11 Nov 2015, 17:13
ވޯލްޑްކަޕް ކޮލިފައިންގައި މާދަމާ ހޮންކޮންއާ ދެ ކޮޅަށް ނިކުންނާނީ އެޓޭކިން ގޭމެއް ކުޅެ މެޗު ކާމިޔާބު ކުރުމަށް ކަމަށް ގައުމީ ޓީމުގެ ކޯޗު ރިކޫ ހާބަޓް ބުނުފިއެވެ.
މާދާމާގެ މެޗްގެ ކުރިން އޮތް ޕްރީ މެޗް ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ހާބަޓް ބުނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ އަދި ކުރިއަށް އަރައި އެޓޭކިން ފުޓްބޯޅަ ކުޅެން ދިވެހި ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި ބައިކޮޅަށް ގިނަ ގޯލްތަކެއް ވަނަސް އޭގެ ފައިދާ ފަހުން ކުރާނެ ކަމަށެވެ.
"ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ޖެހޭ އެބަ. އަހަރެން ނިއުޒީލެންޑާ ހަވާލުވެގެން ވެސް ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅުނީ. އެ ހިތްވަރު ހޯދަން އެބަޖެހޭ. ދިވެހި ޒުވާން ކުޅުންތެރިންނަށް މަޖުބޫރު ނުކުރޭ. އެ ކުޅުންތެރިންނަށް ކުރިއަށް އަރައި އެޓޭކްކުރަން ފުރުސަތު ދޭން ވާނެ،" ހާބަޓް ބުންޏެވެ.
ހާބަޓް ބުނީ އެގޮތަށް ކުޅެން ހަދައިގެން ބައިކޮޅަށް ލަނޑުތަކެއް ވަދެދާނެ ކަމަށާއި އެހެން ނަމަވެސް ފަހަށް އޭގެން ފައިދާކުރާނެ ކަމަށެވެ. ގައުމީ ޓީމާއި ހަވާލުވި ފަހުން ރާއްޖޭގައި ކުޅޭ ފުރަތަމަ މެޗަށް ނުކުތުމުގެ ކުރިން ކޯޗު ބުނީ ގަތަރާއި ހޮންކޮން އަދި ޗައިނާއާ ދެކޮޅަށް ވެސް ރާއްޖެ ކުޅުނީ ޑިފެންސިވް ގޭމެއް ކަމަށެވެ.
"އެ ޓީމްގައި ވަނީ ބިދޭސީ ވަރަށް ގިނަ ކުޅުންތެރިން ހިމަނައިފަ އެހެންކަމުން އެއީ އަހަރެމެންނަށް ބޮޑު ޗެލެންޖެއް. ކޮންމެ ގޮތެއް ވިޔަސް ހޮންކޮން އެ އޮތީ ގްރޫޕުގެ ދެ ވަނައިގައި. މެޗު ވަރަށް ވާދަވެރި. އަހަރެމެން ހޮންކޮން އަށް ވަރަށް ބޮޑަށް އިހުތިރާމްކުރަން،" ހާބަޓް ބުންޏެވެ.
ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއިން ފަސް މެޗު މިހާތަނަށް ކުޅެފައިވާ އިރު، ރާއްޖެ މޮޅުވެފައި ވަނީ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.
ރާއްޖެ ހިމެނޭ ގްރޫޕް ސީގެ ހަތަރު ވަނައިގައި ތިން ޕޮއިންޓާ އެކު ރާއްޖެ އޮތްއިރު، މި ގްރޫޕްގެ އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތީ ގަތަރެވެ. ދެ ވަނައިގައި 10 ޕޮއިންޓާއެކު ހޮންކޮންގް އޮތް އިރު، ތިން ވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ޗައިނާއެވެ. މި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ބޫޓާން އެވެ.