11 Nov 2015, 21:21
ލ. ގަމުގައި ޖަންގްޝަނެއް ފަޅައިގެން ގޮސް ނަޖިސް ބޭރުވުން ހައްލު ނުކުރެވި އުޅެނިކޮށް، ވާރޭވެހި ފެންބޮޑުވުން ބޮޑު ސަރަހައްދަކަށް ނަޖިސް ބޭރުވެއްޖެ އެވެ.
އެ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ނަޖިސް ބޭރުވާނީ ގަމު އުތުރު ފަރާތު މަގެއްގައި ހުންނަ ޖަންގުޝަނަކުން ކަމަށެވެ. އަދި އެ ޖަންގުޝަނުން ނަޖިސް ބޭރުވާ މައްސަލަ ހައްލު ނުކުރެވޭތާ ދުވަސްތަކެއް ވެއްޖެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ނުބައި ވަސް ދުވާ ކަމަށާއި، އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ކަމަށް އޭނާ ބުންޏެވެ.
"މުޅި ސަރަހައްދުން ދުވަނީ ނަޖިސް ވަސް. ގޭގައި ކާން ތިބެން ވެސް އުނދަގޫ. ފުދޭވަރަކަށް ދުވަސް ވެއްޖެ މިކަމުގެ އުނދަގޫ ކުރިމަތިވެގެން. މަގުގައި ހުރީ ހަމަ ސީދާ ނަޖިސް،" ގަމުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ، ޖަންކްޝަން ފަޅައިގެން ގޮސްފައި ވަނީ ބޮޑު ލޮރީއެއް އަރައިގެން ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
މިހާދުވަސް ވީއިރު އެކަން ހައްލުކުރުމުގެ މަސައްކަތް ފެށިފައި ނުވީ އެކަމަށް ބޭނުންވާ ތަކެތި ނުލިބުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް އެމްޑަބްލިއުއެސްސީ އާއި ފެނަކައާ ގުޅިގެން މާދަމާ އެ ސަރަހައްދު ކޮނެ އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"ބޭނުންވާ ތަކެތި ނުލިބި ހުރީމަ އަޅުގަނޑުމެންނަށް އެ މަސައްކަތް ނުފެށި ލަސްވަނީ. ނަމަވެސް މާދަމާ އިރާދަކުރެއްވިއްޔާ ފެނަކަ އަދި އެމްޑަބްލިއުއެސްސީގެ އެހީއާއެކު މަސައްކަތް ފަށާނަން،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވާރޭވެހި ފެންބޮޑުވުމުން މިހާރު މުޅި މަގަށް ނަޖިސްތައް ފެތުރިފައިވާ ކަމަށާއި ރައްޔިތުން އެކަމާ ޝަކުވާ ކުރާ ކަމަށެވެ.