤައުމެއް މިކްސް ރެޕަބްލިކްސްގެ ގޮތުގައި ވެރިކަން ހިނގުމުގެ ނިޒާމު ފަރުމާކޮށްފައި އޮތްވައި އެބަ ފެނެއެވެ. މި ޤައުމުތަކުގެ ތެރެއިން ދިވެހި ރާއްޖެފަދަ ޑިމޮކްރަސީއަށް ހަގު ޤައުމެއް، އެމެރިކާފަދަ ޒަމާނީ ޖުމްހޫރީ ޑިމޮކްރެޓިކް ރިޔާސީ ނިޒާމެއް ޤާއިމް ކޮށްފައި މިވަނީ ޖުމްހޫރީ ނިޒާމަށް ރާއްޖެ ފުރޮޅުނުތާ 47 އަހަރުގެ ތެރޭގައެވެ.
މިކަމުން ޔަޤީންވަނީ ދިވެހިރާއްޖޭގެ އިސްވެދިޔަ ވެރިންނާއި ރައްޔިތުން ޖުމްހޫރީ ވެރިކަން ބަލައިގަތީ ސީރިއަސްކަމާއެކު، މި ނިޒާމު ފުރިހަމަ ކޮށްގެން ރައްޔިތުންގެ ވެރިކަމެއް، ހަރުދަނާގޮތުގައި ދަމަހައްޓަން ކަމެވެ. އެއީ މި ނިޒާމުން ދިވެހި ރާއްޖެ ތަރައްޤީގެ އަވަސް ފިޔަވަޅުތަކެއް އަޅައި ދުނިޔެއާއި ފައި ހަމަކުރުމުގެ ސީރިއަސް މަޤްސަދެއްވެސް އޮތުމުން ކަމެވެ.