03 Apr 2011, 23:14
އަތޮޅުތަކުގެ ތެރޭ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް އަތޮޅުތަކުގެތެރޭގައި ގާއިމްކުރި ހެލްތު ކޯޕަރޭޝަންތަކަށް ބަދަލުވުމަށް ފުރުސަތު ދިނުމުން، އެގޮތަށް ބަދަލުވާން ބޭނުންނުވި 98 މުވައްޒަފަކު ސިވިލް ސާވިސް އިން ވަކިކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ، އެ ހުރިހާ މުވައްޒަފުން ވެސް ވަޒީފާ އިން ވަކިކުރާނީ ގާނޫނުގައިވާ ގޮތަށް އިނާޔަތް ދިނުމަށް ފަހު ކަމަށެވެ.
އަދި އޭގެ ތެރޭގައި ގިނައީ 55 އަހަރުން މަތީގެ މީހުން ކަމަށާއި އެމީހުން ވަޒީފާ އިން ވަކިކުރަނީ ތިން މަސް ދުވަހުގެ ނޯޓިސްއަށްވާ ފައިސާގެ އިތުރުން އެހެނިހެން ފައިސާހެ އިނާޔަތްތަކެއް ދިނުމަށް ފަހު ކަމަށެވެ. އެގޮތުން ވަޒީފާ ގެއްލޭ މުވައްޒަފުންގެ ތެރެއިން 55 އަހަރުން މަތީގެ މީހުންނަށް އެންމެ ފަހުން ލިބުނު މުސާރައާ އެއްވަރުގެ އަދަދެއް ކޮންމެ މަހަކު ވެސް އެމީހުންނަށް މެދުނުކެނޑި ލިބެމުންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
"ވަޒީފާ އިން ވަކިވާ މުވައްޒަފުންނަށް މިދެވޭ އިނާޔަތަކީ ކޮމްޕެންސޭޝަނެއް( ފުރިހަމަ ބަދަލެއް) ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ނަމަވެސް މިއީ މިފަދަ ވަޒީފާ ނެތް ދުވަސްވަރެއްގައި އެބޭފުޅުންގެ ވަޒީފާ ގެއްލުނީމާ ވަރަށް ބޮޑު ނިކަމެތިކަމެއް ލިބޭނެތީ ދެވޭ އިނާޔަތެއް." ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ، ހެލްތު ކޯޕަރޭޝަންތަކަށް ބަދަލުނުވާން ބައެއް މުވައްޒަފުން އިޚުތިޔާރުނުކުރުމުން އެ މީހުންނަށް އިތުރު ވަޒީފާއެއް ހަމަޖައްސައިދޭން ކޮމިޝަނުން މަސައްކަތްކުރި ކަމަށެވެ. ނަމަވެސް، އެ މުވައްޒަފުން ބަދަލުކުރާނެ ސިވިލް ސަރވިސްގެ އެހެން ވަޒީފާތަކެއް އަތޮޅުތަކުގައި ނެތުމުން ވަޒީފާ އިން ވަކިކުރަން ޖެހެނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސިވިލް ސަވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، ސިވިލް ސާވިސްގެ 2180 މީހުން ހެލްތު ކޯޕަރޭޝަންގެ ވަޒީފަތަކަށް ބަދަލުވުމަށް އިޚުތިޔާރުކޮށްފައިވާ ކަމަށެވެ. އެމީހުން ދެން މަސައްކަތްކުރަމުންދާނީ އަޕާ ނޯތު ހެލްތު ސާވިސަސް ކޯޕަރޭޝަނާއި ނޯދަން ހެލްތު ސާވިސަސް ކޯޕަރޭޝަނާއި އަޕާ ސައުތު ހެލްތު ސާވިސަސް ކޯޕަރޭޝަނުގެ އިތުރުން ސައުތު ސެންޓްރަލް ހެލްތު ސާވިސަސް ކޯޕަރޭޝަނުގެ ދަށުން ކަމަށް ސިވިލް ސާވިސް އިން ބުނެ އެވެ.