11 Nov 2015, 19:03
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މާދަމާ ހުށަހަޅާ ބަޖެޓުގެ ޖުމްލަ އަދަދަކީ 27.457 ބިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މިއީ މިއަހަރުގެ ބަޖެޓަށް ވުރެ ބޮޑު އަދަދެކެވެ. މިއަހަރުގެ ބަޖެޓަކީ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"2016 vana aharah lafaa kuraa dhaulathuge budget ge jumla adhadhaky 27.457 billion dhivehi rufiyaa" -im
— Ibrahim Muaz Ali (@SpokespersonMV)November 11, 2015
މިދިޔަ މަސް ނިމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ދައުލަތުގެ ބަޖެޓް ހުށަހެޅުން ލަސްވީ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާއާ ގުޅިގެންނެވެ. މާލިއްޔަތު ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެ އެވެ.
މި އަހަރުގެ ބަޖެޓްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 24.3 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ ގޮތުގައި ލިބޭނެ ކަަމަށް ބަޖެޓުގައި ލަފާކޮށްފައި ވަނީ 21.5 ބިލިއަން ރުފިޔާ އެވެ.
ރިކަރެންޓް ޚަރަދަށް 15.8 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަަމަށް އަންދާޒާކޮށްފައިވެ އެވެ.