11 Nov 2015, 19:44
ފުލުހުންގެ ހައްޔަރުގައި މީހުން ބައިތިއްބާ ރަށެއް ކަމުގައިވާ ކ.ދޫނިދޫގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރާނެ ކޯޓު ރޫމެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިރޭ ސަން އަށް ވިދާޅުވީ ދޫނިދޫގައި ކޯޓު ރޫމް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އަތޮޅުވެހީގައި ވެސް ކޯޓު ރޫމެއް ހެދުމަށް ނިންމާފައިވާ ކަމަށް މަނިކު ވިދާޅުވިއެވެ.
މަނިކު ވިދާޅުވީ އެކަމަކީ ވަކި މީހަކަށް ޓާގެޓުކޮށްގެން ކުރާ ކަމެއް ނޫން ކަމަށާއި އެއީ ކުރިން ވެސް އެ ކޯޓުން ކުރަން އުޅުނު ކަމެއް ކަމަށެވެ.
އެ މަސައްކަތް ކުރުމަށްޓަކައި ކަމާބެހޭ ގަވާއިދެއް އެކުލަވާލައި އެ ކޯޓުގެ ގާޒީންގެ މަޖިލީހުން މީގެކުރިން ފާސްކޮށްފައިވާ ކަމަށް ވެސް މަނިކު ވިދާޅުވިއެވެ.
"މިއީ ދައުލަތުގެ ބަޖެޓަށް ވެސް ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމެއް. ފުލުހުން އެބަވިދާޅުވެ ތިމަންނަމެން ދޫނިދޫން ބަންދުގައި ތިބޭ މީހުން ކޯޓަށް ހާޒިރުކުރުމަށްޓަކައި ވަރަށް ބޮޑެތި ހޭދަތަކެއް ކުރަންޖެހޭ ކަމަށް. އެހެންވީމަ މިއީ އެތައް ޚަރަދެއް ދައުލަތުގެ ބަޖެޓުން ލުއިވެގެން އަންނާނެ ކަމެއް،" މަނިކު ވިދާޅުވިއެވެ.
ދޫނިދޫގައި ކޯޓު ރޫމެއް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ވެސް ބަންދުކޮށްފައި ވަނީ ދޫނިދޫގައެވެ.
އަދީބުގެ ބަންދުގެ މުއްދަތު ވެސް ކުރިއަށްގެން ގޮސްފައި ވަނީ އެމަނިކުފާނު ދޫނިދޫގައި ބަހައްޓައިގެން ކްރިމިނަލް ކޯޓާއި ދޫނިދޫ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލައިގެންނެވެ.