11 Nov 2015, 15:52
މީގެ ހަތް މަސް ދުވަސް ކުރިން ބްރެޒިލްގެ ވެރިރަށް ރިއޯޑިޖެނީރޯ ސިއްސުވައިލީ އެގައުމުގެ ފުލުހުން ދިން ބަޑީގެ ހަމަލާއެއްގައި މަރުވެފައިވާ އުމުރުން އެންމެ 10 އަހަރުގެ އެޑްއާރްޑޯ ޑި ޖީސަސްގެ ފުރާނަ ނެތް ހަށިގަނޑުގެ ފޮޓޯ އާއްމުވުމުންނެވެ.
އެޑްއާރްޑޯ ދިރިއުޅުނު ސަރަހައްދުގައި ބޮޑެތި މުޒާހަރާތައް ކުރަމުން ދިޔަ އިރު އޭނާގެ ބެލެނިވެރިންނަށާއި ބްރެޒިލްގެ ރައްޔިތުންނަށް އެގައުމުގެ ސަރުކާރުން އޭރު ޔަގީންކަން ދެމުން ދިޔައީ އެޑްއާރްޑޯއަށް އިންސާފު ހޯދައިދެވޭނެ ކަމަށެވެ.
ކޮންމެ އަހަރަކު ވެސް ފުލުހުންގެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވާ ބްރެޒިލްގެ މީހުން އެޑްއާރްޑޯ މަތިން ދާދި އަވަހަށް ހަނދާން ނައްތައިލިއެވެ. އެހެން ނަމަވެސް އޭނާގެ ވާހަކަ މިހާރު އަލުން ފެންމަތިވެފައި މިވަނީ އޭނާ މަރުވި ހަމަލާ ދިން ފުލުހުން ބަޑި ޖަހާފައި ވަނީ އަމިއްލަ ދިފާއުގައި ކަމަށް އެހާދިސާ ތަހުގީ ކުރި މީހުން ބުނުމުންނެވެ. ތަހުގީގު ކުރި މީހުން ބުނެފައި ވަނީ ފުލުހުން ބަޑި ޖެހީ އެޑްއާރްޑޯ ހުރި ދިމާލުން އެމީހުންނާ ދިމާލަށް ބަޑި ޖެހުމުން ކަމަށެވެ. އެހެން ނަމަވެސް އެދިމާލުން ފުލުހުންނާ ދިމާލަށް ބަޑިޖެހީ ކާކުކަން ނޭނގޭ ކަމަށް ވެސް ވަނީ ބުނެފައެވެ.
ނަމަވެސް ހާދިސާ ލޮލުން ދުށް މީހުން އެވާހަކަ ކިޔައިދޭ ގޮތް ތަފާތެވެ. އެމީހުން ބުނާ ގޮތުގައި ފުލުހުން ބަޑި ޖެހީ އެމީހުންނާ ދިމާލަށް މީހަކު ބަޑިޖަހައިގެންނެއް ނޫނެވެ.
އެޑްއާރްޑޯގެ މަންމަ ޓެރެޒިންހާ މާރިއާ ޑި ޖީސަސް މިދިޔަ މޭމަހު ބުނެފައި ވަނީ އެޑްއާރްޑޯ މަރައިލި ކަމަށް އަމިއްލައަށް އިއުތިރާފްވާ ފުލުހުންގެ އޮފިސަރުންތަކެއް އޭނާއަށް ބިރު ދެއްކި ކަމަށެވެ.(ނިއުޔޯކް ޓައިމްސް)