ބާލިން(ނޮވެމްބަރު 11): މިއަހަރު ތެރޭގައި ޖަރުމަނަށް ހިޖްރަކުރި ރެފިއުޖީންގެ އަދަދު އަށް ލައްކައަށްވުރެ މައްޗަށް ގޮސްފައިވާއިރު މީގެތެރެއިން ތިންބައިކުޅަ ދެބައި ރެފިއުޖީންނަކީ ސޫރިޔާ ރައްޔިތުން ކަމަށާއި ރެފިއުޖީން އިތުރަށް ބަލައިގަތުމާމެދު މިހާރު ހިފެހެއްޓުންތަކެއް ގެންގުޅެން ފަށާފައިވާކަން ޖަރުމަނު ސަރުކާރުން ހާމަކޮށްފި އެވެ.

ޖަރުމަނުގެ ދާޚިލީ ވުޒާރާއިން ބުނީ ސޫރިޔާގެވެސް އަދި އެހެން ގައުމެއްގެވެސް ރެފިއުޖީން އިތުރަށް ބަލައިގަތުމާމެދު މިހާރު ވިސްނަމުންދާކަމަށާއި ރެފިއުޖީން ބަލައިގަތުމަށް ޖަރުމަނުގެ ރައްޔިތުންގެ ފަރާތުން ކުރިން ލިބުނު ތަރްޙީބު މިހާރު ނުލިބޭކަމުގައެވެ.

ޖަރުމަނުގެ ދާޚިލީ ވުޒާރާއިން މިހެން ބުނެފައިވާއިރު ރެފިއުޖީންގެ މައްސަލާގައި ޖަރުމަނުގެ އާންމު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް އިތުރުވެ ރެފިއުޖީން އިތުރަށް ބަލައި ނުގަތުމަށް ގޮވާލައި އެގައުމުގެ ބައެއް ސްޓޭޓްތަކުގައި ދާދިފަހުން މުޒާހަރާތަކެއްވެސް ކޮށްފައިވެއެވެ.

ޖަރުމަނުގެ ދާޚިލީ ވުޒާރާއިން ބުނީ އެގައުމަށް މިހާރު ވަދެތިބި ރެފިއުޖީންގެ ތެރެއިން ބައެއްމީހުން ޔޫރަޕްގެ އެހެންގައުމުތަކަށް ފޮނުވާލުމަށްވެސް މަސައްކަތް ކުރަމުންދާކަމުގައެވެ. ޔޫރަޕަށް ހިޖްރަކުރާ ރެފިއުޖީންގެ ތެރެއިން 80 އިންސައްތަ މީހުންދަނީ ޖަރުމަނަށެވެ. މިހާ ގިނައަދަދެއްގެ ރެފިއުޖީން އަހަރެއްގެ ތެރޭގައި ޖަރުމަނަށް ހިޖްރަ ކުރުމުގެ ސަބަބުން އެމީހުންނަށް ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދިނުމުގައި ޖަރުމަނުގެ ބަޖެޓަށްވަނީ ދަތިތަކެއް ކުރިމަތިވެފައެވެ. މިއީ ދިގުމުއްދަތަކަށް ބަލާއިރު ޖަރުމަނަށް ފައިދާހުރި ކަމެއްނަމަވެސް ކުރު މުއްދަތެއްގައި ރެފިއުޖީންގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވެ ބަޖެޓަށް ބާރުބޮޑުވެގެންދާނެ ކަމަށް އެގައުމުން ބުނެއެވެ.

ޖަރުމަނަކީ ޔޫރަޕްގެ އެންމެ މުއްސަނދި އަދި އުފެއްދުންތެރިކަމުގެ ދާއިރާގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމެވެ. ޖަރުމަނަކީ ޔޫރަޕްގެ އެއްވަނަ އިގްތިސާދެވެ. އަދި އެއީ ދުނިޔޭގެ ހަތަރުވަނަ އިގްތިސާދުވެސް މެއެވެ. ޖަރުމަނަށް މިއަހަރުގެ ނިޔަލަށް 1.1 މިލިޔަން ރެފިއުޖީން ހިޖްރަކުރާނެ ކަމަށް އެގައުމުންވަނީ ލަފާކޮށްފައެވެ.(ރޮއިޓާސް)