11 Nov 2015, 19:57
މިމަހުގެ ދެވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މުލީއާގެ ކައިރިން އައިއީޑީއެއް ފެނުނު މައްސަލައާ ގުޅިގެން 4 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިރޭ ސަން އަށް ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރި އެންމެންނަކީ ވެސް 18 އަހަރުން މަތީގެ މީހުން ކަމަށެވެ. އަދި އެ އެންމެންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.
އެހެންނަމަވެސް އެމީހުން ހައްޔަރުކުރީ ކޮން ދުވަހަކު ކަމެއް އަދި އެ މައްސަލައިގެ އިތުރު ތަފްސީލު އޭނާ ހާމައެއް ނުކުރެއެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ މުލީއާގެ ކައިރީގައި ހުރި ޕިކަޕެއްގައި އައިއީޑީއެއް ހަރުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަވަހާރަކޮށްލުމުގެ ގޮތުން ކަމަށެވެ.
އުމަރު ވިދާޅުވީ އައިއީޑީ ހަރުކޮށްފައިވާ މަގަކީ ރައީސް ޔާމީން އާންމުކޮށް ދަތުރުފުޅުކުރައްވާ މަގެއް ކަމަށެވެ.
އައިއީޑީ ފެނުމާއެކު އެމްއެންޑީއެފުން ވަނީ ސްޓޭޑިއަމް ސަރަހައްދަށް އެގޮތުން އެޑިވައިސް ނުގޮވާގޮތަށް ހަދައިފައެވެ.
އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވެފައި ވަނީ މުލީއާގެ ސަރަހައްދުގައި އެ އައިއީޑީ ގޮވިނަމަ އެ ސަރަހައްދުގެ އެތައް ގެއެއްގެ ބިމާހަމަވެ، އެހަތައް ބައެއް މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެ ހާދިސާއަށްފަހު ސަރުކާރުން މިހާރު ވަނީ މުލީއާގެ ކައިރީ ވެހިކަލްތައް ޕާކުކުރުން މަނާކޮށްފައެވެ.